ނ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ބާއްވާ ސިޔާމް މައުރޫފް ސޮކާ ކަޕްގެ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ރަނަރަޕް ކެނދިކުޅުދޫ ބަލިކޮށް، ލަންދޫން ފެށުން ރަނގަޅުކޮށްފި އެވެ.

ނ. މާޅެންދޫގައި ބާއްވާ އެ މުބާރާތް ފެއްޓަވައިދެއްވީ މުބާރާތުގެ ދެ ބާނީން ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފެވެ.

މާޅެންދޫ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު 'ގްރޫޕް އޭ'ގެ މެޗުގައި ކެނދިކުޅުދޫގެ މައްޗަށް ލަންދޫން ކުރި ހޯދާފައި ވަނީ 1-0 ލަނޑުގެ ނަތީޖާއަކުންނެވެ.

ސިޔާމް މައުރޫފް ސޮކާ ކަޕްގައި ލަންދުއާއި ކެނދިކުޅުދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ލަންދޫ މޮޅުވީ 1-0 ލަނޑުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިމެޗުގެ ފުރަތަމަ ހާފުގައި ލަންދުއާއި ކެނދިކުޅުދުއަށް ވެސް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. ފުރަތަމަ ހާފުގައި ކެނދިކުޅުދުއަށް ލިބުނު ފުރުސަތުތަކުގެ ތެރެއިން މުހައްމަދު އަރީހާއި މުހައްމަދު އިޝާނަށް ލިބުނު ދެ ފުރުސަތެއް ފާހަގަކޮށްލެވެ އެވެ. ލަންދުއަށް ލިބުނު ފުރުސަތުތަކުގެ ތެރެއިން މުހައްމަދު ނަފްޝާނަށް ލިބުނު ފުރުސަތެއް ފާހަގަކޮށްލެވެ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ގޯލްކީޕަރުންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އެވެ. އެގޮތުން ކެނދިކުޅުދޫގެ ޒުވާން ގޯލްކީޕަރު މުހައްމަދު އަކްރަމްގެ މޮޅު ސޭވްތައް ފާހަގަކޮށްލެވެ އެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ސިޔާމް މައުރޫފް ސޮކާ ކަޕްގައި ލަންދުއާއި ކެނދިކުޅުދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ލަންދޫ މޮޅުވީ 1-0 ލަނޑުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މެޗުގެ ދެ ވަނަ ހާފުގައި ވެސް ދެ ޓީމުގެ ފަރާތުން ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެވެ. އެގޮތުން ދެ ވަނަ ހާފުގެ ކުރީކޮޅުގައި ދެ ޓީމަށް ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބުނުކަން ފާހަގަކޮށްލެވެ އެވެ. ދެ ވަނަ ހާފު ފެށިތާ މާގިނަތަކެއް ނުވަނީސް ލަންދޫގެ ކެޕްޓަން ހުސައިން ޖަވާދު ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައި ނުވާއިރު، ކެނދިކުޅުދޫގެ ހަސަން މާޒިން ފޮނުވާލި ހަމަލާ، ލަންދޫގެ ކީޕަރު ވަނީ މަތަކޮށްފަ އެވެ.

މިމެޗުގައި ލަންދޫން ލީޑު ހޯދާފައި ވަނީ ދެ ވަނަ ހާފު ނިމެން ކައިރި ވެފައި ވަނިކޮށެވެ. ކެނދިކުޅުދޫގެ ޕެނަލްޓީ އޭރިޔާ ތެރެއިން އެ ޓީމުގެ ކުޅުންތެރިޔަކު، ލަންދޫގެ އަހްމަދު ރިޒްވީނަށް ކުރި ފައުލާ ގުޅިގެން ލިބުނު ޕެނަލްޓީ އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ޖަވާދެވެ.

ސިޔާމް-މައުރޫފް ސޮކާ ކަޕްގެ ދެ ބާނީން، 2017 ވަނަ އަހަރުގެ އެ މުބާރާތް ރަސްމީކޮށް ފައްޓަވައި ދެއްވަނީ --- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ސިޔާމް މައުރޫފް ސޮކާ ކަޕް އަކީ ރާއްޖޭގައި ބޭއްވިގެންދާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތެވެ. މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 500،000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވާ އިރު، މުބާރާތުގެ ރަނަރަޕް ޓީމަށް 100،000 ރުފިޔާ، ފެއަރ ޕްލޭ ޓީމަށް 25،000 ރުފިޔާ އަދި ބެސްޓް ސަޕޯޓިން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވެ އެވެ. މިއަހަރުގެ މުބާރާތުގައި ނ. އަތޮޅުގެ 12 ރަށަކުން ވާދަކުރެ އެވެ.