15 Nov 2017, 23:57
ހަރާޜޭ (ނޮވެމްބަރު 15): ޒިމްބާބުވޭގެ ރައީސް ރޮބަޓް މުގާބޭ "ގޭ ބަންދުގައި" ހުންނަވަނިކޮށް އަނބިކަނބަލުން ގްރޭސް މުގާބޭ ގައުމު ދޫކުރައްވާ ވަޑައިގެންފި ކަމަށް ރިޕޯޓުތަކުން ބުނެފި އެވެ.
ގްރޭސް، ޒިމްބާބުވޭ ދޫކުރައްވާ ނަމިބިއާއަށް ވަޑައިގަތް ކަމަށް ވިދާޅުވީ އެ ގައުމުގެ އިދިކޮޅު ޕާޓީ މޫވްމެންޓް ފޯ ޑިމޮކްރެޓިކް ޗޭންޖްގެ މަޖިލިސް މެމްބަރެއް ކަމަށްވާ އެޑީ ކްރޮސް އެވެ. އޭނާގެ އިތުރުން ވެރިކަން ކުރާ ޒަނޫ-ޕީއެފް ޕާޓީގެ މެމްބަރަކު ވެސް ވަނީ ގްރޭސް ޒިމްބާބުވޭގައި ނެތް ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ގްރޭސް ގައުމު ދޫކުރައްވާ ވަޑައިގަތީ ކިހިނެއް، ކޮން އިރަކު ކަމެއް އެބޭފުޅުން ހާމަ ނުކުރައްވަ އެވެ.
އެ ހަބަރު ފެތުރުނީ ޒިމްބާބުވޭގެ އަސްކަރިއްޔާއިން ސަރުކާރުގެ ބައެއް އޮފީސްތައް ބަންދުކޮށް، ދައުލަތުގެ މީޑިއާ ހިފި ފަހުންނެވެ. އެ ގައުމުގެ އަސްކަރިއްޔާއިން ވަނީ އެއީ ބަޣާވާތެއް ނޫން ކަމަށާއި، ސިފައިން މަސައްކަތް ކުރަނީ ގައުމަށް "އިޖުތިމާއީ ގޮތުންނާއި އިގުތިސާދީ ގޮތުން ގެއްލުން ހުރި ކަންތައްތައް ކުރައްވާ ސަރުކާރުގެ ކުށްވެރިންނާ ދެކޮޅަށް ފިޔަވަޅު އަޅަން" ކަމަށް ބުނެފަ އެވެ. އަދި އެގައުމުގެ ރައީސް ހުންނެވީ ސަލާމަތުން ކަމަށް ވެސް ބުނެފަ އެވެ.
ޒިމްބާބުވޭގެ ހާލަތާ ގުޅިގެން ދެކުނު އެފްރިކާގެ ރައީސް ޖެކަބް ޒޫމާ ވަނީ މުގާބޭއާ ފޯނުން ވާހަކަ ދައްކަވާފަ އެވެ. ޒޫމާ ވިދާޅުވި ގޮތުގައި މުގާބޭ ވަނީ އޭނާ ހުންނެވީ ގޭ ބަންދުގައި ކަމަށާއި، އޭނާގެ ހާލު ރަނގަޅު ކަމަށް ވިދާޅުވެފަ އެވެ.
ރައީސް މުގާބޭ އާއި ޒިމްބާބުވޭގެ އަސްކަރިއްޔާއާ ދެމެދު ދެބަސްވުން އުފެދުނީ މިދިޔަ ހަފްތާ ތެރޭގައި ނައިބު ރައީސް އެމާސަން ނަންގާގުވާ މަގާމުން ދުރުކުރުމުންނެވެ. އުމުރުން 93 އަހަރުގެ މުގާބޭ، ނަންގާގުވާ މަގާމުން ދުރުކުރީ ގްރޭސް ނައިބު ރައީސް ކަމަށް ގެންނަން ކަމަށް ބައެއް ފަރާތްތަކުން ބުންޏެވެ.
ޒިމްބާބުވޭގެ މިނިވަންކަމަށް ކުރި ހަނގުރާމައިގައި ބައިވެރިވެ ވަޑައިގެންނެވި ނަންގާގުވާ އަކީ އަސްކަރިއްޔާގެ ބޮޑު ތާއީދެެއް އޮތް ފަރާތެކެވެ. އަދި އޭނާ މަގާމުން ވަކި ކުރުމުން އެގައުމުގެ ސިފައިންގެ ކޮމާންޑަރު ޖެނެރަލް ކޮންސްޓަންޓީނޯ ޗިވެންގާ ވަނީ ގައުމުގެ މިނިވަން ކަމަށް ހަނގުރާމަ ކުރި ފަރާތްތައް ޒަނޫ-ޕީއެފް ޕާޓީން އެކަހެރި ކުރުން ހުއްޓާލުމަށާއި، އެހެން ނޫނީ އަސްކަރިއްޔާއިން ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށް ވިދާޅުވެފަ އެވެ.
އެހެންކަމުން ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ޒިމްބާބުވޭގެ އަސްކަރިއްޔާއިން މިހާރު މަސައްކަތް ކުރަނީ ނަންގާގުވާ ވެރިކަމަށް އިސްކުރާށެވެ. (އިންޑިޕެންޑެންޓް)