މާލޭގެ މައި ކުނި ކޮށީގައި ޒަމާންވެފައި ހުރި އުސް ކުނި ފުނި ހުސްކޮށް، ކޮށި ސާފު ކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފި އެވެ.

މާލޭގެ މޭޔާ މައިޒާން އަލިމަނިކު )އަލިބެ( މިއަދު ވިދާޅުވީ ކުނިކޮށީގައި ފުނިޖެހި، 16 ވަރަކަށް އަހަރުވެފައިވާ ކުނީގެ "ބަރުދަ" ދުއްވާލައި ބިމާ ހަމަކޮށްލަނީ ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ އަންގަވައިގެން ކަމަށާއި ކުރިން އެ މަސައްކަތް ރޭވިފައި އޮތީ ރޯދަ ފެށެން ވާއިރަށް އެއްކޮށް ސާފުކޮށްލަން ކަމަށެވެ.

"އެއީ ފަނަރަ ނުވަތަ ސޯޅަ އަހަރުވެފައިވާ ކުނީގެ ބިޔަ ފަރުބަދައެއް. އެ ކުނިތަން ނަގާ ސާފުކުރުމަށް ބޮޑު ހޭދައެއް ހިނގާ. އެކަމަށް އިއުލާންކޮށް އެކަމަށް އެކަށޭނެ ބާޖެއް ހޯދައިގެން މަސައްކަތް ފެށޭގޮތް މިވީ އަދި ކިރިޔާ. މިހާރު ވަރަށް ބާރަށް އެބަދޭ،" އަލިބެ ވިދާޅުވި އެވެ. "އަޅުގަނޑު އުންމީދު ކުރަނީ ކުނި ފަރުބަދަ އެއްކޮށް ކާހަލައި 15 ވަރަކަށް ދުވަހުގެ ތެރޭގައި ސާފުކޮށްލެވޭނެ ކަމަށް،"

ކުނިކޮށީގައި ހުރި އުސް ބިޔަ ކުނި ފުނި އުކާލައިން ކުށްޔަށް ހޯދާފައިވާ ބާޖުގެ ކުއްޔަށް ހިނގާ ހަރަދެއް އަލިބެ ވިދާޅެއް ނުވެއެވެ. ވިދާޅުވީ އެކަން އެނގޭނީ ފައިނޭންޝަލް ޑިޕާޓްމެންޓަށް ކަމަށެވެ.

ކުނި ކޮށީގައިވާ ބޮޑު ކުނިފުނި އުކައިލުމަށް އަރުވާ ކުނި އުކާލުމަށް 300 ލޯރީ އެރުވޭ ބޮޑު ބާޖެއް މާލޭ ހުޅަނދު ދެކުނު ހާބަރުގައި އުފުލިތައް ބަނދަރު ކުރާ ސަރަހައްދަށް ވަނީ ކައިރިކޮށްފަ އެވެ.

އެ ބާޖަށް ކުނި އަރުވައި އުކައިލުމުގައި އިސްކޮށް އުޅޭ ފަރާތްތަކުން މިއަދު ބުނީ ބޮޑު ލޯރީގެ 300 ލޯރި އެރުވޭ ބާޖަށް ކުނި އަރުވަން ފެށީ ރޭގައި ކަމަށާއި ރޭ އެކަނި ވެސް 130 ލޯރީގެ ކުނި އަރުވާފައިވާނެ ކަމަށެވެ.

މާލޭގެ ގެބިސީތަކުން ކޮންމެ ދުވަހަކު ގިނަ އަދަދެއްގެ ކުނި އުފެދެ އެވެ. ހާއްސަކޮށް ރޯދަ މަހަކީ ވަރަށް ގިނަ އަދަދަކަށް މާލޭގައި ކުނި އުފެދޭ މަހަކަށް އޮންނަނީ ވެފައެވެ.