15 Nov 2017, 18:00
އިދިކޮޅު ކޯލިޝަނުން އެއް ކެންޑިޑޭޓަކު ނެރެން އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ނިންމައިފިއެވެ.
އެމްޑީޕީން އެގޮތަށް ނިންމީ އެޕާޓީގެ ގައުމީ މަޖިލީހުން މިއަދު ފާސްކުރި ގަރާރަކުންނެވެ.
އެ ގަރާރުގައިވާގޮތުން އިދިކޮޅު ކޯލިޝަނުން ނެރޭ ކެންޑިޑޭޓަކު ކަނޑައަޅާނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މަޝްވަރާކޮށްގެނެވެ. އަދި އެމްޑީޕީގެ ފަރާތުން ހުށަހަޅާ ކެންޑިޑޭޓަކު ކަނޑައަޅާނީ ޕްރައިމަރީއަކުން ކަމަށް އެ ގަރާރުގައިވެއެވެ.
އެއް ކެންޑިޑޭޓަކު ނެރެންޖެހޭ ސަބަބުތައް ވެސް ވަނީ އެ ގަރާރުގައި ހިމަނާފައެވެ.
އެ ސަބަބުތަކުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނާއި އެހެނިހެން މިނިވަން މުއައްސަސާތައް ވެސް ސަރުކާރުގެ ނުފޫޒުގެ ދަށުގައިވާކަމަށް އެ ޕާޓީން ގަބޫލުކުރާކުރުން ހިމެނެއެވެ.
ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ މިނިވަންކަން ނަގާލައި ސިފައިން މެދުވެރިކޮށް މަޖިލިސް ކޮންޓްރޯލްކުރާ ކަމަށް އެޕާޓީން ގަބޫލުކުރާކުރުން ވެސް އެއް ކެންޑިޑޭޓަކު ނެރެންޖެހޭ ސަބަބުތަކުގެ ތެރޭގައި ވަނީ ހިމަނާފައެވެ.
އިދިކޮޅުން އެއް ކެންޑިޑޭޓަކު ނެރެގެން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ބަލިކުރަން އެޕާޓީން ބޭނުންވާ ކަމަށް ވެސް އެ ގަރާރުގައިވެއެވެ.
އިދިކޮޅު ކޯލިޝަނާއެކު އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބާއި ޖެހިގެން އޮންނަ މަޖިލިސް އިންތިޚާބުގައި މަސައްކަތް ކުރުމަށް އަދާލަތު ޕާޓީން ވެސް ވަނީ ދާދިފަހުން ނިންމާފައެވެ.