16 Nov 2017, 11:06
މާފަންނު އެމްއެޗްއޭ މާޓް ކައިރިން މިދިޔަ އަންގާރަ ދުވަހުގެ ހަވީރު ވަޅި ހެރުމުން ސީރިއަސް ހާލަތުގައި އޮތް ޒުވާނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.
އަންގާރަ ދުވަހުގެ ހަވީރު 5:50 އެހައިކަންހާއިރު ވަޅިން ދިން ހަމަލާއާ ގުޅިގެން ސީރިއަސް ޒަޚަމްތަކެއް ލިބިފައި ވަނީ ނ. މިލަދޫ، ކާނޭޝަންމާގޭ، އަބޫބަކުރު ފާރިއުއަށެވެ.
އައިޖީއެމްއެޗުގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ އެ ޒުވާނާގެ ސާޖަރީއެއް ހެދުމަށް ފަހު ވެންޓިލޭޓަރުގެ އެހީގައި ފަރުވާދޭން ފެށީ އިއްޔެ ކަމަށެވެ. ނަމަވެސް މިހާރު ކުރިއަށްވުރެ އެނާގެ ހާލު ރަނގަޅު ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"އަދިވެސް ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެމުން ދަނީ. އެކަމަކު މިހާރު ކުރިއަށްވުރެ ހާލު ރަނގަޅު،" އޮފިޝަލް ވިދާޅުވި އެވެ.
އެ މާރާމާރީގައި ޒަޚަމްވި އިތުރު މީހަކަށް ވެސް އެ ހޮސްޕިޓަލުން އަންނަނީ ފަރުވާދެމުންނެވެ. ނަމަވެސް އޭނާގެ ހާލު ސީރިއަސްއެއް ނޫނެވެ. އެއީ ތ. ތިމަރަފުށި، މާފޮޅޭގޭ، ހަމްދާން ހަސަނެވެ.
އަންގާރަ ދުވަހުގެ މަރާމާރީގައި ޒަޚަމްވި އެ ދެ މީހުންނަކީ މިދިޔަ ޖުލައި މަހުގެ 19 ވަނަ ދުވަހުގެ ރޭ އެލްސިއޯން ބޭކަރީ ކައިރިން ޒުވާނެއްގެ ގަޔަށް ވަޅި ހެރި ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ދެ މީހެކެވެ.
އެ މައްސަލައާ ގުޅިގެން މ. ސިނީއަސުރުމާގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށް ހަތް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.