ސެޕްޓެންބަރު މަހާއި އަޅާ ބަލާއިރު މިދިޔަ އޮކްޓޯބަރު މަހު ޖެންޑާ މިނިސްޓްރީއަށް ހުށައަޅާފައިވާ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ މައްސަލަތައް 15 ޕަސެންޓް އިތުރު ވެއްޖެ އެވެ. މިދިޔަ އޮކްޓޫބަރު މަހު ޖެންޑާ މިނިސްޓްރީއަށް ރިޕޯޓުކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

ޖެންޑާ މިނިސްޓްރީން ކޮންމެ މަހަކު ވެސް އާންމު ކުރަމުން އަންނަ އެ މިނިސްޓްރީއަށް ހުށަހަޅާ މައްސަލަތަކުގެ ތަފާސް ހިސާބުތައްކުން ދައްކާ ގޮތުގައި މިދިޔަ މަހު ޖުމްލަ 272 މައްސަލައެއް ވަނީ ހުށައަޅައިފަ އެވެ. އޭގެ ތެރެއިން 122 މައްސަލައަކީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކެވެ. އެއީ ހުށައަޅާފައިވާ ޖުމްލަ މައްސަލަތަކުގެ 45 ޕަސެންޓްގެ މައްސަލަތައް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މިދިޔަ މަހު ޖެންޑާއަށް ރިޕޯޓުކޮށްފައިވާ މައްސަލަތަކުގެ ތެރެއިން އެންމެ ގިނަ މައްސަލަތަކަކީ އިހުމާލުވުމުގެ މައްސަލަތަކާއި ޖިންސީ ތަފާތުކުރުމުގެ މައްސަލަތައް ކަމަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ. އެ ގޮތުން އިހުމާލުވުމުގެ 33 މައްސަލައަކާއި ޖިންސީތަފާތު ކުރުމުގެ 33 މައްސަލައެއް ހުށައަޅާފައިވާ ކަމަށް އެ މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

ޖެންޑާ މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކާގޮތުގައި މިދިޔަ މަހު ކުޑަކުދިންނަށްކުރާ ޖިންސީ ހާނީއްކައިގެ 28 މައްސަލަ، ޖިސްމާނީ ހާނީއްކައިގެ 25 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށް ވުމުގެ 15 މައްސަލަ، ނަފްސާނީ ހާނީއްކައިގެ ނުވަ މައްސަލަ، ގެވެށި އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ ނުވަ މައްސަލަ، އެހެން ކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގަނާގެ ޝިކާރައަކަށްވުމުގެ ދެ މައްސަލަ އަދި ކުދިންގެ ނާޖާއިޒުފައިދާ ނެގުމުގެ އެއް މައްސަލަ ރިޕޯޓް ކޮށްފައިވެ އެވެ.

ޖެންޑާ މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން އެކި ބާވަތްތަކުގެ ކުށް ކޮށްގެން 18 ކުޑަކުއްޖެއްގެ މައްސަލަ މިދިޔަ ސެޕްޓެމްބަރު މަހު އެމިނިސްޓްރީއަށް ވަނީ ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި މާރާމާރި ހިންގުމުގެ ހަ މައްސަލަ، ތަންތަނަށާއި ތަކެއްޗަށް ގަސްދުގައި ގެއްލުންދިނުމުގެ ދެ މައްސަލަ، ވައްކަންކުރުމުގެ އެއް މައްސަލަ އަދި ތޫނު އެއްޗެހި ގެންގުޅުމުގެ އެއް މައްސަލަ ހިމެނެ އެވެ.

ކުޑަކުދިންގެ އަހުލާގީ މައްސަލަތަކާ ގުޅިގެން މިދިޔަ މަހު 19 މައްސަލައެއް ޖެންޑާއަށް ރިޕޯޓުކޮށްފައިވާ ކަމަށް އެ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކަ އެވެ. އެ ފަދަ މައްސަލަތަކުގެ ތެރޭގައި ސްކޫލަށް ދާން ބޭނުން ނުވުމުގެ ހަތް މައްސަލަ، ރުޅި އިސްކުރުން ނުވަތަ ރުޅިގަދަވެގެން އުޅުމުގެ ހަތް މައްސަލަ އަދި ގެއިން ނިކުމެގެން ދިޔުމުގެ ފަސް މައްސަލަ ހިމެނޭކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ސެޕްޓެންބަރު މަހު ޖެންޑާ މިނިސްޓްރީއަށް ހުށައަޅާފައިވާ ޖުމްލަ މައްސަލައިގެ އަދަދަކި 213 އެވެ. އޭގެތެރެއިން ކުޑަކުދިންނަށް ކުރާ އަނިޔާގެ 104 މައްސަލައެއް ހިމެނެ އެވެ.