16 Nov 2017, 14:37
ހުރިހާ ރައްޔިތުންނަށް އެއް ހަމައެއްގައި ސަބްސިޑީ ދިނުން ގަބޫލު ނުކުރައްވާ ކަމަށް ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސް ކުރުމަށް މިހާރު ކުރިއަށްދާ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އެމަނިކުފާނު ގަބޫލު ކުރައްވާ އުސޫލަކީ "އެއްގޮތް ހާލަތުގައި ތިބޭ މީހުންނާ މެދު އެއްގޮތް އުސޫލުން ކަންތައްކޮށް، ދެގޮތް ހާލަތުގައި ތިބޭ މީހުންނާ މެދު އެއްގޮތް އުސޫލުން ކަން ނުކުރުން" ކަމަށެވެ.
އަދި އޭނާ ގަބޫލު ކުރައްވާ ގޮތުގައި އިޖްތިމާއީ އަދާލަތަކީ އެއީ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ކަރަންޓު ބިލު ނުދެއްކޭ މީހާއަށް ކަރަންޓު ބިލު ދެއްކޭނެ ގޮތް ހަދައިދީ އޭނާ އަށް އެ ބުރަ ލުއިކޮށްދިނުމަކީ އަޅުގަނޑު ވެސް ތާއީދު ކުރާ ކަމެއް. އެކަމަކު އަޅުގަނޑާ އެންމެން ނިކަމެތި މީހާގެ ކަރަންޓު ބިލު ސަރުކާރުން ދައްކައިދޭ އެއްޗަކަށް ވާކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،"
މީގެ އިތުރުން ނަޝީދު ވިދާޅުވީ ފޯރުންތެރިކަން ހުރި މިންވަރަކުން ކޮންމެ މީހަކު ވެސް އެމީހެއްގެ ހަރަދުތައް އަމިއްލަ އަށް ކުރަން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ފޯރުންތެރިކަން ނެތް މީހުންނަށް އަޅާލެވޭނެ ގޮތެއް އޮންނަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަންނަ އަހަރަށް 27.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ލަފާކޮށްްފައިވާ އިރު ސަބްސިޑީގެ ގޮތުގައި 1992 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ. އެއީ މިއަހަރުގެ ބަޖެޓާ އަޅާ ބަލާއިރު 2.9 ޕަސެންޓް އިތުރު އަދަދެކެވެ.
މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެންބަރު ނަޝީދު އިތުރަށް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ހަތް ބިލިއަން ރުފިޔާ ތަރައްގީގެ މަޝްރޫއުތަކަށް ހިމަނާފައިވާ ކަމަށާ މިއީ ރާއްޖޭގެ އެތެރޭގައި ދައުރު ކުރާނެ ވަރަށް ގިނަ ފައިސާ ކަމަށެވެ.
ބަޖެޓްގެ ތެރެއިން މިހާ ގިނަ ފައިސާ ދައުރު ވާއިރު، ފައިސާ އާމެދު ޒިންމާދާރު ވުމަށް ނަޝީދު ވަނީ އެދިވަޑައިގެންފަ އެވެ.