ކުރިއާ އަޅާބަލާއިރު މިހާރުގެ އިނގިރޭސި ޒުވާން ކުޅުންތެރިންގެ ފެންވަރު އެހާ ރަނގަޅު ނޫން ކަމަށް އިނގިރޭސި ފުޓްބޯޅަ ލެޖެންޑް މައިކަލް އޮވެން ބުނެފި އެވެ.

މިހާރު އިނގިރޭސި ގައުމީ ޓީމާ ހަވާލުވެ ހުރި ކޯޗު ގެރެތު ސައުތުގޭޓް، ޒުވާން ކުޅުންތެރިންނަށް ފުރުސަތުދެމުންދާތީ، ގިނަ ބަޔަކު ދަނީ އޭނާއަށް ތައުރީފްކޮށް ވާހަކަ ދައްކަމުންނެވެ.

ޖަރުމަން އަދި ބްރެޒިލްއާ ދެކޮޅަށް ކުޅެ އިނގިރޭސިން އެއްވަރުވި، އެކުވެރިކަމުގެ ދެ މެޗުގައި ވެސް ސައުތުގޭޓް ވަނީ ޒުވާން ކުޅުންތެރިންތަކެއް ބޭނުންކޮށްފަ އެވެ. ސީނިއާ ޓީމުން ފުރަތަމަ ފަހަރަށް ޓެމީ އަބްރަހަމް އަދި ޖޯ ގޮމޭޒަށް ޖާގަ ދިން އިރު، ރުބެން ލޮފްޓަސް ޗީކް އާއި ޑޮމިނިކް ސޮލަންކޭ ވެސް ބޭނުންކޮށްފައިވެ އެވެ.

އިނގިރޭސި ސީނިއާ ޓީމުން ޒުވާން ގިނަ ކުޅުންތެރިންތަކަކަށް ސައުތުގޭޓް ޖާގަ ދެމުންދިޔަ ނަމަވެސް، އިނގިރޭސި ލެޖެންޑް އޮވެން ގަބޫލުކުރާ ގޮތުގައި އޭނާ ކުޅުނު ޒަމާނުގައި ޒުވާން ކުޅުންތެރިންގެ ފެންވަރު، މިހާރުގެ ކުޅުންތެރިންނަށްވުރެ ރަނގަޅެވެ.

"އަހަރެންނާއި ޕޯލް ސްކޯލްސް އާއި ސްޓީވަން ޖެރާޑާއި ވޭން ރޫނީ އާއި ރިއޯ ފާޑިނަންޑާއި ފްރާންކް ލަމްޕާޑް އަދި ޑޭވިޑް ބެކަމް. މިފަދަ ކުޅުންތެރިން މިހާރު ޓީމުގައި ތިބި ކަމަށް އަހަރެން ގަބޫލެއް ނުކުރަން. އެކަމަކު މުބާރާތްތަކުގައި ޓީމު ދުރަށް ގެންގޮސްދެވިދާނެ ފަދަ ކުޅުންތެރިން މިހާރުވެސް އެބަތިބި،" އޮވެން ބުންޏެވެ.

އޮވެން ބުނީ، ފެންވަރުގެ އިތުރުން މުބާރާތްތަކުގައި ވާދަކުރުމަށް ކުޅުންތެރިންގެ ވިސްނުން ވެސް ރަނގަޅު ކުރަން ޖެހޭ ކަމަށާއި ކޮލިފައިންގައި ހޯދި ނަތީޖާތައް ވޯލްޑް ކަޕްގައި ވެސް ހޯދަން ޖެހޭ ކަމަށެވެ. އަދި ފާއިތުވެ ދިޔަ މުބާރާތްތަކުގައި އިނގިރޭސި ޓީމުގެ ނަތީޖާތައް ގޯސްވުމުގެ ސަބަބުން އިނގިރޭސި ސަޕޯޓަރުން އެކަމާ މެދު މާޔޫސްވެފައިވާ ކަން ވެސް އޭނާ ފާހަގަކުރި އެވެ.