އަންނަ އަހަރުގެ ރިޔާސީ އިންތިޚާބަށް 85 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާ ދައުލަތުގެ ބަޖެޓްގައި ހިމަނައިފި އެވެ.

ކުރިއަށް އޮތް އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހެޅި ބަޖެޓުގައި އިލެކްޝަންސް ކޮމިޝަނަށް ކަނޑައަޅާފައި ވަނީ 116 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއަހަރު އިލެކްޝަންސް ކޮމިޝަނަށް ކަނޑައަޅާފައިވާ ބަޖެޓްގެ ޖުމްލައަކީ 77.3 މިލިއަން ރުފިޔާއެވެ.

އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް 85 މިލިއަން ރުފިޔާ ބަޖެޓްކޮށްފައިވާއިރު، 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ހަރަދުކޮށްފައި ވަނީ 69 މިލިއަން ރުފިޔާ އެވެ.

މަޖިލީހުން ހުސްވިކަމަށް ބުނާ މެމްބަރުންގެ ގޮނޑިތަކުގެ ބައި އިލެކްޝަން ބޭއްވުމަށް 26 މިލިއަން ރުފިޔާ އަވަނީ ކަނޑައަޅާފައެވެ. ރައްޔިތުންގެ މަޖިލީހުގެ ބައި އިލެކްޝަންތައް އަންނަ އަހަރު ބާއްވާނެ ކަމަށް ލަފާކުރެވެ އެވެ.

އަންނަ އަހަރު ރިޔާސީ އިންތިހާބަށް ބަޖެޓްކޮށްފައިވާއިރު، ޖެހިގެން އަންނަ 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އާންމު އިންތިހާބު އޮންނާނެ އެވެ. އެ އިންތިހާބަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިހާބު ކުރުމަަށް ބާއްވާ އާންމު އިންތިހާބެކެވެ.

އިލެކްޝަންސް ކޮމިޝަނުގެެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް އަންނަ އަހަރު ދިނުމަށް ކަނޑައަޅާފައިވަނީ 24.2 މިލިއަން ރުފިޔާއެވެ.

އަންނަ އަހަރަށް ލަފާކޮށް 27.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ހުށަހަޅައިފަ އެވެ. އަންނަ އަހަރު ދައުލަތަށް އާމްދަނީގެ ގޮތުގައި އަދި އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 22.4 ބިލިއަން ރުފިޔާ އެވެ. އަދި އަންނަ އަހަރު ދައުލަތުގެ ހަރަދަކީ 24.9 ބިލިއަން ރުފިޔާ ކަމަށް ވަނީ ލަފާކޮށްފަ އެވެ.