މޮސްކޯ (ޖުލައި 5) : ސޫރިޔާގެ އިދިކޮޅު ފަރާތްތަކާ ދެކޮޅަށް އެ ޤައުމުގެ ސަރުކާރުން ބާރުގެ ބޭނުންކޮށް މީހުން މަރަމުން ގެންދާތީ އެކަން ކުށްވެރިކޮށް ރަޝިޔާގެ ރައީސް ޑިމިޓްރީ މިޑްވެޑޭވް، ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދަށް އިންޒާރު ކުރައްވައިފި އެވެ.

މޮސްކޯގައި ވާހަކަ ދައްކަވަމުން ރައީސް ޑިމިޓްރީ މިޑްވެޑޭވް ވިދާޅުވީ ސޫރިޔާއަށް އަވަސް ގޮތެއްގައި ޑިމޮކްރެޓިކް އިސްލާހްތައް ގެނަސް އިދިކޮޅު ފަރާތްތައް އެދޭފަދަ ޒަމާނީ ދައުލަތެއް ބިނާކުރުމުގެ ފުރްސަތު ނުދީފިނަމަ ހިތާވެރި ނިމުމެއް ރައީސް ބައްޝާރުލް އަސަދާ ކުރިމަތިވެގެން ހިގައިދާނެ ކަމުގައެވެ.

ހުޅަނގުގެ ފިއްތުންތަކާ ކުރިމަތިލުމުގައި ސޫރިޔާ އަށް އެންމެ ބޮޑަށް އެހީތެރިވާ ބޮޑުބާރަކީ ރަޝިޔާ ކަމަށްވާއިރު މިޑްވެޑޭވްގެ މިވާހަކަ ފުޅުން ސޫރިޔާއާމެދު މިހާތަނަށް ރަޝިޔާ ގެންގުޅުނު މަޑުމައިތިރި ސިޔާސަތު ބަދަލުވެގެން ހިނގައިދާނެ ކަން ދޭހަވާ ކަމަށް މުރާސިލުން ބުނެއެވެ. އެމެރިކާވެސްވަނީ ސޫރިޔާއާ ދެކޮޅަށް ދެމުންގެންދާ ބަހުގެ ހަމަލާތައް މިއަދު އިތުރަށް ވަރުގަދަ ކޮށްފައެވެ.

ރައީސް ބަރަކް އޮބާމާ އާއި އޭނާގެ ޚާރިޖީ ވަޒީރާ ހިލަރީ ކްލިންޓަން ވަނީ ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދްގެ ވެރިކަމުގެ ޝަރްޢިއްޔަތު ގެއްލިފައިވާ ކަމަށްބުނެ ހަރުކަށި އިބާރާތުން ވާހަކަ ދައްކަވާފައެވެ. ނަމަވެސް ރަޝިޔާއާއި ޗައިނާފަދަ ބޮޑެތި ޤައުމުތަކުގެ އެއްބާރުލުންނެތި ސޫރިޔާއާ ދެކޮޅަށް މާބޮޑު ކަމެއް އެމެރިކާއަށް ނުކުރެވޭނެ ކަމަށް މުޙައްލިލުން ދެކެއެވެ.

އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ސޫރިޔާ ސަރުކާރުން ހިންގަމުން ގެންދާ މީހުން މެރުމުގެ ޢަމަލުތަކާ ދެކޮޅަށް އދ. ގެ ސަލާމަތީ މަޖިލީހުން ޤަރާރެއް ފާސްކުރަން އެމެރިކާއާއި ޔޫރަޕުންކުރި މަސައްކަތް ވެސް މިހާތަނަށް ކާމިޔާބުނުވީ ރަޝިޔާއާއި ޗައިނާގެ އެއްބާރުލުން ނުލިބިގެންނެވެ.

ރަޝިޔާގެ ރައީސް ސޫރިޔާއާ ދެކޮޅަށް މިއަދު ވާހަކަ ދެއްކެވި ނަމަވެސް ސޫރިޔާއާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އެޅުމަށް ރަޝިޔާ އަދިވެސް ތާއީދުނުކުރާކަން އދ. ގެ ސަލާމަތީ ހުންނަވާ ރަޝިޔާގެ މަންދޫބު ވަނީ ވިދާޅުވެފައެވެ.
ރަޝިޔާގެވެސް އެއްބާރުލުމާއެކު މިދިޔަ ބުރާސްފަތި ދުވަހު ސަލާމަތީ މަޖިލިހުން ވަނީ ސޫރިޔާ ކުށްވެރިކޮށް ރިޔާސީ ބަޔާނެއް ނެރެފައެވެ. މިބަޔާނުގައި ސޫރިޔާ ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރާ ފަރާތްތަކާ ދެކޮޅަށް އެޤައުމުގެ ސަލާމަތީބާރުތަކުން ހިންގަމުން ގެންދާ ޢަމަލުތައް ކުށްވެރިކޮށްފައިވެއެވެ.

މިއީ ސޫރިޔާ ކުށްވެރި ކުރުމަށް އެމެރިކާއާއި ޔޫރަޕް ކުރަމުން ގެންދިޔަ ބުރަމަސައްކަތްތަކަށް ރަޝިޔާއާއި ޗައިނާގެ އެއްބާރުލުން ލިބުނު ފުރަތަމަ ފަހަރެވެ. ނަމަވެސް މިބަޔާނުގައި ބައިވެރިނުވާކަން ސަލާމަތީ މަޖިލީހުގެ މެންބަރެއް ކަމަށްވާ ލުބްނާނުންވަނީ ހާމަކޮށްފައެވެ. ސަލާމަތީ މަޖިލީހުގެ މިބަޔާނަކީ އެމަޖިލީހުން ފާސްކުރި ޤަރާރަކަށް ނުވެފައި މިއީ ރިޔާސީ ބަޔާނަކަށްވާތީ މިއީ ރަމްޒީ ކަމެއްކަމަށް ޑިޕްލޮމޭޓުން ވިދާޅުވެއެވެ.

ސަލާމަތީ މަޖިލީހުގައި ވީޓޯ ކުރުމުގެ ބާރުލިބިގެންވާ ޗައިނާއާއި ރަޝިޔާ އަދިވެސް ބުނަމުން ގެންދަނީ ސޫރިޔާއާ ދެކޮޅަށް ހަރުކަށި ޤަރާރުތަކެއް ފާސްކޮށްގެން އެޤައުމުގެ ސިޔާސީ މައްސަލަ ޙައްލު ކުރެވޭނެ ކަމުގައެވެ. --އަލްޖަޒީރާ