15 Nov 2017, 16:01
ކޮމާޝަލް ބޭނުމަށް 10 ހެކްޓަރުގެ 20 ފަޅު ހިއްކަން ބަޖެޓް ކޮށްފި އެވެ.
އަންނަ އަހަރަށް ލަފާ ކުރާ ދިވެހި ދައުލަތުގެ ބަޖެޓް ހުށައަޅަމުން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވީ އަންނަ އަހަރު ކޮމާޝަލް ބޭނުމަށް 20 ފަޅެއް ހިއްކަން ހަމަޖެހިފައިވާ ކަމަށެވެ. އެ ފަޅުތައް ހިއްކުމަށް ހަމަޖެހިފައި ވަނީ ސީދާ ކޮން ބޭނުންމެއްގައި ކަން ވިދާޅުނުވި ނަމަވެސް އެ ފަޅުތައް ހިއްކަނީ ޓުއަރިޒަމް މިނިސްޓްރީގެ ދަށުންނެވެ.
ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް( ޕީއެސްއައިޕީ)ގެ އާންމު ބަޖެޓްގެ ތެރޭގައި ހިމަނައިގެން އަލަށް ފަށާ މަޝްރުއުއަށް އަންނަ އަހަރު ހޭދަކުރަން ހަމަޖެހިފައި ވަނީ 108 މިލިއަން ރުފިޔާ އެވެ. ބަޖެޓްގައި ވާގޮތުން އެ މަޝްރުއު އަންނަ އަހަރު ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފަ އެވެ.
އަންނަ އަހަރު ފަށަން ހަމަޖެހިފައިވާ އެ މަޝްރުއުގެ ދަށުން ހިއްކަނީ ސީދާ ކޮން ފަޅުތަކެއް ކަމެއް ބަޖެޓްގައި ބުނެފައެއް ނުވެ އެވެ. ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު ވިދާޅުވީ އަންނަ އަހަރު މިހާރު ހިއްކަމުން ގެންދާ ބިންތައް ހިއްކައި ނިންމުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަލަށް ހިއްކާ 20 ފަޅުގެ އިތުރުން އަންނަ އަހަރު ތިން އެއާޕޯޓެއް އަޅާނެ ބިން ވެސް ވަނީ ބަޖެޓް ކޮށްފަ އެވެ. އެއީ ށ. ފުނަދޫ، ހދ ކުޅުދުއްފުށީ އަދި ފ. ނިލަންދޫއެވެ.
އަންނަ އަހަރަށް ލަފާ ކުރާ ބަޖަޓެކަށް ހުށައަޅާފައި ވަނީ 27.9 މިލިއަން ރުފިޔާ އެވެ. އަންނަ އަހަރު ދައުލަތަށް ހިލޭ އެހީގެ ގޮތުގައި 22.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފަ އެވެ. އެ އަދަދުގެ ތެރޭގައި ހިމެނެނީ ޓެކްސްގެ ގޮތުގައި ލިބޭ 16.3 ބިލިއަން ރުފިޔާ އާއި އެނޫން ގޮތްގޮތަށް ލިބޭނެ ކަމަށް ލަފާކޮށްފައިވާ 5.2 ބިލިއަން ރުފިޔާ އެވެ. އަދި އެހެނިހެން ގޮތްގޮތުން ހިލޭ އެހީގެ ގޮތުގަޔާއި ފަންޑުގެ ގޮތުގައި ލިބޭ 858 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.