އަތޮޅުތެރޭގައި ކިޔަވައި ދެއްވާ ޓީޗަރުންނަށް، އެ ޓީޗަރަކު ހުރި ތަނަކުން ތަމްރީން ހެދޭނެ ގޮތަށް ތަރައްގީ ކުރި އީ ލާނިން ޕްލެޓްފޯމް ތައާރަފް ކޮށްފި އެވެ.

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އަދި ޔުނިސެފްގެ އެހީތެރިކަމާ އެކު ތަރައްގީ ކުރި އީ ލާނިން ޕްލެޓްފޯމް، "އެޑިއުދާލަ" އިފްތިތާހް ކުރީ މިއަދު ސްޓެލްކޯގެ އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އީ ލާނިން ޕްލެޓްފޯމް އަދި އީ ލާނިން ސްޓެރަޖީ އިފްތިތާހް ކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެންއައިއީއާ ހަވާލުވެގެން ހުންނަވާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ނާހީދު މުހައްމަދު ރަޝާދު ވިދާޅުވީ، ތައުލީމީ ނިޒާމެއްގެ އެންމެ މުހިއްމު ބަޔަކީ މަންހަޖަށް އަހުލުވެރި ފެންވަރު ރަނގަޅު ގާބިލް އިންސާނީ ވަސީލަތްތައް ކަމަށެވެ.

ނަމަވެސް ދިވެހި ޓީޗަރުންނަށް ސްކޫލުގައި ކިޔަވައިދެމުން، ލިބޭ ޗުއްޓީތައް ނަގާލައި މާލީ ގޮތުން ބޮޑެތި ހަރަދުތަކެއް ކޮށްފައި ތަމްރީން ހާސިލް ކުރުމަކީ މިއަދާ ހަމައަށް ވެސް ދިމާވެފައިވާ ގޮންޖެހުންތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއަދު އިފްތިތާހް ކުރެވޭ ޕްލެޓްފޯމްގެ ސަބަބުން އެ ގޮންޖެހުންތަކަށް ބޮޑެތި ހައްލުތަކެއް ކުރިއަށް އޮތްތަނުގައި ވެސް ލިބިގެންދާނެ،" ނާހީދު ވިދާޅުވި އެވެ.

އެންއައިއީ އިން ބުނީ، މިއަދު ތައާރަފް ކުރި އީ ލާނިން ޕްލެޓްފޯމްގެ ތެރެއިން އެ ވަގުތެއްގައި ބައިވެރިވެވެން ހުރި ކޯސްތަކާއި އެ ކޯހެއްގެ މައުލޫމާތު ފެންނަން ހުންނާނެ ކަމަށެވެ.

އަދި އެ ކޯހެއްގެ ހުރިހާ ބައިވެރިންނަށް އެއްފަހަރާ ފިލާވަޅެއްގައި ބައިވެރިވުމާއި ދޭދޭ މުދައްރިސުންގެ މެދުގައި ކިޔަވައިދިނުމުގައި ހިޔާލު ބަދަލު ކުރުމަށް ފުރުސަތު ލިބިގެންދާ އިރު، ދަރިވަރަށް ވިސްނައިގަނެވޭނެ ފަސޭހަ ގޮތްތަކަށް ފިލާވަޅުތައް ނަގައިދޭނެ ގޮތްތަކާއި ކިލާސްރޫމްތަކުގައި ހިންގާނެ ފިލާވަޅާ ގުޅޭ ހަރަކާތްތައް ވެސް ޓީޗަރުންނަށް އެ ނިޒާމުގެ ތެރެއިން ލިބޭނެ އެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ، މިއަދު އިފްތިތާހްކުރި އީ ލާނިން ޕްލެޓްފޯމަކީ ރާއްޖޭގެ ތަރައްގީ އަށް ހުރި ހުރިހާ ހުރަސްތައް އިޖާދީ ވިސްނުންތެރިކަމާއި އެކު ގިރާކުރެވިދާނެ ކަމުގެ ފުރިހަމަ މިސާލެއް ކަމަށެވެ.

ދުނިޔޭގައި އީ-ލާނިން ތަމްރީނުތައް އާއްމުވަމުން އަންނަކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ތަމްރީނު ހޯދުމަށް، ދަތުރުކުރުމުގެ ބަދަލުގައި އެ މީހަކާ ހަމައަށް ތަމްރީނު ހަމަކޮށްދިމުނުމަކީ މިއަދު އެންމެން ގަބޫލުކުރާ އަސާސެއް ކަމަށެވެ.

އަދި ރާއްޖޭގައި ވެސް އިންޓަނެޓަކީ މިއަދު އާއްމުވެފައިވާ އަދި އާއްމުކޮށް ބޭނުން ކުރާއިރު ތައުލީމް ފޯރުކޮށްދިނުމަށް ޓަކައި އީލާނިންނަކީ ރާއްޖެއާ ވަރަށް އެކަށީގެންވާ އަދި ބޭނުންތެރި މީޑިއަމްއެއް ކަމަށް ވިދާޅުވި އެވެ.

"ރާއްޖޭގެ އާބާދީ ބެހިފައިވާގޮތުން، ތަމްރީނުތަކުގައި ބައިވެރިވުމަށް ވަޒީފާ އޮންނަ ރަށް ނޫން އެހެން ރަށަކަށް ދަތުރު ކުރަންޖެހުމަކީ އަބަދުވެސް ދަތިކަމެއް.އެހެންކަމުން، މިއަދު މި ތައާރަފް ކުރެވޭ ޕްލެޓްފޯމަކީ ފެންވަރު ރަގަޅު ތައުލީމެއް ފޯރުކޮށްދިނުމަށް މި ކުރާ މަސައްކަތުގައި އުފާވެރި ދުވަހެއް." މިނިސްޓަރު ވިދާޅުވި އެވެ.