ކުރީންވެސް ދެންނެވިފަދައިން މިމައިގަނޑު ނަމުގައި އަޅުގަނޑު ތަޢާރުފެއް ގެނެސްދޭ ދެވަނަ ޅެމަކީ "ޚުޟުރެރާހުއެވެ." ޑޮކްޓަރ އިޤްބާލު އެޅެން ހެއްދެވީ 1921 ގައެވެ. އެޅެމަކީ އެދުވަސްވަރު އިސްލާމީ އުންމަތް އޮތް ބިކަހާލުގެ ދިރިހުރި ތަސްވީރެކެވެ. އެޅެމުގައި ތަމްސީލުކުރައްވަނީ ޢައްލާމާ އިޤްބާލު ޚިޔާލުފުޅުގެ ދުނިޔޭގައި ޚުޟުރުޢަލައިހިއްސަލާމާ "ބައްދަލުކުރައްވައި" އިސްލާމީ އުންމަތް ވެއްޓިފައި އޮތް ފުންވަޅުގަނޑުން ނެންގެވޭނެ ގޮތަކާމެދު "ހޯއްދެވި މަޝްވަރާއެވެ."

"ޚުޟުރެރާހު" ހެއްދެވިއިރު އިސްލާމީ އުންމަތް އޮތީ ވަރަށް ބޮޑަށް ނިކަމެތިވެފައެވެ. ޢުޘްމާނީ ޚިލާފަތުވަނީ ފޮތިފޮތި ކުރެވިފައެވެ. ލޯރެންސް އޮފް އެރެބިޔާގެ މަކަރުވެރި ސިކުނޑީން އަރަބީންގެ ތެރޭގައިވަނީ އިސްލާމީ ތުރުކީއާ މެދު ނަފުރަތުގެ އޮށް އިންދައިފައެވެ. ނަތީޖާއެއްގެ ގޮތުން އަރަބީން ތިބީ އަރަބި ޤައުމިއްޔަތުގެ ރާއިން މަސްތުވެގެން ތުރުކީންނާ ދެކޮޅަށް ތެދުވެފައެވެ. މައްކާގެ ޝަރީފު ހުސައިން ހުންނެވީ އިނގިރޭސީންގެ ކެހިވެރިކަމުގެ ދަލުގައި ޖެހިވަޑައިގެން ތުރުކީންނާ ދެކޮޅަށް ބަޣާވާތްކުރައްވައިގެންނެވެ. އުޘްމާނީ ޚިލާފަތުގެ ނުވަތަ އެޒަމާނުގެ އިސްޠިލާހުން ދަންނަވާނަމަ "ޔޫރަޕުގެ ބަލިމީހާ" ގެ ޟައީފުކަމާއި ވަރުދެރަކަމާމެދު ވިސްނައިވަޑައިގެން ބައްލަވާށެވެ. ޤުސްޠަންޠިނިއްޔާއަށްވެސް އޮތީ އިއްތިޙާދީ ސިފައިން އަތްގަދަކޮށްފައެވެ. އިންޑިޔަން ސަބްކޮންޓިނެންޓަށް ވެރިވެގެން ތިބީ އިނގިރޭސީންނެވެ. ނަމަވެސް އިންޑިޔާގެ މުސްލިމުން އިނގިރޭސީންނާ ދެކޮޅަށް ތަހްރީކެޚިލާފަތު ވަރުގަދަޔަކަށް ހިންގަމުންގެންދިޔައެވެ. ވިހިވަނަ ސައްތައިގެ ކުރީކޮޅުގައި ބައިތުލްމަޤްދިސާއި، ދިމިޝްޤާއި، ބަޣުދާދަށްވެސް ހުޅަނގުގެ ބާރުތަކުން ވެރިވެއްޖެއެވެ. ބައިތުލްމަޤްދިސްގައި ޞަލީބީ ދިދަ ވިހުރުވުނީ ޢަރަބީންގެ ޣަދަރުވެރިކަމުގެ ސަބަބުންނެވެ.

މިފަދަ ޙާލަތެއްގައި ޑޮކްޓަރ އިޤްބާލުފަދަ ޙައްސާސު އިސްލާމީ ފިކުރުގެ ފަލްސަފީއެއްގެ ހިތްޕުޅަށާއި ލަގޮނޑިފުޅަށް ކުރާނެ ބާރު އަޅުގަނޑުމެން އެންމެންނަށްވެސް އިހްސާސްކުރާކަށެއް އުނދަގުލެއްނޫނެވެ. ޑޮކްޓަރ އިޤްބާލު "ޚުޟުރެރާހު" ހެއްދެވީ އެއަސަރުގައެވެ. ޑޮކްޓަރ އިޤްބާލު އުންމަތުގެ ހާލަތާމެދު ބައްލަވައިލައްވަމުން އުންމަތަށް ގޮވައިލެއްވީ ނިދިބުރަކައިފައި ނުތިބެ ތެދުވެ ހިންދެމިލުމަށެވެ. އެންމެން އެއްބައިވުމަށެވެ. އެކަތިގަނޑަކަށްވެގެން ފިސާރި އާރުލާ ބާރަކަށްވުމަށެވެ. އިސްލާމީ އުންމަތާ ދެކޮޅަށް އަރައަރައިގެން އަންނަ ދުޝްމިނުންނާ ކުރިމަތިލާން ޖެހިއްޖެ ހިނދެއްގައި ދުޝްމިނުންގެ ކުރިމަތީގައި ވިރުވައިއަޅައިފައިވާ ބަދަހި ސަފުތަކެއް ރުކުރުވައިލެވޭފަދަ އުރައްޕުހުރި ބަޔަކަށްވުމަށެވެ. ޑޮކްޓަރ އިޤްބާލު "ޚުޝުރެރާހު"ގައި ވިދާޅުވެފައިވަނީ މިދަންނަވާ ގޮތަށެވެ.

" ހުޅަނގުގެ ހިކްމަތްތެރިކަމުން އެއުރެންވަނީ ތިލޭރަކު ރަންކަފާ ކަތުރަކުން ރަންކަފާ ފަދައިން އިސްލާމީ އުންމަތް ކަފައި ކުދިކުދިކޮށްފައެވެ. މުސްލިމުންގެ ލޭވަނީ ފެނަށްވުރެވެސް އަގުހެޔޮކޮށްފައެވެ. ކަންބޮޑުވާން ޖެހެނީ މިފަދަ ޙާލަތްތަކަށް އުންމަތް ވެއްޓިފައިވާއިރުވެސް މުސްލިމުންގެ ކިބައިގައި ބުއްދިވެރިކަމެއްނެތީތީއެވެ. ޑޮކްޓަރ އިޤްބާލު ނަސޭހަތްދެއްވަނީ މުސްލިމުންގެ މުޤައްދަސާތުތައް ދިފާޢުކުރުމުގައި ނީލަކޯރުގެ އައްސޭރީން ފެށިގެން ކާޝިޣުރާ ހަމަޔަށް ދިރިއުޅޭ ހުރިހާ މުސްލިމުން އެކަތިގަނޑަކަށް ވުމަށެވެ.

އާދެ، އިސްލާމީ އުންމަތުގެ މިއަދުގެ ޙާލަތަށް ބަލާއިރުވެސް މިޅެމަކީ މުސްލިމުންގެ އާއްމުންނާއި ޚާއްސުން އިރްޝާދު ލިބިގަތުން ލާޒިމު ޅެމެއްކަމުގައި ދަންނަވާލަންޖެހެއެވެ.

ޑޮކްޓަރ އިޤްބާލުގެ ޅެންތަކުގެ ތެރެއިން އަޅުގަނޑު ސުރުޚީ އަޅައިލަން މިއުޅޭ އަނެއް ޅެމަކީ "ޠުލޫޢެ އިސްލާމް"އެވެ. އެޅެމަކީވެސް ޑޮކްޓަރ އިޤްބާލުގެ އެންމެ މޮޅު ޅެންތަކުގެ ލިސްޓުގައި ޢިލްމުވެރީން ހިމަނުއްވާ ޅެމެކެވެ. ޑޮކްޓަރ އިޤްބާލު އެންމެ ފުރަތަމަ އެޅެން ހުށަހަޅުއްވައިފައިވަނީ 1923 ވަނަ އަހަރުއެވެ. އަންޖަމަން ޙިމާޔަތެ އިސްލާމްގެ އަހަރީ ޖަލްސާގައެވެ.

1922 އާ ހަމަޔަށް އައި އިރު އިސްލާމްދީނުގެ ޢަދުއްވުން ތިބީ މުސްލިމުތުރުކީ ހަތަރު ފަރާތުން ވަށައިލައިގެންނެވެ. ޔޫނާނީންވަނީ ސަމަރުނާއަށް ވެރިވެ އެރަށުގައި ޤަތުލުޢައްމެއް ހިންގައިފައެވެ. މުސްލިމުންގެ އެތައް ބައެއްގެ ލޭއޮހޮރުވައިފައެވެ. ނަތީޖާއެއްގެ ގޮތުން ތުރުކީން ވަނީ އިސްލާމީ ޣީރަތާއި ތުރުކީ ޖޯޝުގައި ހަށިފޮޅައިލައިފައި ތެދުވެފައެވެ. ޔޫނާނީން ވެރިވެގެން ތިބި ތުރުކީގެ ހުރިހާ ބިންތަކަކުން އެމީހުން ބޭރުކޮށްފައެވެ. ޚާއްޞަކޮށް ސަމަރުނާ މިނިވަންކޮށްފައެވެ. އެއީ ޔޫނާނީންނާ ދެކޮޅަށް ތުރުކީން ފެށި ދިފާއީ ހަނގުރާމައިގައި ހޯދި އެންމެ ބޮޑު ފަތަހައެވެ. އެހަނގުރާމާގައި ޔޫނާނީންގެ ތިންލައްކަ ސިފައިންގެ ލަޝްކަރުވަނީ ލަދުވެތިވާންޖެހޭ ފަދަ ނިކަމެތިގޮތަކަށް ބަލިވެފައެވެ. ސިފައިންގެ ގިނަމީހުން ވަނީ ޤަތުލުވެފައެވެ. ނުވަތަ ކަނޑަށް އެރި ޣަރަޤުވެފައެވެ. ތުރުކީންނަށް އެތައްބައިވަރު ޣަނީމާތަކެއް ލިބުނެވެ. ނަތީޖާއަކީ ޔޫރަޕުގެ ދައުލަތްތަކުގެ ވެރިކަމުގެ ކިއްލާތަކުގައި ތިބި މުސްލިމުންގެ އަދުއްވުން މޮޅީންމޮޅިސާލުލުމެވެ. އެއުރެންގެ ލޯތަކުން ލޭކަރުނަ އޮހޮރި އިސްއޮބައިލަން ޖެހުމެވެ. ދަތްދޮޅީންއަތް ނުނެއްޓޭވަރުވުމެވެ.

ތުރުކީންގެ އެފަތަހައާ ވިދިގެން އިސްލާމީ އުންމަތުގެ އެއްކޮޅުން އަނެއްކޮޅަށް އުފާވެރިކަމުގެ ރާޅުބާނިތަކެއް ހިނގައިގަތެވެ. މުސްލިމު މުފައްކިރުން ވަނީ އެފަތަޙައާމެދު އަގުހުރި މަޒުމޫނުތަކެއް ލިޔުއްވައިފައެވެ. ޝާޢިރުންވަނީ ބަލާޣާތްތެރި، ފަށުވި ޅެންތަކެއް ހައްދަވައިފައެވެ. މިދެންނެވި އަގުހުރި ޅެންތަކުގެ ތެރެއިން އެއްޅެމަކީ އިންޑިޔާގެ މަޝްހޫރު ޝާއިރެއްކަމުގައިވާ އިޤްބާލު ސުހައިލުޚާން " ފަތަހެ ސަމަރުނާ" މި މައިގަނޑު ނަމުގައި ހެއްދެވި ޅެމެވެ. އެޅެމުގެ ބައިތެއްގައިވެއެވެ.

" ޒަމާން ތާރީޚުގެ އާ ސަފްޙާއެއް އެއްލައިފިއެވެ. ސަމަރުނާގެ ބިމުގައި އިސްލާމްދީނުގެ ދިދަ އަނެއްކާވެސް ވިހުރުވޭން ފަށައިފިއެވެ."

ތުރުކީންގެ ފަތަހައިން ޢައްލާމާ އިޤްބާލުގެ ހިތްޕުޅަށްވެސް ނުހަނު އުފާވެރި ފުން އަސަރުތަކެއްކުރުވިއެވެ. ޕްރޮފެސަރ ޔޫސުފް ސަލީމް ޗިޝްތީ " ޠުލޫޢެސްލާމް" އާ ބެހޭގޮތުން ލިޔުއްވައިފައިވެއެވެ.

ޑޮކްޓަރ އިޤްބާލު އެ ޅެން ހެއްދެވީ 1923 ގައެވެ. އެދުވަސްވަރު މުސްޠަފާކަމާލު ބާޝާވަނީ ސަގާރިއްޔާގެ ހަނގުރާމައިގައި ޔޫނާނީން ބަލިކުރައްވައި ތުރުކީންގެ ހަށިތަކުގައި އަދިވެސް ފުރާނަ އެބަހުރިކަން ސާބިތުކޮށްދެއްވައިފައެވެ. ސަމަރުނާ ފަތަޙަކުރައްވައި މިސްޓަރ ގިލްޑަސްޓަން އާއިލާއަށް މަރުވާ މީހުނާމެދު ރޮއި ހިތާމަކުރަން މަޖްބޫރުކުރައްވައިފައެވެ. ޑޮކްޓަރ އިޤްބާލު އުންމަތުގެ ބިކަހާލާމެދު މާޔޫސްވެވަޑައިގެން ހުންނަވައި "ޝަމްޢެ އައުރެ ޝާއިރު" ހެއްދެވިފަދައިން "ޠުލޫޢެ އިސްލާމް" ހެއްދެވީ ހިތްޕުޅުހަމަޖެހިވަޑައިގެން ހުންނަވައެވެ. އުފާވެރި އުންމީދުތަކާއެކުގައެވެ. ފޮނި ހުވަފެންފުޅުތަކުގެ ދުނިޔެއެއްގައެވެ.

"ޠުލޫޢެ އިސްލާމް" އަކީ ޑޮކްޓަރ އިޤްބާލުގެ ޚިޔާލުފުޅު ވަރަށް މަތީން އުދުހިފައިވާ ޅެމެކެވެ. ޕްރޮފެސަރ ޔޫސުފް ސަލީމް ވިދާޅުވާގޮތުގައި އެޅެމަކީ ޅެންވެރިކަމުގެ އެތެރެއާއި ބޭރުގެ ފުރިހަމަކަމަށާއި ރީތިކަމަށް ބަލާއިރުވެސް ބާންގެދަރާ (ޑޮކްޓަރ އިޤްބާލުގެ ޅެންފޮތެއް) ގައިވާ އެންމެ އޮފުގަދަ އެންމެ ރީތި މުތެވެ. އޭގެ ސަބަބަކީ ތުރުކީންގެ ކާމިޔާބީގެ ސަބަބުން އިޤްބާލަށް ލިބިވަޑައިގެންނެވި އުފާފުޅުގެ ޖަޒުބާތު އެޅެމުގައި ރާޅުޖަހަޖަހައި އޮތްކަމެވެ. އުންމަތުގެ ހާލަތާމެދު މާޔޫސްވެވަޑައިގަތުމުގެ ސަބަބުން ޑޮކްޓަރ އިޤްބާލުގެ ހިތްޕުޅާއި ސިކުނޑިފުޅު "ލޮޑުވެފައި" ހުންނަވަނިކޮށް އުންމަތުގެ އުދަރެހުން ކުއްލިއަކަށް އިރު އެރިތަން ފެނިވަޑައިގެންނެވުމުން ހިތްޕުޅަށް ލިބިވަޑައިގެންނެވި ފިނިކަމުގައި އުފާފުޅުންހުންނަވައި އެޅެން ހެއްދެވިކަމެވެ.

ޝައްކެއްނެތެވެ. މުސްޠަފާ ކަމާލުގެ ފުތޫޙާތަށްފަހުވެސް ތުރުކީންގެ ހަޔާތަށްވަނީ ތޮށަލިދުޅައިގެ އެތައް ދައުރެއް އައިސްފައެވެ. ދުޝްމިނުންގެ އަނިޔާއާއި ވަހްޝީކަން ތަޖްރިބާކުރާންޖެހިފައެވެ. ނަމަވެސް މާތްﷲ ގެ ދީލަތިވަންތަކަމުން މިއަދު ތުރުކީވަނީ ސިޔާސީގޮތުންނާއި، އިޤްތިސާދީގޮތުން ހާސްބައި ރަނގަޅުވެފައެވެ. ހަރުދަނާވެފައެވެ. އިޖްތިމާއީ ގޮތުން ފޭރާން ހެޔޮވެފައެވެ. ސަބަބަކީ އަރަބި ޤައުމުތަކާއި އިސްލާމީ އެހެނިހެން ޤައުމުތަކުގެ ޒަޢާމަތާ ޚިލާފަށް ތުރުކީގެ މިހާރުގެ ޒަޢާމަތުގެ ހަރުދަނާކަމެވެ. އެބޭފުޅުންގެ ޒަމީރު ދިރިހުރިކަމެވެ. އެބޭފުޅުންގެ ހިތްޕުޅުގައި ދީނީ ޣީރަތު ހޭލައިހުރިކަމެވެ. ނަޖުމުއްދީން އަރަބުކާނާއި ރަޖަބު ޠައްޔިބު އުރުދުޣާން ފަދަ ދީނަށް ލޯބިކުރައްވާ އިޚްލާޞްތެރި ޒަޢީމުންތަކެއް މިއަދުވަނީ ތުރުކީގެ ގަދަރު އުފުއްލަވައިފައެވެ. ހަރުދަނާ ކުރައްވައިފައެވެ. ތަރައްޤީ ކުރައްވައިފައެވެ. އިސްލާމީ ޝަރީޢަތާ ދިމާޔަށް ތުރުކީ އަނބުރާ ގެންނަވަންވެސް ތާރީފު ޙައްޤު ޚިދުމަތްތަކެއްކުރައްވައިފައެވެ.

މީގެ ކުރީން އަޅުގަނޑަށް ލިބުނު ދެ ފުރުސަތެއްގައި ވާނީ ޑޮކްޓަރ އަރަބުކާނާއި، އުރުދުޣާންގެ މަސައްކަތްޕުޅަށް އަލިއަޅުވައިފައެވެ. "ނަޖްމުއްދީން އަރަބުކާން: ތުރުކީގެ މުސްލިމުންގެ އުންމީދަކީ އޭނާއެވެ." އާއި " ތުރުކީ އިސްލާމީ ދުނިޔެއާ ދިމާޔަށް ކުރާ ދަތުރު" އާ މިދެމައިގަނޑު ނަމުގައި އަޅުގަނޑު ލިޔުނު ދެމަޒުމޫނުގައެވެ.

ތެދުތެދަށް ދަންނަވާނަމަ މިއަދު އިސްލާމީ ދުނިޔޭގައި މަތިހަށި ނަންގަވައި ހަތަރުކަޅިހަމަކުރައްވައިގެން ތިއްބަވައި ހުޅަނގުގެ ޤައުމުތަކާ ވާހަކަ ދެއްކެވުމުގެ ޤާބިލްކަން ލިބިވަޑައިގެން ތިއްބެވި ޒަޢީމުންތަކެއް ތިއްބެވި ހަމައެކަނި އިސްލާމީ ޤައުމަކީ ތުރުކީއެވެ. އެހެންކަމުން އިޤްތިޞާދީގޮތުންނާއި، އިޖްތިމާޢީ ގޮތުންނާއި ދީނީގޮތުން ތުރުކީއަށް އަންނަމުން އެދާ ހެޔޮބަދަލުތަކަކީ އައްލާމާ އިޤްބާލުގެ " ޠުލޫޢެ އިސްލާމް" ގެ ހަނދާން އާކޮށްދޭ ބަދަލުތަކެކެވެ.ކުރީންވެސް ދެންނެވި ފަދައިން ޑޮކްޓަރ އިޤްބާލު "ޠުލޫޢެ އިސްލާމް" ހައްދަވައިފައިވަނީ ހުޅަނގުގެ ބާރުތަކުން ތުރުކީ ހިސާރުކޮށްގެން ތިއްބައި ތުރުކީން ހިތްވަރާއި އަޒުމާއެކު ތެދުވެ ހިންދެމިލުމުންނެވެ. ޚާއްޞަކޮށް ސަމަރުނާ ފަތަޙަކޮށް ޔޫނާނީން އެރަށުން ބޭރުކޮށްލުމުންނެވެ. އެހެންކަމުން "ޠުލޫޢެ އިސްލާމް" މިއަދުވެސް މުސްލިމުންގެ އަޒުމު ވަރުގަދަކޮށްދެއެވެ. އުންމީދުއާކޮށްދެއެވެ. މުސްލިމުންނަށް އަލިއުޖާލާ މުސްތަޤުބަލެއްގެ ހެޔޮ ޚަބަރު ގެނެސްދެއެވެ.

ޑޮކްޓަރ އިޤްބާލު "ޠުލޫޢެ އިސްލާމް" ގައި ވިދާޅުވާގޮތުގައި މުސްލިމުގެ މުލައްދަނޑީގެ ބާރާއި ހިތްވަރާއި ފަންވަރަކީ ހިލޭމީހުންކުރެ އެކަކަށްވެސް އަންދާޒާކުރެވޭނެ ކަންކަމެއްނޫނެވެ. އެހެނީ މުއުމިނެއްގެ އީމާން މަގުދައްކާ ބުއްދިއާއި ވިސްނުމުގެ ނަޒަރަކީ ތަޤްދީރުވެސް ބަދަކުކޮށްލާފަދަ ބާރެކެވެ. ނަމަވެސް މުސްލިމުންނަށް ކުރިޔަށް އެރޭނީ ހީވާގިކަމާއެކު ހުއްޓައިނުލައި މަސައްކަތްކޮށްގެންނެވެ. މާތްﷲ އަށް ބަރޯސާކޮށްގެން ވަރުގަދަ ޔަޤީންކަމަކާއެކު ކުރިޔަށް ގޮސްގެންނެވެ. ޢައްލާމާ ޑޮކްޓަރ މުޙައްމަދު އިޤްބާލު ވިދާޅުވާގޮތުގައި އަޅުގަނޑުމެންގެ ފައިތިލަ ދަށުގައިމިވާ ފަސްގަނޑަކީވެސް އޭގެ ޠަބީއަތުގައި އަލިކަމެއްވެސް އަލިފާނެއްވެސް އެކުލެވޭ އެއްޗެއްނޫނެވެ. މިބިންމަތީގައި ދިރިއުޅޭ އިންސާނާ ސުވަރުގެ ވަންތަވެރިޔަކަށް ނުވަތަ ނަރަކަ ވަންތަވެރިޔަކަށްވަނީވެސް އޭނާގެ ޢަމަލުންނެވެ. އޭނާގެ މަސައްކަތުގެ ބާވަތުންނެވެ. އެހެންކަމުން މުސްލިމުންނަށް ދުނިޔޭގައި ޝަރަފުވެރި މަޤާމެއް ހޯދޭނީވެސް ހިންމަތާއި މިންނެތް ކޮށްގެންނެވެ.

މިފަދަ އެތައް ޙަޤީޤަތްތަކަކަށް ރިޢާޔަތްކުރައްވައި ޢައްލާމާ ޑޮކްޓަރ މުޙައްމަދު އިޤްބާލު އިސްލާމީ އުންމަތަށް ގޮވައިލައްވަނީ ތެދުވެރިކަމާއި، ޢަދުލުވެރިކަމާއި، ހިތްވަރާއި ފަންވަރުގެ ފިލާވަޅުތައް އަލުން ދަސްކުރުމަށެވެ. އޭނާ ޔަޤީކަމާއެކު ވިދާޅުވާގޮތުގައި މުސްލިމުން އެފިލާވަޅުތައް ދަސްކޮށްފިނަމަ އަރަހުށި މާތްﷲ ދުނިޔޭގެ އިމާމުކަމުގެ މަޤާމަށް އަނެއްކާވެސް މުސްލިމުން ޚިޔާރު ކުރައްވާނެކަމީ ކަށަވަރުކަމެވެ.