މިހާރު އެންމެ ބާރަށް ދެކެވޭ އެއް ވާހަކައަކީ ކާމިޔާބު ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ފާތިމަތު ނަހުލާގެ ފިލްމު "ބޮސް"ގެ ވާހަކަ އެވެ.

މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރޭ ރިލީޒްކުރި ބޮސްގެ ހައުސްފުލް 16 ޝޯ މިހާރު ވަނީ އޮލިމްޕަހުގައި ދައްކައިފަ އެވެ. މިހާތަނަށް ޖުމްލަ 19 ޝޯ ވަނީ ހައުސް ފުލްވެފަ އެވެ.

"އޮލިމްޕަހުގައި މި ދައްކަނީ 100 ޕަސެންޓް ހައުސްފުލް ޝޯތަކެއް"، ފިލްމުގެ ޕްރޮޑިއުސަރު ބުންޏެވެ.

ދިވެހި ފިލްމް "ބޮސް" ރިލީޒްކުރުމަށް ބޭއްވި ހަފްލާގެ ތެރޭން -- ސަން ފޮޓޯ: ކްރިސްޓަލް އެންޓަޓެއިންމަންޓް

މާލޭގެ އިތުރުން އަތޮޅު ތެރޭގެ ރަށްރަށުގައި ވެސް ބޮސް އަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. ފިކުރިއަށް އޮތް ހަފްތާ ބަންދުގައި ވެސް ބޮސްގެ ގިނަ ޝޯތަކެއް އަތޮޅުތަކުގައި އެޅުވުމަށް ވަނީ ޝެޑިއުލް ކޮށްފަ އެވެ.

"މިދިޔަ ހަފްތާގައި ވެސް 10 އަތޮޅުގައި ފިލްމު ވަނީ އަޅުވާފައި. މިހަފްތާ ވެސް ވަރަށް ގިނަ ރަށްރަށުގައި ފިލްމު އަޅުވާނެ. އަތޮޅުތަކުގެ ބައެއް ރަށްރަށުން ދެވަނަ ފަހަރަށް ވެސް ފިލްމު އެޅުވުމަށް އެބަ ރިކުއެސްޓް ކުރޭ"، ނަހުލާ ބުންޏެވެ.

އޭނާ ބުނީ މިއީ އޭނާގެ، ފިލްމު 2246 އަށް ލިބުނު ތަރުހީބަށް ވުރެ ވެސް ބޮޑު ތަރުހީބެއް ކަމަށެވެ.

"ވަރަށް ގިނަ ރަށްތަކުން އެބަ ބުނޭ މިއީ އެ ރަށްތަކުގެ ރިކޯޑެކޭ. ބޮސްއަށް ލިބެމުންދާ ލޯތްބަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،"

ބޮސްގެ ޓީމު ފިލްމު އަޅުވަން ރިސޯޓެއްގައި. -- ސަން ފޮޓޯ/ ކްރިސްޓަލް އެންޓަޓެއިންމެންޓް

ބޮސްގެ ޝޯތައް އެޅުވުމަށް އެ ފިލްމުގެ ބައެއް ތަރިންނާ ކްރޫ ވެސް އަންނަނީ ރަށްރަށަށް ދަތުރު ކުރަމުންނެވެ. އެ ރަށްރަށުން ލިބޭ ތާއީދާ ލޯބި ވެސް ނަހުލާ އުފަލާއެކު ފާހަގަ ކުރި އެވެ.

"ފިލްމުގެ ތަރިންނާއި ކްރޫ ރަށްރަށަށް ދިއުމުން ވަރަށް ބޮޑު ތަރުހީބެއް އެކުދިންނަށް އެބަ ލިބޭ. މި ސަޕޯޓު އަޅުގަނޑު ފާހަގަ ކުރަން. ރަށްރަށުން ބޮސް އަށް މި ލިބޭ ތާއީދާ ލޯތްބަށް ޝުކުރު ދަންނަވަން."

ބޮސްގެ ތަރިން ރަށްރަށަށް ދިއުމުން ބޮޑު ތަރުހީބެއް އަންނަނީ ލިބެމުން. -- ސަން ފޮޓޯ/ ކްރިސްޓަލް އެންޓަޓެއިންމެންޓް

ބޮސް އަޅުވަން ބޭނުންވާ ރަށްރަށުގައި ފިލްމު އެޅުވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ބޮސް އަޅުވާނެ ރަށްތައް:

  • 16 ނޮވެމްބަރު - ދ. މީދޫ، ގދ. މަޑަވެލި، ޅ. އޮޅުވެލިފުށި، ލ. އިސްދޫ، ހއ. އުތީމު، ބ. ހިތާދޫ، ނ. މަނަދޫ، އއ. މަތިވެރި

  • 17 ނޮވެމްބަރު - ދ. ބަނޑިދޫ، ގދ. ތިނަދޫ، ޅ. އޮޅުވެލިފުށި، ލ. ކަލައިދޫ، ހއ. ދިއްދޫ، ނ. މިލަދޫ، އއ ރަސްދޫ
  • 18 ނޮވެމްބަރު - އއ. ތޮއްޑޫ، ހދ. ކުރިނބި، ގދ. ހޯނޑެއްދޫ، ލ. ގަން، ހއ. ކެލާ ، ނ. ކުޑަފަރީ
  • 19 ނޮވެމްބަރު - ހދ. ކުމުންދޫ، ގދ. ފިޔޯރި، މ. ކޮޅުފުށި، ނ. ހޮޅުދޫ
  • 20 ނޮވެމްބަރު - ގދ. ގައްދޫ، ލ. މާވަށ،ް މ މުލައް، ސ ހުޅުދޫ މީދޫ
  • 21 ނޮވެމްބަރު - ހދ ނޭކުރެންދޫ، މ ދިއްގަރު
  • 22 ނޮވެމްބަރު - ގދ ވާދޫ، މ މަޑުއްވަރީ
  • 23 ނޮވެމްބަރު - ހދ މަކުނުދޫ
  • 28 ނޮވެމްބަރު - ހދ ހިރިމަރަދޫ
  • 30 ނޮވެމްބަރު - ހދ ކުޅުދުއްފުށި
  • ނޮވެމްބަރު 16 އިން 19 އަށް - ސ މަރަދޫ ފޭދޫ

ދިވެހި ފިލްމު "ބޮސް"ގެ މަންޒަރެއް. -- ފޭސްބުކް ފޮޓޯ

ބޮސް އިން ދައްކައިދެނީ، މުއްސަނދި އަންހެއްކުއްޖެއްގެ މުދާގަނޑުގެ މައްޗަށް ގަދަވެގަތުމަށް ބަޔަކު ކުރާ މަސައްކަތެވެ. ކުޑައިރު މަންމަ ނިޔާވެފައިވާ އެ އަންހެން ކުއްޖާ، ބޮސްގެ ލީޑުން ފެނިގެންދާ މަރިޔަމް އައްޒަ (އިބާ) ހަމައެކަނި ބައްޕަގެ ލޯބި ލިބިގެން ބޮޑުވެ ކުއްލިއަކަށް އެ ބައްޕަ ނިޔާވުމުން ނަފްސާނީ ގޮތުން އޭނާ ކުރިމަތިލާ ހަނގުރާމަ އެވެ.

އައިޝަތު ރިޝްމީ ރަމީޒް ޑައިރެކްޓްކޮށް، ފާތިމަތު ނަހުލާ ޕްރޮޑިއުސްކުރާ ދިވެހި ފިލްމު "ބޮސް"ގެ ލީޑުރޯލުން ފެނިގެން ދާނީ، މަރިޔަމް އައްޒަ އާއި މުހައްމަދު ޔުނާން.-- ސަން ފޮޓޯ: ކްރިސްޓަލް އެންޓަޓެއިންމަންޓް

މީގެ އިތުރުން "ޑިޕްރެޝަން"އިން އަރައިގަތުމަށް އިބާ ކުރިމަތިލާ ގޮންޖެހުންތަކާއި، އެކަމުގެ ތެރޭގައި ކުރެވޭ މަޖުބޫރީ ކައިވެންޏަކާ އެކައިވެނިން ލިބޭ ހިތްދަތިކަން، އަދި ލޯބިވާ މީހާ ނުލިބުމުން ކުރާ ހިތްދަތި އަސަރުވެސް ބޮސް ފިލްމުން ފެނިގެންދެ އެވެ.