މާފަންނު އެމްއެޗްއޭ މާޓް މައިރިން އިއްޔެ ހަވީރު ތިން ޒުވާނެއްގެ ގަޔަށް ވަޅިހެރި މައްސަލާގައި ހައްޔަރުކުރި ހަތް މީހުންގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.

"ސަން" އަށް އެނގިފައިވާގޮތުގައި މިއަދު ހަވީރުގެ ވަގުތުގައި ކްރިމިނަލް ކޯޓުން ވަނީ އެ ހަތް މީހުންގެ ބަންދަށް 10 ދުވަސް ޖަހާފައެވެ.

އެ ހަތް މީހުން ހައްޔަރުކޮށްފައި ވަނީ މ. ސިނީއަސުރުމާގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށް ރޭގެ ވަގުތެއްގައެވެ.

އިއްޔެ ހަވީރު 5:50 އެހައިކަންހާއިރު ވަޅިން ދިން ހަމަލާއާ ގުޅިގެން ސީރިއަސް ޒަޚަމްތަކެއް ލިބިފައި ވަނީ ނ. މިލަދޫ، ކާނޭޝަންމާގޭ، އަބޫބަކުރު ފާރިއުއަށެވެ. އޭނާ އަށް މިހާރު އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގެ އެހީގައެވެ.

އެ މާރާމާރީގައި ޒަޚަމްވި އިތުރު މީހަކަށް ވެސް އެ ހޮސްޕިޓަލުން އަންނަނީ ފަރުވާދެމުންނެވެ. ނަމަވެސް އޭނާގެ ހާލު ސީރިއަސްއެއް ނޫނެވެ. އެއީ ތ. ތިމަރަފުށި، މާފޮޅޭގޭ، ހަމްދާން ހަސަނެވެ.

އެ ދެ މީހުންނަކީ ވެސް މިދިޔަ ޖުލައި މަހުގެ 19 ވަނަ ދުވަހުގެ ރޭ އެލްސިއޯން ބޭކަރީ ކައިރިން ޒުވާނެއްގެ ގަޔަށް ވަޅި ހެރި ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ދެ މީހެކެވެ.