ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ހަތަރު އެއާޕޯޓް އަޅަން 336 މިލިއަން ރުފިޔާ ހަރަދު ކުރުމަށް އަންނަ އަހަރުގެ ބަޖެޓްގައި ހިމަނައިފި އެވެ.

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓް ހުށަހަޅަމުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު ވިދާޅުވީ ސަރުކާރުން އެންމެ އިސްކަމެއްދެއްވާ އެއްކަމަކީ ފަސޭހަ ދަތުރުފަތުރު ކުރުމުގެ ނިޒާމެއް ގާއިމުކުރުން ކަމަށެވެ.

މިނިސްޓަރު މުނައްވަރު ވިދާޅުވީ ބަޖެޓް ހުށައެޅުމުގައި ޑޮމެސްޓިކް އެއާޕޯޓްތައް ތަރައްގީކުރުމަށް ހާއްސަ އިސްކަމެއް ދީފައިވާނެ ކަމަށެވެ. އެގޮތުން ރާއްޖޭގެ ހަތަރު ހިސާބެއްގައި އަންނަ އަހަރު އެއާޕޯޓް ތަރައްގީ ވެގެންދާނެ ކަމަށެވެ.

މިނިސްޓަރު މުނައްވަރު ވިދާޅުވީ އަންނަ އަހަރު އެއާޕޯޓް އަޅަން ނިންމާފައި ވަނީ ހދ. ކުޅުދުއްފުށި، ށ. ފުނަދޫ، ގދ. މާވަރުލު، އަދި ފ.ނިލަންދޫ ގަ އެވެ.

އަދި އެއާޕޯޓް އެޅުމަށް އެ ހަތަރު ރަށުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެ ހަތަރު މަޝްރުއުއަށް ޖުމުލަ 336 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.

އެ މަޝްރުއުތަކުގެ ތެރެއިން ހދ. ކުޅުދުއްފުށީގައި އެއާޕޯޓް އަޅަން ހަމަޖެހިފައިވާ ބިން ސަރުކާރުން މިހާރުވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްގެން ފަށައިފަ އެވެ. އެގޮތުން މަހާ ޖައްރާފް ބޭނުންކޮށްގެން އެ ރަށުގައި އެއާޕޯޓް އާޅާ ސަރަހައްދު ހިއްކަންފަށާފައި ވަނީ މި މަހުގެ 12 ވަނަ ދުވެހު އެވެ. އަންނަ އަހަރުގެ ބަޖެޓްގައި ކުޅުދުއްފުށީ އެއާޕޯޓް ތަރައްގީ ކުރުމަށް ހިމަނާފައި ވަނީ 93 މިލިއަން ރުފިޔާ އެވެ.

ކުޅުދުއްފުށީ އެއާޕޯޓަށްއަޅާ ބިމަށް ފަހު ސަރުކާރުން ބުނެފައި ވަނީ ދެން މަހާ ޖައްރާފް ބޭނުންކޮށްގެން ހިއްކާނީ ށ. ފުނަދޫގައި އެއާޕޯޓް އަޅާ ބިން ކަމަށެވެ. ފުނަދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރުއުއަށް ހަމަޖައްސާފައި ވަނީ 89 މިލިއަން ރުފިޔާއެވެ.

ގދ.ގައި ހަދާ ދެވަނަ އެއާޕޯޓްކަމަށްވާ މާވަރުލު އެއާޕޯޓް ތަރައްގީ ކުރުމަށް ހަމަޖައްސާފައި ވަނީ 54 މިލިއަން ރުފިޔާ އެވެ. ފ. ނިލަންދޫގައި އެއާޕޯޓް އެޅުމަށް ހަރަދުކުރަން ނިންމާފައި ވަނީ 101 މިލިއަން ރުފިޔާ އެވެ. އެ ހަތަރު އެއާޕޯޓްގެ ތެރެއިން ބިން ނުހިއްކާ އެއާޕޯޓް އަޅަނީ މާވަރުލުގައި އެކަންޏެވެ.

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓަކަށް ހުށައަޅާފައި ވަނީ 27.7 ބިލިއަން ރުފިޔާ އެވެ.