15 Nov 2017, 22:10
ކުލަބާ މެދު ހިތްހަމަނުޖެހިފައި ހުރި އާސެނަލްގެ މިޑްފީލްޑަރު މެސުޓް އޮޒިލް ހޯދުމަށް އޭނާއާ އެޓްލެޓިކޯ މެޑްރިޑުން ފާރަލާން ފަށައިފި އެވެ.
މި ސީޒަނުގައި މިހާތަނަށް މާ މޮޅު ކުޅުމެއް އޮޒިލްގެ ފަރާތުން ފެނިފައި ނުވެ އެވެ. އޭނާގެ ހުނަރު ދެއްކުމުގެ ފުރުސަތު އާސެނަލުން ލިބިފައި ވަނީ ވަރަށް މަދުންނެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި އެޓްލެޓިކޯ ވަނީ އޮޒިލް އެ ކުލަބަށް ގެންދިއުމަށް އޭނާ އާ މަޝްވަރާ ވެސް ކޮށްފަ އެވެ. އެ މަޝްވަރާގައި ހަފްތާއަކު 200،000 ޕައުންޑުގެ މުސާރައެއް އޭނާ އަށް ދިނުމަށް ނިންމާފައިވާ ވެސް ރިޕޯޓުތައް ބުނެއެވެ.
އާސެނަލާ އެކު އޮޒިލް ހަދާފައިވާ އެއްބަސްވުން މި ސީޒަނަށް ފަހު ނިމުމަކަށް އަންނާނެ އެވެ. ކޮންޓްރެކްޓް އާ ކުރާނެ ކަމުގެ އިޝާރާތެއް އޭނާ ދީފައެއް ވެސް ކޮށްފައެއް ނުވެ އެވެ. އެކަމާ ގުޅޭ ގޮތުން ދާދި ފަހުން އާސެނަލްގެ ވެރިޔާ ސްޓޭން ކްރޮއެންކޭ ބުނެފައި ވަނީ، އެ ކްލަބަށް އޮޒިލް ބޭނުންވާ ކަމަށެވެ.
އުމުރުން 29 އަހަރުގެ އޮޒިލް ބުނީ، އޭނާ އިސްކަންދެނީ އެންމެ ރަނގަޅު ކުޅުން ދެއްކުމަށް ކަމަށާއި ކުރިމަގުގައި ވެގެންދާނެ ގޮތެއް އެނގޭނީ ފަހުން ކަމަށެވެ.
މީގެ އިތުރުން އޮޒިލް ހޯދުމަށް އެޓްލެޓިކޯގެ އިތުރުން ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.