Last Updated:
8 year 1 week ago

ސިޔާމް މައުރޫފް ސޮކާ ކަޕް (ފުލްޓައިމް): ކެނދިކުޅުދޫ 0-1 ލަންދޫ

    ބުލޮގު ޚުލާސާ

    ސިޔާމް މައުރޫފް ސޮކާ ކަޕް ފެށުމުގެ ރަސްމިއްޔާތަށް ސަންގެ ކިޔުންތެރީންނަށް މަރުހަބާ!

    މިމުބާރާތަކީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފްގެ އިސްނެންގެވުމާއެކު ނ. އަތޮޅުގައި ފުޓްބޯޅަ ކުރިއަރުވައި، އެ އަތޮޅުން ރަނގަޅު ފެންވަރުގެ ކުޅުންތެރިން ފުޓްބޯޅައަށް ތައާރަފް ކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ މުބާރާތެއް.

    ސިޔާމް-މައުރޫފް ސޮކާ ކަޕްގެ ޗެމްޕިއަން ޓީމަށް މި އަހަރު 500،000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައި ވާއިރު، މުބާރާތުގެ ރަނަރަޕް ޓީމަށް 100،000 ރުފިޔާ، ފެއަރ ޕްލޭ ޓީމަށް 25،000 ރުފިޔާ އަދި ބެސްޓް ސަޕޯޓަރުންގެ ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވޭ.

    މިއަހަރުގެ މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ނ. ލަންދުއާއި ނ. ކެނދިކުޅުދޫ.

    17:48

    މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ލަންދޫގެ ކެޕްޓަން ހުސައިން ޖަވާދު. އޭނާއަށް އިނާމު ހަވާލުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު.

    17:46

    މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިންމާލައިފި. މެޗުގެ ކުޅުން ނިމުނީ 1-0 ލަނޑުގެ ނަތީޖާއަކުން ލަންދޫ ކުރީގައި އޮވެގެން. ކެނދިކުޅުދޫއަކީ އެންމެ ފަހުގެ ޗެމްޕިއަން. މިދިޔަ އަހަރުގެ މުބާރާތް ކުރިއަށް ގޮސްފައި ވަނީ ވެސް ކެނދިކުޅުދޫގައި.

    17:38

    ލަންދޫން ލީޑު ހޯދައިފި.ލަންދުއަށް ލިބުނު ޕެނަލްޓީއަކުން އެ ޓީމަށް ލީޑު ހޯދައިދިނީ ކެޕްޓަން ހުސައިން ޖަވާދު.

    17:36

    ލަންދޫއަށް ޕެނަލްޓީއެއް. ކެނދިކުޅުދޫގެ ޕެނަލްޓީ އޭރިޔާ ތެރެއިން އެ ޓީމުގެ ކުޅުންތެރިޔަކު ވަނީ އަހްމަދު ރިޒްވީނަށް ފައުލްކޮށްފައި.

    17:31

    މިމެޗުގެ ފުރަތަމަ 11ގައި ހިމެނިގެން ކުޅެމުންދާ 21 އަހަރުންދަށުގެ ކުޅުންތެރިންގެ ފަރާތުން ފާހަގަކޮށްލެވޭ ކުޅުމެއް ފެންނަމުންދޭ. ލަންދޫގެ މުހައްމަދު ނަފްޝާންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދާ އިރު، ކެނދިކުޅުދޫގެ ޒުވާން ކީޕަރު މުހައްމަދު އަކްރަމްގެ މޮޅެތި ސޭވްތަކެއް ފެންނަމުންދޭ.

    17:27

    މިފަހަރުގެ މުބާރާތުގެ ގަވާއިދަށް ވަނީ ވަރަށް ރަނގަޅު ބަދަލެއް ގެނެސްފައި. މިފަހަރުގެ މުބާރާތުގައި ޓީމުތަކުގައި ހިމަނާ ކުޅުންތެރިންގެ ތެރެއިން ހަ ކުޅުންތެރިންނަކީ 21 އަހަރުންދަށުގެ ކުޅުންތެރިންނަށް ވާން ޖެހޭ.

    17:25

    ކެނދިކުޅުދޫން ބަދަލެއް. އިބްރާހިމް މުހައްމަދުގެ ބަދަލުގައި ކުޅެން ނުކުތީ މުހައްމަދު ސިމާލް.

    17:23

    މިމެޗުގައި ދެ ޓީމަށް ވެސް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް، އަދި ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވޭ. މިމެޗުގައި ދެ ޓީމުގެ ގޯލްކީޕަރުންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދޭ.

    17:20

    ކެނދިކުޅުދޫގެ ބަދަލެއް. މޫސާ ނަދީމްގެ ބަދަލުގައި ކުޅެން ނުކުތީ ނިޝާން އަހްމަދު.

    17:19

    ލަންދޫގެ ދެވަނަ ބަދަލު. އަހްމަދު އަފްސަލްގެ ބަދަލުގައި ކުޅެން ނުކުތީ އަބްދުﷲ އާރިފް.

    17:18
    ސިޔާމް މައުރޫފް ސޮކާ ކަޕް ފެށުމުގެ ރަސްމިއްޔާތުގައި މުބާރާތުގެ ރަމްޒީ ޗެކުގައި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ސިޔާމް ސޮއިކުރައްވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
    ސިޔާމް މައުރޫފް ސޮކާ ކަޕްގައި ލަންދުއާއި ކެނދިކުޅުދޫ ބައްދަލުކުރާ މެޗުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
    ސިޔާމް މައުރޫފް ސޮކާ ކަޕްގައި ލަންދުއާއި ކެނދިކުޅުދޫ ބައްދަލުކުރާ މެޗުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
    17:14

    މިމުބާރާތުގައި ރެފްރީންގެ ގޮތުގައި ހަރަކާތްތެރިވާނީ ލާއޯސްގެ ރެފްރީން.

    17:14

    ލަންދޫން ބަދަލެއް. ވަސީމް އަބްދުލް ރަހުމާނުގެ ބަދަލުގައި ކުޅެން ނުކުތީ ނައުޝާދު އަބްދުލް ރަހީމް.

    17:12

    ލަންދޫގެ ނުރައްކާތެރި ހަމަލާއެއް. ކެނދިކުޅުދޫ ޕެނަލްޓީ އޭރިޔާ ބޭރުން ލަންދޫގެ މުހައްމަދު ނަފްޝާން ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށް.

    17:09
    ސިޔާމް މައުރޫފް ސޮކާ ކަޕްގައި ލަންދުއާއި ކެނދިކުޅުދޫ ބައްދަލުކުރާ މެޗުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
    ސިޔާމް މައުރޫފް ސޮކާ ކަޕްގައި ލަންދުއާއި ކެނދިކުޅުދޫ ބައްދަލުކުރާ މެޗުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
    17:07

    މިއަހަރުގެ މުބާރާތުގައި ބައިވެރިވި 12 ޓީމު ވަނީ ތިން ގްރޫޕަކަށް ބަހާލާފައި.

    • ގްރޫޕް އެކެއް:ލަންދޫ، ކެނދިކުޅުދޫ، މާފަރު، މިލަދޫ.

    • ގްރޫޕް ދޭއް:މަގޫދޫ، މަނަދޫ، ހެނބަދޫ، ކުޑަފަރީ.
    • ގްރޫޕް ތިނެއް:ވެލިދޫ، ޅޮހި، ހޮޅުދޫ، މާޅެންދޫ.
    17:06

    މި މުބާރާތުގައި މިއަހަރު ނ. އަތޮޅުގެ 13 ރަށުގެ ތެރެއިން 12 ރަށަކުން ބައިވެރިވެފައިވޭ. މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައި ނުވާ ހަމައެކަނި ރަށަކީ ފޮއްދޫ. މިދިޔަ އަހަރުގެ މުބާރާތުގައި ނ. އަތޮޅުގެ ހުރިހާ ރަށަކުން ވެސް ވަނީ ބައިވެރިވެފައި.

    17:04

    ކެނދިކުޅުދުއަށް އިތުރު ފުރުސަތެއް. ކޯނަރެއްގެ ތެރެއިން ލަންދޫގެ ޕެނަލްޓީ އޭރިޔާ ތެރެއިން ލިބުނު ބޯޅައަކުން އިޝާން ފޮނުވާލި ހަމަލާ، ލަންދޫގެ ޑިފެންޑަރުން ވަނީ ދިފާއުކޮށްފައި.

    17:03

    ކެނދިކުޅުދޫގެ ނުރައްކާތެރި ހަމަލާއެއް. ހިލޭ ޖެހުމަކުން ކެނދިކުޅުދޫގެ ހަސަން މާޒިން ފޮނުވާލި ހަމަލާ، ލަންދޫގެ ކީޕަރު ވަނީ މަތަކޮށްފައި.

    17:01

    ލަންދުއަށް ރަނގަޅު ފުރުސަތެއް. ކޯނަރެއްގެ ތެރެއިން ލިބުނު ބޯޅައަކުން ކެނދިކުޅުދޫގެ ޕެނަލްޓީ އޭރިޔާ ތެރެއިން ލަންދޫގެ ކެޕްޓަން ހުސައިން ޖަވާދު ފޮނުވާލި ހަމަލާ، ގޯލާ އަމާޒުވެފައެއް ނުވޭ.

    16:59

    މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި

    16:44

    މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން.

    16:42

    ލަންދޫގެ ނުރައްކާތެރި ހަމަލާއެއް. ލަންދޫގެ މުހައްމަދު ނަފްޝާން ފޮނުވާލި ބާރު ހަމަލާ، ކެނދިކުޅުދޫގެ ޒުވާން ކީޕަރު މުހައްމަދު އަކްރަމް ވަނީ ހުޝިޔާރުކަމާ އެކު މަތަކޮށްފައި.

    16:40

    ކެނދިކުޅުދުއަށް ހުސް ފުރުސަތެއް. އަރިމަތިން ނަގައިދިން ހުރަހަކުން ލަންދޫގެ ޕެނަލްޓީ އޭރިޔާ ތެރޭ ހުސްކޮށް ހުރެ، އިޝާން ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.

    16:33

    ލަންދޫގެ ހާފްގެ ތެރެއިން ސަމާއީލް އަށް ކުރި ފައުލަކާ ގުޅިގެން ކެނދިކުޅުދުއަށް ހިލޭ ޖެހުމެއް.

    16:28
    ސިޔާމް މައުރޫފް ސޮކާ ކަޕްގައި ލަންދުއާއި ކެނދިކުޅުދޫ ބައްދަލުކުރާ މެޗުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
    ސިޔާމް މައުރޫފް ސޮކާ ކަޕްގައި ލަންދުއާއި ކެނދިކުޅުދޫ ބައްދަލުކުރާ މެޗުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
    16:27

    ލަންދޫގެ ވަސީމް އަބްދުލް ރަހީމް ދުރުން ފޮނުވާލި ހަމަލާ، ކެނދިކުޅުދޫގެ ކީޕަރު ފަސޭހަކަމާ އެކު ހޯދައިފި.

    16:24

    ކެނދިކުޅުދުއަށް ރަނގަޅު ފުރުސަތެއް. މުހައްމަދު އިޝާން ދިން ބޯޅައެއް ހިފައިގެން މުހައްމަދު އަރީހު، ލަންދޫގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަން ނަމަވެސް، އޭނާއަށް އެ ބޯޅައިގެ ބޭނުން ހިފޭގޮތެއް ނުވި.

    ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު

    މިފަހަރުގެ މުބާރާތުގައި ބޭނުން މިކުރަނީ ރާއްޖޭން ބޭރުގެ ވަރަށް ރަނގަޅު ރެފްރީން. މިމުބާރާތް ވަރަށް ކުލަގަދަކޮށް ނިމިގެންދާނެ ކަމަށް އަޅުގަނޑު ޝައްކެއް ނުކުރަން.
    ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފް

    މިއަހަރުގެ މުބާރާތް ވެސް ނިމިގެންދާނީ ވަރަށް ކުލަގަދަކޮށް، ފުޓްބޯޅަ ލެޖެންޑަކާ އެކު.
    16:15

    މިމުބާރާތުގެ ވަނަވަނައަށް ހޮވޭ ޓީމުތަކަށް ހުށަހަޅާ ފައިސާގެ އިނާމުތަކަށް ބޮޑެތި ބަދަލުތަކެއް އަންނަކަން ފާހަގަކޮށްލެވޭ. މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 150،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިން ނަމަވެސް، މިފަހަރު ޗެމްޕިއަން ޓީމަށް ހުށަހަޅާފައި ވަނީ 500،000 ރުފިޔާގެ ފައިސާގެ އިނާމެއް.

    16:14

    ކެނދިކުޅުދުއަށް ރަނގަޅު ފުރުސަތެއް. ކޯނަރެއްގެ ތެރެއިން ލަންދޫގެ ޕެނަލްޓީ އޭރިޔާ ތެރެއިން މޫސާ ހަލީމް ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.

    16:12

    މިމުބާރާތަކީ 2014 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި ނ. އަތޮޅުގައި ބާއްވަމުންދާ މުބާރާތެއް.

    16:10

    ކެނދިކުޅުދޫން ދަނީ ލަންދޫގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލުމަށް މަސައްކަތް ކުރަމުން. އެގޮތުން ކެނދިކުޅުދޫގެ ސާމިލްގެ ނުރައްކާތެރިކަން ފާހަގަކޮށްލެވޭ.

    16:09

    މިމުބާރާތް ޝަރަފްވެރި ކޮށްދެއްވުމަށް މުބާރާތުގެ ދެ ބާނީން ކަމަށްވާ މައުރޫފާއި ސިޔާމް ވަޑައިގެންނެވުމުން މާޅެެންދޫ އަދި ނ. އަތޮޅުގެ އެކި ރަށްތަކުގެ ރަށްތަކުގެ ރައްޔިތުން މަރުހަބާ ދަންނަވާފައިވޭ.

    16:08

    މެޗު ބެލުމަށް ދެ ޓީމުގެ ގިނަ އަދަދެއްގެ ސަޕޯޓަރުންގެ އިތުރުން މާޅެންދޫގެ ރައްޔިތުންގެ ވެސް ދަނޑަށް ހާޒިރުވެފައިވޭ.

    16:05

    ލަންދޫގެ އަފްޒަލް ދިން ބޯޅަ ކުރީގައި ހުރި އެޓީމުގެ ކުޅުންތެރިއަށް ލިބޭ ގޮތެއް ނުވި.

    16:05

    މެޗުގެ ކުޅުން ފެށިގެން ކުރިއަށް.