16 Nov 2017, 10:51
ދައުލަތުގެ ބަޖެޓާ ގުޅުން ހުރި މައުލޫމާތު އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް އަންނަ އަހަރުގެ ބަޖެޓާ ގުޅޭ ހާއްސަ ވެބްސައިޓަކާއި މޮބައިލް އެޕްލިކޭޝަނެއް އަދި އިންފޮގްރެފިކް ލުއިފޮތެއް ނެރެފި އެވެ.
މިއަދު ފިނޭންސް މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މޮބައިލް އެޕްލިކޭޝަނާއި ވެބްސައިޓް ލޯންޗުކޮށްދެއްވައި ލުއިފޮތް ނެރެދެއްވީ ދައުލަތުގެ ބަޖެޓް އެކުލަވާލުމުގައި އެންމެ ގިނަ ދުވަސްވަންދެން މަސައްކަތް ކުރެއްވި އެއް މުވައްޒަފު ކަމަށްވާ އިބްރާހިމް ރަޝީދެވެ.

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު މުނައްވަރު ވާހަކަދައްކަވަނީ. ބަޖެޓާ ގުޅޭ މައުލޫމާތުތައް ރައްޔިތުންނަށް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވި-- ސަން ފޮޓޯ
އިބްރާހިމް ރަޝީދު ވަނީ 1982 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރާ ހަމައަށް ދައުލަތުގެ ބަޖެޓް އެކުލަވާލުމުގައި ވަރަށް އިސްކޮށް މަސައްކަތް ކުރައްވައިފަ އެވެ. އިބްރާހިމް ރަޝީދުގެ މަސައްކަތުގެ އަގު ވަޒަންކޮށް ފިނޭންސް މިނިސްޓްރީން ވަނީ މިއަދު އޭނާ އަށް ހަނދާނީ ފިލައެއް ވެސް އަރުވައިފަ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވީ ބަޖެޓްގެ ވެބްސައިޓަކާ މޮބައިލް އެޕްލިކޭޝަނެއް ނެރުނީ ދައުލަތުގެ ބަޖެޓާ ގުޅޭ މައުލޫމާތު ރައްޔިތުންނަށް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް ކަމަށެވެ.
"ބަޖެޓާ ބެހޭ މައުލޫމާތު އެކުލެވޭ އެޕްލިކޭޝަނެއް މި ނެރުނީ ބަޖެޓާ ބެހޭ މައުލޫމާތު ޓްރާންސްޕޭރެންޓް ގޮތެއްގައި، ރަނގަޅަށް ވަގުތުން ވަގުތަށް އަދި ދިރާސާ ކުރެވޭ ގޮތަކަށް ފޯރުކޮށްދިނުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.
ބަޖެޓް އެޕްލިކޭޝަން --
ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި ކޮންމެ މަހަކު ވެސް ބަޖެޓާ ބެހޭ މައުލޫމާތު ޝާޢިއު ކުރަމުން އަންނަ ކަމަށާއި އަންނަ އަހަރުން ފެށިގެން އިންފޮގްރެފިކް ފޮތެއްގެ ސިފައިގައި ކޮންމެ މަހަކު ވެސް ބަޖެޓްގެ މައުލޫމާތު ޝާއިއު ކުރުމަށް މަސައްކަތް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ބަޖެޓް އެޕްލިކޭޝަން ޕްލޭ ސްޓޯ އަދި އެޕް ސްޓޯ އިން މިހާރު ޑައުންލޯޑް ކުރެވޭނެ އެވެ.