ރާއްޖޭގައި މަސްވެރިކަމުގެ ގާނޫނެއް އެކުލަވާލިތާ ގިނަ އަހަރުތަކެއް ވެފައިވާތީ އެ ސިނާއަތަށް އައިސްފައިވާ ޒަމާނީ ބަދަލުތަކާ އެއްގޮތަށް އެ ގާނޫނު އިސްލާހު ކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތާރިގް (ޓޮމް) ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސް ކުރުމަށް މިހާރު ކުރިއަށްދާ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޓޮމް ވިދާޅުވީ 1987 ވަނަ އަހަރު ރާއްޖޭގައި މަސްވެރިކަމުގެ ގާނޫނެއް އެކުލަވައިލި ފަހުން އެ ސިނާއަތަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.

"އަމިއްލަ ކުންފުނިތަކުން މަސްގަންނަ ވަކި ޒޯނުތަކެއް އެބައޮތް. އެ ޒޯނުތަކުން އެހެން ފަރާތްތަކަށް މަސް ގަތުމުގެ ހުއްދަ އެއް ނެތް. އެހެންކަމުން މަސް ގަންނަ މި ކުންފުނިތަކުން މަސްގަންނަ އެންމެ ދަށްއަގެއް ކަނޑައެޅުމަކީ ކޮންމެހެން މިދެންނެވި ގާނޫނަށް ބަދަލު ގެނެސްގެން (މަސްވެރިކަމުގެ ގާނޫނަށް) ކުރަންޖެހިފައިވާ ކަމެއް ކަން ފާހަގަކޮށްލަން،" ޓޮމް ވިދާޅުވިއެވެ.

އަންނަ އަހަރަށް ބަޖެޓް ފާސްކުރާއިރު ރިކޮމެންޑޭޝަނެއްގެ ގޮތުގައި ނޫނީ ކޮންޑެންޖެންސީ ބަޖެޓުގައި މަސްވެރިކަމުގެ ގާނޫނަށް ގެންނަ ބަދަލާއެކު ހިނގާނެ ކަމަށް ލަފާކުރެވޭ ޚަރަދު ހިމެނުމަށް ޓޮމް ވަނީ ޚިޔާލު ފާޅުކުރައްވައިފައެވެ.

މީގެ އިތުރުން ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ މީހުންނަށް މަސްވެރިކަން ކުރާ ޒޯނު ފުޅާކޮށް ލޭނު އެޅުމުގެ ޒޯނު ހަނިކުރުމަށްވެސް ޓޮމް ވަނީ ގޮވާލައްވައިފައެވެ. އަދި ބަޖެޓް ކޮމެޓީގައި މަސައްކަތް ކުރިއަށްދާއިރު އެ ކަންތަކާމެދު ވާހަކަދެއްކުމަށް އޭނާ އެދިވަޑައިގަތެވެ.

މީގެކުރިންވެސް ޓޮމް ވަނީ މަސްވެރިންނަށް ދިމާވާ ގޮންޖެހުންތައް ހައްލުކޮށްދިނުމަށް ގޮވާލައްވައިފައެވެ.

ޓޮމްއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާތު ނެތް ކަމުގެ މައްސަލާގައި ސޮއިކުރެއްވި މެންބަރެކެވެ. އެއަށްފަހު ޓޮމް ވަނީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑު ވިދާޅުވަމުން ގެންދަވައިފައެވެ. ނަމަވެސް އދ ހަންޏާމީދޫގެ ނަރުދަމާގެ މަޝްރޫއުގައި ސޮއިކުރުމަށް ބޭއްވި ހަފްލާއަށްފަހު ޓޮމް ގެންދަވަނީ އަނެއްކާވެސް ސަރުކާރާއެކު މަސައްކަތް ކުރައްވަމުންނެވެ.

މިއަދުގެ ޖަލްސާގައި ޓޮމް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓަކީ ރައްޔިތުންގެ އިހުސާސްތަކާ ގުޅިފައިވާ، ރައްޔިތުންގެ ފަރުދީ މައްސަލަަކަށް ހައްލު ގެނުވައިދޭނެ ބަޖެޓެއް ކަމަށެވެ. އެގޮތުން ތައުލީމާއި ބޯހިޔާވަހިކަން އަދި ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައަށް އަންނަ އަހަރުގެ ބަޖެޓްގައި އިސްކަން ދީފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ. އަދި ކަރަންޓާއި ކާޑުގެ އަގު ކުޑަކުރުމަށް ސަބްސިޑީގެ ގޮތުގައި އެތައް މިލިއަން ރުފިޔާއެއް ބަޖެޓްގައި ހިމަނާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރައްޔިތުންނަށް ފަރުދީ ގޮތުން ދިމާވެގެންދާ މައްސަލަތަކުގައި 2018 ވަނަ އަހަރުގެ ބަޖެޓުން ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރަން،"

މަހިބަދޫ ދާއިރާގެ މަހިބަދޫ އާއި ހަންޏާމީދޫގެ ތަރައްގީއަށް ބަޖެޓުގައި މަޝްރޫއުތަކެއް ހިމަނާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ 27.9 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.