އަންނަ އަހަރު ރަޝިއާގައި ބާއްވާ ވޯލްޑް ކަޕަށް ތައްޔާރު ވުމަށް ކުޅުނު ބައިނަލްއަގްވާމީ ރަހުމަތްތެރިކަމުގެ މެޗެއްގައި ބެލްޖިއަމް ފޯވާޑް ރޮމެލޫ ކުލާކޫ ރެކޯޑު ލަނޑާއެކު ޖަޕާން އަތުން މޮޅު ވެއްޖެ އެވެ.

ބެލްޖިއަމްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކުރީ 0-1 ގެ ނަތީޖާ އަކުންނެވެ. އެ މެޗުގައި ލުކާކޫ ޖެހި ލަނޑާއެކު އޭނާ ވެގެން ގޮސްފައި ވަނީ ބެލްޖިއަމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިއާ އަށެވެ. ޖަޕާން ކޮޅަށް ލުކާކޫ ޖެހި ގޯލަކީ ގައުމީ ޓީމަށް އޭނާ ކާމިޔާބު ކޮށްދިން 31 ވަނަ ގޯލެވެ. މީގެ ކުރިން އެ ރެކޯޑު އޮތީ ބާނާޑް ވޫހޫފާއި ޕޯލް ވެން ހިމްސްޓް އަތުގަ އެވެ. މި ދެ ކުޅުންތެރިން ރެކޯޑް ހެދީ 30 ގޯލު ޖަހައިފަ އެވެ.

ރޭގެ މެޗުގައި ބެލްޖިއަމް އަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތައް ބެލްޖިއަމަށް ލިބި ވަނީ ބޭކާރުވެފަ އެވެ. އޭގެ ތެރޭގައި މެންޗެސްޓާ ސިޓީ އަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ކެވިން ޑިބްރޭނާ އަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެ އެވެ.

ގަވައިދުން ބެލްޖިއަމްގެ ޓީމުން ޖާގަަ ހޯދަމުން އަންނަ ލުކާކޫ އެންމެ ފުރަތަމަ ގައުމީ ޓީމަށް ލަނޑެއް ކާމިޔާބު ކޮށްދިނީ 2010 ވަނަ އަހަރު ނޮވެމްބަރު މަހު 17 ވަނަ ދުވަހު ރަޝިއާއާ ދެކޮޅަށެވެ.