ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ބޯހިޔާވަކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ތެރެއިން 80،000 މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫއު އިފްތިތާހު ކުރުމަށް މިރޭ ބޭއްވުމަށް ހަމަޖެއްސި ޖަލްސާ މޫސުން ތަން ނުދިނުމުގެ ސަބަބުން ހުކުރު ދުވަހުގެ ރެއަށް ފަސްކޮށްފިއެވެ.

ހުޅުމާލޭގައި އަލަށް ހިއްކި ސަރަހައްދު (ހުޅުމާލޭ ޔޫތު ސިޓީ ފޭސް2)ގައި ކުރިއަށް ގެންދާ އެ މަޝްރޫއު އިފްތިތާހުކޮށް ބިންގާއަޅާ ޖަލްސާއަށް ދީފައިވާ ނަމަކީ "ހިޔާ"އެވެ.

އެޗްޑީސީން ބުނީ މިރޭ ބާއްވަން އުޅުނު ރަސްމިއްޔާތުގައި ބިންގާއެޅުމަށް ހަމަޖެހިފައި ވަނީ ކިތައް ހައުސިން ޔުނިޓް ކަމެއް މިހާރު ބުނަން އުނދަގޫ ކަމަށާއި ނަމަވެސް އެ މަޝްރޫއުގެ ދަށުން 80،000 މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ މިއަދު ސަން އަށް ވިދާޅުވީ "ހިޔާ" ހައުސިން މަޝްރުއުއަކީ މިހާތަނަށް މިގޮތަށް ކުރިއަށް ގެންދާ އެންމެ ބޮޑު މަޝްރޫއު ކަމަށާ އަދި އެ މަޝްރޫއުގެ ދަށުން މިވަގުތު ބޯހިޔާވަހިކަމަށް ދަތިވެފައިތިބި އެތައް ހާސް ރައްޔިތުންނަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށެވެ.

އެ މަޝްރޫއުގެ އިތުރުން ސަރުކާރުން މިހާރު ފަށާފައިވާ 15000 ހައުސިންގް ޔުނިޓްގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށް ސަރުކާރުން ބުނެއެވެ.