15 Nov 2017, 23:36
އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ)ގެ ބޯޑު މެމްބަރުކަމުގެ މަގާމަށް ރާއްޖޭގެ ވޮލީބޯލް އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ލަތީފް އިންތިހާބުކޮށްފި އެވެ.
ލަތީފް އެ މަގާމަށް އައްޔަނު ކުރެއްވީ މިހާރު ތައިލޭންޑުގައި ކުރިއަށްދާ އޭވީސީ ކޮންގްރެސްގައި ބައިވެރިވި މެމްބަރު ގައުމުތަކުގެ އިއްތިފާގުން ވޯޓު ލީ މީހުންގެ 100 ޕަސެންޓު ވޯޓު ލިބިގެންނެވެ. ލަތީފުގެ ދައުރު ހަމަވާނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ.
އެ ބައްދަލުވުމުގައި އޭޝިއާގެ ވޮލީބޯޅަ ޖަމްއިއްޔާގެ އިސްވެރިންނާއި މެމްބަރު ގައުމުތަކުގެ ފަރާތުން މަންދޫބުން ވަނީ ބައިވެރިވެފަ އެވެ. އެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ފަސް ބޭފުޅަކު ބައިވެރިވެ އެވެ.
ލަތީފަކީ އޭވީސީ ބޯޑު މެމްބަރުކަން ކުރި ރާއްޖޭގެ ދެ ވަނަ ފަރާތެވެ. އެގޮތުން މީގެ ކުރިން 2015 ވަނަ އަހަރު އެ މަގާމު ފުރުއްވާފައި ވަނީ ރާއްޖޭގެ ވޯލީބޯޅަ އެސޯސިއޭޝަނުގެ ކުރީގެ ރައީސް މުހައްމަދު ރިޔާޒެވެ.
ރާއްޖޭގައި ބޭއްވި ފުރަތަމަ ބައިނަލް އަގްވާމީ މުބާރާތުގެ ކުރިން ރިޔާޒު ވަނީ އޭވީސީއަށް އެ މުބާރާތް ރާއްޖޭގައި ނުބޭއްވޭނެ ކަމަށް ބުނެ ސިޓީ ލާފައެވެ. ނަމަވެސް އެކަން ވަނީ ނާކާމިޔާބުވެފަ އެވެ. އެއާއެކު ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަނުން ވަނީ އޭވީސީ ބޯޑު މެމްބަރުކަމުން ރިޔާޒް ވަކިކޮށްދިނުމަށް އެދި އޭވީސީއަށް ހުށައަޅާފަ އެވެ.