އަންނަ އަހަރުގެ ވޯލްޑް ކަޕަށް ތައްޔާރުވުމަށް ކުޅުނު ބައިނަލްއަގްވާމީ ރަހުމަތްތެރިކަމުގެ މެޗުގައި ޖަރުމަންް އާއި ފްރާންސް ކުޅުނު މެޗު ފަހު ވަގުތު ޖަރުމަނު ޖެހި ލަނޑުން އެ ޓީމު ބަލިވުނެ ސަލާމަތް ވެއްޖެ އެވެ.

ޖަރުމަނުގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 2-2 ގެ ނަތީޖާ އަކުން އެއްވަރުވެގެންނެވެ. މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، މެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ފްރާންސް އިންނެވެ. މި ލަނޑު އެ މެޗުގެ 33 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ އާސެނަލްގެ ފޯވާޑް އަލެކްސެންޑަ ލަކަޒެޓް އެވެ. ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގައި އޮވެގެންނެވެ.

ދެވަނަ ހާފު ފެށިގެން ކުރީ މޮޅު ޖަރުމަނުން ވަނީ ލަނޑެއް ޖަހައި ނަތީޖާ އެއްވަރު ކޮށްފަ އެވެ. މެޗުގެ 56 ވަނަ މިނެޓުގައި މެސުޓްް އޮޒިލް ދިން ޕާހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އަރަމުން އަންނަ ޒުވާން ފޯވާޑް ޓީމޯ ވާނާ އެވެ. އޭގެ ފަހުން ޖަރުމަނަށް ލިބުނި ހިލޭ ޖެހުމަކުން އެ ޓީމު ލީޑު ނެގުމާއި ގަތަށް ޖެހިލި އެވެ. ޓޯނީ ކްރޫސް ފޮނުވާލީ ހިލޭ ޖެހުން އަމާޒުވީ ގޯލުގެ މަތީ ދަނޑިއަށެވެ.

މެޗުގައި ދެވަނަ ފަހަރަށް ފްރާންސް އަށް ލީޑު ނަގައިދިނީ 71 ވަނަ މިނެޓުގައި ފުރަތަމަ ލަނޑު ވެސް ޖަހައިދިން ލަކަޒެޓް އެވެ. މި ލަނޑާ އެކު ފްރާންސް މޯޅުވާން ދަނިކޮށް މެޗުގެ އިތުރު ވަގުތުގެ ވެސް ފަހު ސިކުންތު ކޮޅުގައި ބަދަލު ކުޅުންތެރިއެއް ގޮތުގައި ނިކުތް ލާސް ސްޓިންޑެލް ވަނީ ލަނޑެއް ޖަހައި ޖަރުމަނު ބަލިން ސަލާމަތް ކޮށްދީފަ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ޖަރުމަނުގެ ކޯޗު ޔޯކިމް ލޯ ބުނީ ކުޅުނު ދެ އެކުވެރުކަމުގެ މެޗުން އެއްވަރުވި ނަމަވެސް ކުޅުންތެރިންގެ ކުޅުމާމެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ.