16 Nov 2017, 18:22
މާލޭ އެރޭޓެޑް ވޯޓާ ކޮންޕެނީ (އެމްއޭޑަބްލިއުސީ)ގެ ފަރާތުން މާކެޓްކޮށް ރާއްޖެ އެތެރެކުރާ މިނިޓްމެއިޑްގެ ފުރަތަމަ ބެޗްގެ ފުޅިތައް ނުވިއްކުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފިއެވެ.
އެމްއެފްޑީއޭއިން މިއަދު އާންމުކުރި ނޫސް ބަޔާނެއްގައި ވަނީ، އެ މާލޭ އެރޭޓެޑް ވޯޓާ ކޮންޕެނީން ރާއްޖެ އެތެރެކޮށްފައިވާ މިނިޓްމެއިޑްގެ ފުރަތަމަ ބެޗްގެ ފުޅީގެ ތިރީގައި ޖަހާފައި ވާނީ އުފެއްދި ތާރީޚުގެ ބަދަލުގައި މުއްދަތު ހަމަވާ ތާރީހު ކަމަށެވެ.
ރާއްޖެ އެތެރެކުރިއިރު އެ ބެޗުގެ ފުޅިތަކުގައި ތާރީޚު ލިޔެފައި ވާނީ ހުދުކުލައިންނެވެ. އެ ތާރީޚު ލިޔެފައިވާ ގޮތުގެ ސަބަބުން ކަސްޓަމަރުންނަށް އޮޅުން އަރާފާނެ ކަމަށް ބެލެވޭތީ ލިޔެފައިވާ ގޮތަށް ބަދަލުގެނެސްފައިވާ ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.
އެމްއޭޑަބްލިއުސީން ބުނީ، ފަހުން އެތެރެ ކޮށްފައިވާ ފުޅީގައި ކަސްޓަމަރުންނަށް ސާފުވާނެ ފަދައިންް މުއްދަތު ހަމަވާ ތާރީޚުގެ ބަދަލުގައި އުފެއްދި ތާރީޚު ކަޅުކުލައިން ޖަހާފައިވާނެ ކަމަށެވެ. އަދި މުއްދަތު ހަމަވާ ތާރީޚަކީ އުފެއްދި ތާރީޚުން ފެށިގެން ނުވަ މަސް ދުވަސް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
ފަހުން އެތެރެކޮށްފައިވާ ފުޅީގައި މުއްދަތު ހަމަވާ ތާރީޚު ލިޔެފައިވާ ލިޔުމަށް ގެނައި ބަދަލާއެކު އެންމެ ފުރަތަމަ އެތެރެ ކޮށްފައިވާ ފުޅިތައް ފިހާރަތަކުގެ ހަރުފަތްތަކުން ނެގުމަށް އެމްއޭޑަބްލިއުސީން ވަނީ އަންގާފައެވެ.