16 Nov 2017, 12:06
ރައީސުލްޖުމުހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމަށް ހަތަރު އަހަރު ފުރޭ މުނާސަބާ ފާހަގަ ކުރުމަށް މި ރޭ ބައްވަން އުޅުނު ޖަލްސާ މާދަމާ ރެ އަށް ފަސްކޮށްފި އެވެ.
"ބަހާރެކޭ" ނަމުގައި ކާނިވާ ސަރަހައްދުގައި މިރޭ ބާއްވަން އުޅުނު ޖަލްސާ މާދަމާ ރެ އަށް ފަސްކުރީ މޫސުން ގޯސްވެ، ވިއްސާރަ ވެހުމުގެ ސަބަބުން ކާނިވާ ސަރަހައްދުގައި ފެންބޮޑުވެ، މިރޭ ޖަލްސާއަށް ތަން ތައްޔާރު ކުރުމަށް ދަތިވާނެތީ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ޖަލްސާ މާދަމާ ރެއަށް ފަސް ކުރިކަން އިއުލާން ކުރައްވަމުން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓުއަރިޒަމް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް މޫސާ ޒަމީރު ވިދާޅުވީ މޫސުން މިރޭ ތަން ނުދޭތީ ޖަލްސާ ފަސްކޮށްފައިވާ ކަމަށާއި މާދަމާ ރޭ ޖަލްސާ ބާއްވާނެ ކަމަށެވެ.
ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާ ޖަލްސާއާ ގުޅޭ ގޮތުން ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވީ "ބަހާރެކޭ" ޖަލްސާއަކީ ގިނަ ކަންތައްތަކެއް ކުރިއަށް ދާނެ ޖަލްސާއެއް ކަމަށާއި ރައީސް ޔާމީން ރައްޔިތުންނަށް އުންމީދީ އަދި އުފާވެރި ޚަބަރުތަކެއް ގެނެސްދެއްވާނެ ކަމަށެވެ.
ރައީސް ޔާމީންގެ ސަރުކާރަށް ހަތަރު އަހަރު ފުރޭނީ މާދަމާ އެވެ. ރައީސް ޔާމީން ވެރިކަމުގެ ހުވާ ކުރެވީ 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އެވެ.