16 Nov 2017, 13:08
އަންނަ އަހަރުގެ ބަޖެޓްގައި އެންމެ ގިނަ މަޝްރޫއު ހިންގާ ރަށަކަށް ހދ. ކުޅުދުއްފުށި ހަމަޖައްސައިފި އެވެ.
އަންނަ އަހަރަށް ލަފާކޮށް އިއްޔެ މަޖިލީހަށް ހުށައެޅި ބަޖެޓްގައި ހިމަނާފައިވާ މަޝްރޫއުތަކަށް ބަލާ އިރު ކުޅުދުއްފުއްޓަށް ވަނީ ޖުމުލަ 14 މަޝްރުއޫއެއް ކަނޑައަޅާފަ އެވެ. އެއީ މިވަގުތު ހިނގަމުންދާ 13 މަޝްރޫއުއަކާއި އަންނަ އަހަރު އަލަށް ފަށާ އެއް މަޝްރުއުއެކެވެ.
މިހާރު ވެސް ކުޅުދުއްފުށީގައި ހިންގަމުންދާ މަޝްރޫއުތައް ކަމަށް ބަޖެޓްގައި ބުނެފައި ވަނީ
ކަސްޓަމްސް ނޯތު ރީޖަން ހެޑް އޮފީހާއި ޢިމާރާތް
- ލޯކަލް މާރުކޭޓް އެޅުން
- ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ ކުޅުދުއްފުށި ކެމްޕަސް 3 ބުރީގެ ކުލާސްރޫމް ބްލޮކް އިމާރާތްކުރުން
- ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ ކުޅުދުއްފުށި ކެމްޕަސްގައި އޮޑިޓޯރިއަމްއެއް ހެދުން
- ސްޕޯޓްސް އެރީނާ ޤާއިމްކުރުން
- ކުޅުދުއްފުށި ޒުވާނުންގެ މަރުކަޒު ޢިމާރާތްކުރުން
- މަގުހެދުން
- ކުޅުދުއްފުށީ ހާބާ އެކްސްޕެންޝަން ޕްރޮޖެކްޓް
- ކުޅުދުއްފުށީ ހާބާ އެކްސްޕެންޝަން ޕްރޮޖެކްޓް (ލޯކަލް ކޮމްޕޮނަންޓް)
- އެއަރޕޯޓް ގާއިމްކުރުން (ބިން ހިއްކުމާ އެކު)
- މަގުބައްތި ޖެހުން
- 6 ހައުސިންގް ޔުނިޓް
- 180 ހައުސިންގް ޔުނިޓްއާއި ނަރުދަމާގެ މަސައްކަތް
- ސްމޯލް ސްކޭލް ވޭސްޓް ޓު އެނާރޖީ ޕްރޮޖެކްޓް
މިހުރިހާ މަޝްރުއުގެ ޖުމުލަ އަގެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 124 މިލިއަން ރުފިޔާ އެވެ.
ކުޅުދުއްފުށީގެ އިތުރުން ދެން އެންމެ ގިނަ މަޝްރޫއުތައް ހިންގަން ހަމަޖެހިފައި ވަނީ ގދ. ތިނަދޫގަ އެވެ. އެ ރަށުގައި ޖުމުލަ 13 މަޝްރުއު ހިންގަން ހަމަޖެހިފައިވާ އިރު ތިނަދޫގައި މިހާރު އިމާރަތްކުރަމުންދާ އިސްލާމީ މަރުކަޒުގެ މަޝްރޫއު ވެސް ވަނީ ހިމާނަފަ އެވެ. ތިނަދޫގައި ހިންގުމަށް ހަމަޖެހިފައި ވަނީ 43 މިލިއަން ރުފިޔާގެ މަޝްރޫއު އެވެ.
ތިންވަނަ އަށް އެންމެ ގިނަ މަޝްރުއު ހިންގުމަށް ހަމޖެހިފައި ވަނީ އައްޑޫ ސިޓީ ހިތަދޫގަ އެވެ. އެ ރަށުގައި ޖުމުލަ 10 މަޝްރޫއުއެއް ވަނީ ހިންގުމަށް ހަމަޖެހިފައެވެ. އެ ރަށަށް ޖުމުލަ 77 މިލިއަން ރުފިޔާވަނީ ކަނޑައަޅާފަ އެވެ.
އަންނަ އަހަރަށް ލަފާ ކުރާ ބަޖަޓެކަށް ހުށައަޅާފައި ވަނީ 27.9 ބިލިއަން ރުފިޔާ އެވެ. އަންނަ އަހަރު ދައުލަތައް ހިލޭ އެހީގެ ގޮތުގައި 22.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފަ އެވެ. އެ އަދަދުގެ ތެރޭގައި ހިމެނެނީ ޓެކްސްގެ ގޮތުގައި ލިބޭ 16.3 ބިލިއަން ރުފިޔާ އާއި އެ ނޫން ގޮތް ގޮތަށް ލިބޭނެ ކަމަށް ލަފާކޮށްފައިވާ 5.2 ބިލިއަން ރުފިޔާ އެވެ. އަދި އެހެނިހެން ގޮތް ގޮތުން ހިލޭ އެހީގެ ގޮތުގަޔާއި ފަންޑުގެ ގޮތުގައި ލިބޭ 858 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.