އަންނަ އަހަރަށް ބޭނުންވާ ފޮތްތައް ދޫކުރި ނަމަވެސް ސަރުކާރުން ނިންމާފައިވާ ގޮތަށް 2018 ވަނަ އަހަރުގެ ވަކި ހިސާބަކުން ސްކޫލްތަކުގައި ޓެބްލެޓްތައް ބޭނުން ކުރަން ފަށާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އަންނަ އަހަރަށް ބޭނުންވާ ފޮތްތައް މިހާރު ވެސް ދަރިވަރުންނަށް ފޯރުކޮށްދީ ނިމިފައި ވަނިކޮށް 2018 ވަނަ އަހަރު ބަޖެޓްގައި ހިމަނައިގެން ދަރިވަރުންނަށް ޓެބްލެޓް ދިނުމަށް ނިންމާފައި ވާތީ އެ ފޮތްތައް އިސްރާފަކަށްވެގެންދާނެ ކަމަށް ބުނެ، ބައެއް ބެލެނިވެރިން ހިޔާލު ފާޅުކުރަމުންދަނިކޮށް "ސަން"އަށް ދެއްވި އިންޓަވިއުއެއްގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޝަފީއު ވިދާޅުވީ އަންނަ އަހަރުގެ ކިއެވުން ފަށާއިރު ފޮތްތައް ބޭނުން ކުރާނެ ކަމަށެވެ. ޝަފީއު ވިދާޅުވީ އަންނަ އަހަރުގެ ވަކި ހިސާބަކުން ޓެބްލެޓްތައް ބޭނުން ކުރަން ފަށާނެ ކަމަށާއި ނަމަވެސް ދަރިވަރުން ޓެބްލެޓްތަކަށް ހޭލުންތެރި ކުރުވުމުގެ މަސަައްކަތް ކުރިއަށްދާއިރު ބޭނުން ކުރާނީ މިހާރު ވެސް ގެންގުޅޭ ފޮތްތައް ކަމަށެވެ.

"އަންނަ އަހަރަށް މި ބަޖެޓް ކުރެވުނީ ޑިޖިޓަލައިޝޭން މަޝްރޫއު. އެހެން ކަމުން އަންނަ އަހަރު ފަށާއިރު ދަރިވަރުން އެކަމަށް ހޭލުންތެރި ކުރުވުމުގެ މަސައްކަތް ކުރިއަށްދާނެ. އެ މުއްދަތުގެ ތެރޭގައި ބޭނުން ކުރާނީ މިހާރު ވެސް ބޭނުންކުރާ ފޮތްތައް،" ޝަފީއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މުޅި އެޑިޔުކޭޝަން ނިޒާމް ޑިޖިޓަލައިޒް ވެގެން ދިޔުމަކީ ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލަން ޖެހޭ ބޮޑު މަސައްކަތެއް ކަމަށާއި އެހެންކަމުން ކުއްލިއަކަށް އެ ނިޒާމަށް ބަދަލްކޮށްލުމަކީ އެންމެ ރަނގަޅު ގޮތަށް ނުވާނެ ކަމަށެވެ.

"ދަރިވަރުންނާއި މުދައްރިސުން ހޭލުންތެރި ކުރުވުމުގެ މަސައްކަތް އެންމެ ފުރަތަމަ ކުރާނީ. ބެލެނިވެރިންނަށް ޔަގީންކަން ދޭން ބޭނުން ވަނީ އަންނަ އަހަރު ނިމުމުގެ ކުރިން މިހާރު ސަރުކާރުން ކަނޑައަޅާފައިވާ ގޮތަށް އެކަން ކުރިއަށްދާނެ ކަމަށް. އެ މަސައްކަތް ދަނީ ކުރިއަށް." ޝަފީއު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ޓެބްލެޓްތައް ތައާރަފް ކުރި ނަމަވެސް އެއްކޮށް ފޮތްތައް ދޫކޮށް ނުލާނެ ކަމަށާއި ދަރިވަރުންނަށް ވީހާ ވެސް ފަސޭހަވާނެ ގޮތަކަށް އިންތިޒާމްތައް ހަމަޖއްސަވާނެ ކަމަށެވެ.

އަންނަ އަހަރުގެ ބަޖެޓު ރައްޔިތުން މަޖިލިހަށް ހުށައަޅައިދެއްވަމުން ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓްގައި ތައުލީމީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނުވާނެ ކަންތައްތަކެއް ހިމަނާފައިވާނެ ކަމަށެވެ. އެގޮތުން ދަރިވަރުން ގެންދަން ޖެހޭ ބަރު ފޮތް ދަބަސް ލުއި ޓެބްލެޓަކަށް ބަދަލު ކުރެވި ރާއްޖޭގެ ހުރިހާ ސްކޫލް ދަރިވަރުންނަށް އޭގެ ފަސޭހަކަން ލިބިގެންދާނެ ކަމަށް މިނިސްޓަރު މުނައްވަރު ވިދާޅުވި އެވެ.

ރާއްޖޭގެ ހުރިހާ ސްކޫލްތަކެއް ޑިޖިޓަލައިޒް ކުރުމުގެ މަޝްރޫޢާއި އާ މުގައްރަރު ތަންފީޒުކުރުމުގެ މަސައްކަތްކޮށް ނިންމުމަށް އަންނަ އަހަރުގެ ބަޖެޓްގައި ވަނީ 154 މިލިއަން ރުފިޔާ ހިމަނައިފަ އެވެ.