ޕްނޮމް ޕެން (ނޮވެމްބަރު 16): ކެމްބޯޑިއާގެ މައި އިދިކޮޅު ޕާޓީން އެ ގައުމުގެ ސަރުކާރު ވައްޓާލަން މަސައްކަތް ކުރި ކަމަށް ބުނެ ވެރިކަން ކުރާ ޕާޓީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އިދިކޮޅު ޕާޓީ އުވާލުމާ ބެހޭ ގޮތުން ކޯޓުން މިއަދު ގޮތެއް ނިންމާނެ ކަމަށް ބުނެފި އެެވެ.

ކެމްބޯޑިއާ ނެޝަނަލް ރެސްކިއު ޕާޓީ (ސީއެންއާރުޕީ) އަކީ އަންނަ އަހަރު އެގައުމުގައި އޮންނަ އާއްމު އިންތިހާބުގައި ވެރިކަން ކުރާ ކެމްބޯޑިއަން ޕީޕަލްސް ޕާޓީ (ސީޕީޕީ)އާ އެންމެ ގާތުން ވާދަ ކުރާނެ ކަމަށް ބެލެވޭ ޕާޓީ އެވެ. ނަމަވެސް ސީއެންއާރުޕީީ އުވާލަން ސުޕްރީމް ކޯޓުން ނިންމައިފި ނަމަ އެޕާޓީއަށް ނިސްބަތްވާ 118 މަޖިލިސް މެމްބަރުން ސިޔާސީ ދާއިރާއިން މަނާ ކުރެވޭނެ އެވެ. އަދި އެގައުމުގައި ސަރުކާރަށް ގޮންޖަހާލެވޭ ފަދަ އިދިކޮޅު ޕާޓީއެއް ނެތްކަން ޔަގީން ކުރެވޭނެ އެވެ.

ސީއެންއާރުޕީން ވަނީ އެޕާޓީއާ ދެކޮޅަށް ކޮށްފައިވާ ތުހުމަތުތައް ދޮގުކޮށްފަ އެވެ. ނަމަވެސް ސުޕްރީމް ކޯޓުގައި އެމައްސަލަ ބައްލަވާ ފަނޑިޔާރަކީ ވެރިކަން ކުރާ ޕާޓީގެ މެމްބަރެއް ކަމުން، ކޯޓުން ނިންމާނީ ޕާޓީ އުވާލަން ކަމަށް ސީއެންއާރުޕީން ބުނެ އެވެ. އަދި އޭގެ ސަބަބުން އިދިކޮޅު ޕާޓީއަށް ނިސްބަތްވާ ގިނަ އަަދަދެއްގެ މަޖިލިސް މެމްބަރުން ވަނީ ގައުމު ދޫކުރައްވައި ވަޑައިގެންފަ އެވެ.

މީގެ އިތުރުން، ކެމްބޯޑިއާގެ ބޮޑުވަޒީރު ހުން ސެން ވަނީ ކޯޓުން ނިންމާނީ ޕާޓީ އުވާލަންކަން ޔަގީންވާ ކަމަށާއި ވީމާ ސީއެންއާރުޕީގެ މެމްބަރުން ސީޕީޕީއާ ގުޅުމަށް ގޮވާލައްވައިފަ އެވެ.

ކެމްބޯޑިއާގައި ވެރިކަން ކުރައްވާތާ 32 އަހަރުވެފައިވާ ހުން ސެން ގެންދަވަނީ އިދިކޮޅު ފަރާތްތަކުގެ އަޑު މަޑު ކުރަމުން ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުން ބުނެ އެވެ. އެގޮތުން މިދިޔަ ސެޕްޓެމްބަރު މަހު އެގައުމުން ވަނީ ސީއެންއާރުޕީގެ ލީޑަރު ކެމް ސޯކާ ހައްޔަރުކޮށް، އޭނާގެ މައްޗަށް ބަޣާވާތް ކުރުމުގެ ދައުވާކޮށްފަ އެވެ. (ބީބީސީ)