15 Nov 2017, 14:23
މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ފާތިމަތު ނަހުލާ (ނަހޫ) އޭނާގެ އަމިއްލަ ވާހަކައެއްގެ މައްޗަށް ޕްރޮޑިއުސްކޮށްފައިވާ އަސަރު ގަދަ ލޯބީގެ ފިލްމު، "ބޮސް" ރިލީޒްކުރިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފިލްމު މި ވަނީ ބޮޑު މަޤުބޫލުކަމެއް ހޯދައިފަ އެވެ. ހައުސް ފުލް ގިން ޝޯތަކެއް އޮލިމްޕަހުގައި ދައްކަމުން އަންނަ އިރު، އަތޮޅު ތަކުގައި ވެސް މި ފިލްމުގެ ހައުސްފުލް ޝޯތައް އަންނަނީ ދައްކަމުންނެވެ.
އެ ގޮތުން މި ހަފުތާ ބަންދާ ދިމާކޮށް ދ. މީދޫ އާއި ބަނޑިދޫގައި ފިލްމު އަޅުވަން މިހާރު ވަނީ ނިންމައިފަ އެވެ. ދ. މީދޫގައި ފިލްމު އެޅުވުމުގައި އިސްކޮށް ހަރަކާތްތެރިވާ އިބްރާހީމް އަފްރާހު މިއަދު ސަން އަށް ވިދާޅުވީ، އެ ރަށުގައި ފިލްމު އަޅުވަން ނިންމާފައި ވަނީ މާދަންރޭ ކަމަށެވެ. ފިލްމު ބެލުމަށް ގިނަ ބަޔަކު ނަން ނޯޓު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ބަނޑިދޫން ހަސަން ހަނީފު ވިދާޅުވީ "ބޮސް" އަށް އޮތް ސަޕޯޓު ވަރަށް ބޮޑު ކަމަށާއި އެރަށުގައި ފިލްމު އަޅުވާނީ ހުކުރު ދުވަހުގެ ރޭ ކަމަށެވެ.
ފިލްމުގެ ޕްރޮޑިއުސަރު، ފާތިމަތު ނަހުލާ މިއަދު ވިދާޅުވީ ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުން ފިލްމު އެރަށްރަށަށް ގެންދަން ގުޅަމުން އަންނަ ކަމަށާއި އެ ހުރިހާ ފަރާތްތަކަށް ވެސް ފުރުސަތު ދެވޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
"ފިލްމު ބަލަން ހުރިހާ މީހުންނަށް މާލެއަކަށް ނާދެވޭނެ. ފިލްމު އަޅުވަން ބޭނުންވާ ރަށްރަށަށް އެ ފުރުސަތު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ފަހިކޮށްދޭނަން. "ބޮސް" ބައްލަވަން ބޭނުންފުޅުވާ ހުރިހާ ބޭފުޅުންނަށް ވެސް އެ ފުރުސަތު ލިބޭނެ،" ނަހުލާ ވިދާޅުވި އެވެ.