މަޝްހޫރު ބަތަލާ ސްރީދޭވީގެ ދޮށީ ދަރިފުޅު ޖާންވީ ކަޕޫރު އަދި ޝާހިދު ކަޕޫރުގެ އެއްބަނޑު ކޮއްކޮ، އިޝާން ކައްތަރާ ބޮލީވުޑަށް ތައާރަފްވާ ފިލްމުގެ ނަމަކަށް 'ދަޅަކް' ހަމަޖައްސައިފިއެވެ.

ކަރަން ކުރި ޓްވީޓެއްގައި ބުނީ އަންނަ މަހު ފިލްމްގެ ޝޫޓިންގެ ފެށުމަށް ހަމަޖެހިފައިވާއިރު ފިލްމް ރިލީޒުކުރަން ހަމަޖެހިފައި ވަނީ އަންނަ ޖުލައި މަހުގެ ހަ ވަނަ ދުވަހުގައެވެ.

ޓްވީޓުގައި ތިން ޕޯސްޓަރެއް އާންމުކޮށްފައިވާއިރު އެ ފިލްމަކީ ލޯބީގެ ފިލްމެއްކަން ވެސް އެނގިގެންދެއެވެ.

"ސައިރަތް" ބިނާކޮށްފައި ވަނީ މަހަރާޝްތްރަގައި ހިނގި ލޯބީގެ ހާދިސާއަކަށް ނަމަވެސް "ދަޅަކް"ގައި ފެނިގެންދާ ލޯބިގެ ވާހަކަ ނިސްބަތް ވަނީ ރާޖަސްތާނަށެވެ.

ދަރްމާ ޕްރޮޑަކްޝަނާއި ޒީ ސްޓޫޑިއޯ ގުޅިގެން އުފައްދާ އެ ފިިލްމްގެ ވާހަކައަކީ ރާޖަސްތާނުގައި އޮންނަ ގްރޫޕްތަކަށް ނިސްބަތްވާ ސިޔާސީ ޕާޓީތަކުގެ ހަލަބޮލިކަމާއި އާއިލާގެ ނަމަށް ހުތުރު ކަމެއް ގެންނަ ފަދަ އަމަލެއް ކުރުމުން މަރާލުން އެ މުޖުތަމައުގެ ތެރޭގައި އޮންނަ ގޮތުގެ ވާހަކަ އެވެ.

މީގެ ކުރިން ވެސް ކަރަން ވަނީ ބޮލީވުޑަށް އެތަކެއް ތަރިންތަކެއް ތައާރަފްކޮށްފައެވެ. އެގޮތުން މިހާރު ބޮލީވުޑުގައި އެންމެ ގަދަޔަށް ފިޔަ ޖަހަމުން އަންނަ ޒުވާން ތިން ތަރިން ކަމަށްވާ ވަރުން ދަވަން އާއި އާލިއާ ބަޓް އަދި ސިދާތް މަލްހޯތުރާ އަކީ ވެސް ކަރަންގެ އިސް ނެގުމަކުން ބޮލީވުޑަށް ނެރުނު ތިން އެކްޓަރުންނެވެ.