މާފަންނު އެމްއެޗްއޭ މާޓް ކައިރިން އިއްޔެ ހަވީރު ވަޅި ހެރުމުން ސީރިއަސް ހާލަތުގައި އޮތް ޒުވާނާ އަށް މިހާރު ފަރުދެމުންދަނީ ވެންޓިލޭޓަރުގެ އެހީގައި ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

އިއްޔެ ހަވީރު 5:50 އެހައިކަންހާއިރު ވަޅިން ދިން ހަމަލާއާ ގުޅިގެން ސީރިއަސް ޒަޚަމްތަކެއް ލިބިފައި ވަނީ ނ. މިލަދޫ، ކާނޭޝަންމާގޭ، އަބޫބަކުރު ފާރިއުއަށެވެ.

އައިޖީއެމްއެޗުގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ އެ ޒުވާނާގެ ސާޖަރީއެއް ރޭ ހެދުމަށްފަހު މިހާރު އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެމުން އަންނަ ކަމަށެވެ.

އެ މާރާމާރީގައި ޒަޚަމްވި އިތުރު މީހަކަށް ވެސް އެ ހޮސްޕިޓަލުން އަންނަނީ ފަރުވާދެމުންނެވެ. ނަމަވެސް އޭނާގެ ހާލު ސީރިއަސްއެއް ނޫނެވެ. އެއީ ތ. ތިމަރަފުށި، މާފޮޅޭގޭ، ހަމްދާން ހަސަނެވެ.

އިއްޔެގެ މަރާމާރީގައި ޒަޚަމްވި އެ ދެ މީހުންނަކީ މިދިޔަ ޖުލައި މަހުގެ 19 ވަނަ ދުވަހުގެ ރޭ އެލްސިއޯން ބޭކަރީ ކައިރިން ޒުވާނެއްގެ ގަޔަށް ވަޅި ހެރި ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ދެ މީހެކެވެ.

އެ މައްސަލައާ ގުޅިގެން މ. ސިނީއަސުރުމާގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށް ހަތް މީހަކު ވަނީ ހައްޔަރުކޮށްފައެވެ.