15 Nov 2017, 19:23
އަންނަ އަހަރުގެ ނިޔަލަށް ދައުލަތުގެ ދަރަނި 49.1 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އިން ބުނެފި އެވެ.
ދެހާސް އަށާރަ ވަނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓްގައި ބުނެފައި މިއަހަރު ނިމޭއިރު ދައުލަތުގެ ބަޖެޓުގެ ޖުމްލަ 43 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ. އެއީ އެތެރޭގެ ދަރަނި 26 ބިލިއަން އަދި ބޭރުގެ ދަރަނި 17 ބިލިއަން ރުފިޔާއެވެ.
އަންނަ އަހަރު ދައުލަތުގެ ދަރަނި 49.1 ބިލިއަން ރުފިޔާ އަށް އިތުރުވާނެ ކަމަށް ލަފާ ކުރާއިރު އެތެރޭގެ ދަރަނީގެ ގޮތުގައި 21 ބިލިއަން ރުފިޔާ އާއި ބޭރުގެ ދަރަނީގެ ގޮތުގައި 27 ބިލިއަން ރުފިޔާ އެވެ.

ބަޖެޓް ހުށަހަޅަން މިއަދު ބޭއްވި ޖަލްސާގައި ބައެއް މަޖިލިސް މެމްބަރުން ބަޖެޓް ވިދާޅުވަނީ --- ފޮޓޯ: މަޖިލިސް
ދައުލަތުގެ ބަޖެޓް ޑެފިސިޓް ފޫބެއްދުމަށް ބަޖެޓްގައި ވަނީ ހިމަނައިފައެވެ. އެގޮތުން ސުކޫކް އަދި ޓްރެޜަރީ ބޮންޑު ވިއްކުމަށް ވަނީ ނިންމައިފައެވެ. ބަޖެޓް ޑެފިސިޓް ފޫބެއްދުމަށް 300 އާއި 200 މިލިއަން ޑޮލަރާ ދެމެދުގެ ސުކޫކު ވިއްކުމަށް ވަނީ ނިންމައިފައެވެ.
އަދި ރާއްޖެ އާއި ރާއްޖެ އިން ބޭރަށް ވިއްކާ ޓްރެޝަރީ ބިލާއި ބޮންޑް ފަދަ ފައިނޭންޝަލް އިންސްޓްރުމަންޓް މެދުވެރި ކޮށްގެން ބަޖެޓް ޑެފިސިޓް ކުޑަކުރުމަށް ވަނީ އަންނަ އަހަރުގެ ބަޖެޓްގައި ހިމަނައިފައެވެ.

ބަޖެޓް ހުށަހަޅަން މިއަދު ބޭއްވި ޖަލްސާގައި ބައެއް މަޖިލިސް މެމްބަރުން --- ފޮޓޯ: މަޖިލިސް
މި އަހަރުގެ ނިޔަލަށް މިހާރު އަންދާޒާކުރާ ޑެފިސިޓަށްވުރެ 2018 ވަނަ އަހަރުގެ ބަޖެޓު ޑެފިސިޓް ބޮޑުވާނެ ކަމަށް ބެލެވެނީ ބަޖެޓުގައި އައު ކަންތައްތަކަށް ފައިސާ ކަނޑައެޅިފައިވާތީ ކަމަށް ބަޖެޓް ފޮތުގައި ބުނެފައިވެ އެވެ.
އަންނަ އަހަރަށް ލަފާކޮށް 27.9 މިލިއަން ރުފިޔާގެ ބަޖެޓެއް މިއަދު ވަނީ މަޖިލީހަށް ހުށަހަޅައިފައެވެ.