15 Nov 2017, 15:09
ހަރާރޭ (ނޮވެމްބަރު 15): ޒިމްބާބުވޭގެ ސިފައިން ވަނީ ރޭގެ ވަގުތެއްގައި އެގައުމުގެ ރައީސް ރޮބަޓް މުގާބޭ އާއި އާއިލާ ހައްޔަރުކޮށްފައި ކަމަށް ޒިމްބާބުވޭގެ ވެރިކަން ކުރާ ޒަނޫ-ޕީއެފް ޕާޓީން ބުނެފި އެވެ.
ޒަނޫ-ޕީއެފް ޕާޓީން ކުރި ޓުވީޓުތަކެއްގައިވާ ގޮތުން މުގާބޭ ހައްޔަރު ކުރީ ގައުމުގެ ހަމަޖެހުމާއި ގާނޫނު އަސާސީއަށް ޓަކަ އެވެ. އަދި އެޕާޓީއަކީ މުގާބޭގެ ނުވަތަ އޭނާގެ އަނބިކަނބަލުންގެ އެއްޗެއް ނޫން ކަމަށާއި، އެޕާޓީގެ ވަގުތީ ރައީސަކީ މިދިޔަ ހަފްތާ ތެރޭގައި ނައިބު ރައީސްކަމުން ވަކިކުރި އެމާސަން މަންގާގުވާ ކަމަށް ބުނެފަ އެވެ.
މީގެ އިތުރުން، އެގައުމުގައި ކުރިއަށް ދާ "ލޭ އޮހޮރުވުމެއް ނެތް ބަދަލުގެ" ތެރެއިން ސިފައިން ވަނީ "ކޮރަޕްޓުވެފައިވާ މީހުންނާއި، އަނބިމީހާގެ ބާރުގެ ދަށުގައިވާ ދުވަސްވީ މީހަކު" ހައްޔަރުކޮށްފައި ކަމަށްވެސް ޒަނޫ-ޕީއެފްގެ ޓުވީޓުތަކުގައިވެ އެވެ.
ޒިމްބާބުވޭގެ އަސްކަރިއްޔާ އިން މިއަދު ވަނީ އެގައުމުގެ ވެރިރަށް ހަރާރޭގައި ހުރި ސަރުކާރުގެ ބައެއް އޮފީސްތައް ބަންދުކޮށް، ދައުލަތުގެ މީޑިއާ ޒެޑްބީސީ ހިފާފަ އެވެ. ނަމަވެސް އަސްކަރިއްޔާ އާއި ޒަނޫ-ޕީއެފް ޕާޓީން ވަނީ އެއީ ބަޣާވާތެއް ނޫން ކަމަށާއި އެގައުމުގައި އަދިވެސް އޮތީ ޑިމޮކްރަސީއެއް ކަމަށް ބުނެފަ އެވެ.
ޒިމްބާބުވޭގެ އަސްކަރިއްޔާ އިން އެގައުމުގައި ބާރު ހިންގަން ފެށީ އެގައުމުގެ ސިފައިންގެ ވެރިޔާ ކޮންސްޓަންޓީނޯ ޗިވެންގާ ބަޣާވާތް ކުރަން އުޅޭ ކަމަށް ވެރިކަން ކުރާ ޒަނޫ-ޕީއެފް ޕާޓީން ތުހުމަތު ކުރި ފަހުންނެވެ. އެތުހުމަތުތައް ފެންމަތިވީ ގައުމުގެ ނައިބު ރައީސް ކަމުން މިދިޔަ ހަފްތާގައި ވަކިކުރީ އެ މާސަން މަންގާގުވާ އަށް ތާއިދު ކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅަން އަސްކަރިއްޔާ އިން ތައްޔާރަށް އޮތް ކަމަށް ޗިވެންގާ ވިދާޅުވުމުންނެވެ.
މަންގާގުވާ މަގާމުން ދުރުކުރީ އޭނާގެ ޒިންމާތައް ފުރިހަމައަށް އަދާ ނުކުރައްވާތީ އާއި އޭނާ "ތެދުވެރި ނޫން" ކަމަށް ފާހަގަ ކުރެވުމުން ކަމަށް އެގައުމުގެ އިންފޮމޭޝަން މިނިސްޓަރު ސިމޮން ޚާޔާ ވިދާޅުވި އެވެ. (ބީބީސީ)