ކުޅުދުއްފިށީގެ ކުޅި ހިއްކައިގެން އެއާޕޯޓު އެޅިޔަސް ފަރުވާލެއް ނެތް ކަމަށް އިދިކޮޅު އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުން އަދި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސް ކުރުމަށް އިދިކޮޅު ޕާޓީތަކުގެ މެމްބަރުން މ. ކުނޫޒްގައި ކުރިއަށްދާ ޕެނަލް ޑިސްކަޝަންގައި ވާހަކަފުޅު ދައްކަވަމުން ޣަފޫރު ވިދާޅުވީ ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމަކީ ޕީޕީއެމް ސަރުކާރުގެ ވައުދެއް ކަމަށާއި އެ ވައުދު ފުއްދަން ޖެހޭނެ ކަމަށެވެ. ނަމަވެސް މި ދައުރު ނިމުމުގެ ކުރިން އެ ވައުދު ނުފުއްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަބްދުލްޤަފޫރު ވިދާޅުވީ އެމްޑީޕީގެ ތިން އަހަރުގެ ސަރުކާރުން އެ ރަށުގައި ވަނީ ބިން ހިއްކައިދީ ނަރުދަމާ އަޅައި މަގު ހަދަން ފަށާފަ ކަމަށާއި މިއަދުގެ ސަރުކާރުން ކުޅުދުއްފުށްޓަށް މާބޮޑު ކަމެއް ކޮށްދެމުން ނުދާ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުގެ ސަރުކާރެއްގައި ކުޅުދުއްފުށީގައި އެއާޕޯޓު އަޅާނީ އެ ރަށުގެ ރައްޔިތުން އެދޭ ގޮތަށް ކަމަށް ވެސް އަބްދުލްޤަފޫރު ވިދާޅުވި އެވެ.

"މިއަދުގެ ސަރުކާރުގެ ވައުދެއް އެއީ ކުޅުދުއްފުށީގައި އެއާޕޯޓު އެޅުމަކީ. އެކަން ކުރަން ވެސް ޖެހޭނެ. އަޅުގަނޑަށް ހެޔޮ ކުޅި ހިއްކައިގެން ވެސް އެއާޕޯޓެއް އެޅި ކަމުގައި ވީ ނަމަވެސް ކުޅުދުއްފުށީގައި އެއާޕޯޓެއް އަޅަން ޖެހޭނެ. އެކަމަކާ އަޅުގަނޑުގެ ފަރުވާލެއް ނެތް،" އޭނާ ވިދާޅުވިއެވެ.

އަންނަ އަހަރުގެ ރިޔާސީ އިންތިހާބާ ދެމެދު އޮތީ ގާތް ގަޑަކަށް 11 ވަރަކަށް މަސްކަން ފާހަގަކޮށް އަބްދުލްޤަފޫރު ވިދާޅުވީ އެހާ ހަމައަށް ނިމޭނީ ބިން ހިއްކުމުގެ މަސަތްކަތް ކަމަށެވެ. އަދި ދެން ޕީޕީއެމްގެ ސަރުކާރުން ދައްކާނެ ބަހަނާއަކީ އެއާޕޯޓުގެ މަސްރޫއު އިތުރަށް ކުރިއަށް ގެންދެވޭނީ ރިޔާސީ އިންތިހާބުގައި ވޯޓު ދިނުމުން ކަމަށެވެ.

އަބްދުލްޤަފޫރު އެހެން ވިދާޅުވެފައިވާއިރު ޕީޕީއެމަށް ފަސް އަހަރު ފުރުމުގެ މުނާސަބަތުގައި ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ވިދާޅުވީ އަންނަ އަހަރުގެ އޮގަސްޓް މަހު ތެރޭގައި ކުޅުދުއްފުށީ އެއާޕޯޓު ނިމި އެ ތަނުގައި ފްލައިޓް ޖައްސާނެ ކަމަށެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށަހަޅާފައިވާއިރު ބަޖެޓުގައި ވަނީ ކުޅުދުއްފުށީގެ 14 މަޝްރޫއެއް ހިންގުމަށް ފައިސާ ހިމަނާފައެވެ.