15 Nov 2017, 15:44
ވޭތުވެ ދިޔަ ހަތަރު އަހަރުގެ ތެރޭގައި ދައުލަތުން ވަނީ ބަޖެޓު މެދުވެރިކޮށް ގިނަ ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދީފައި ކަމަށާއި އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓަކީ ވެސް އެފަދަ މުހިންމު ހިދުމަތްތަކެއް ފޯރުކޮށްދެވޭނެ ބަޖެޓެއް ކަމަށް ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހަށް 2018 ވަނަ އަހަރަށް ލަފާ ކުރާ ބަޖެޓް ހުށައެޅުމަށް މިއަދު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މުނައްވަރު ވިދާޅުވީ 2018 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓަކީ ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައިވާ ބަޖެޓެއް ކަމަށެވެ.
"މިއީ ރައްޔިތުން ބޭނުންވާ ހިދުމަތްތަކަށް ބޮޑެތި ބަދަލުތައް ގެނައުމަށް ބާރު އަޅައިފައިވާ ބަޖެޓެއް. އަދި ތަރައްގީގެ މަޝްރޫއުތަކަށް ދެމުންދާ އަހައްމިއްޔަތު ކުރިއަށް ގެންގޮސް، މި މަޝްރޫއުތައް ނިންމައި، ނަތީޖާ ހާސިލުކުރުމަށް މަގުފަހިވާނޭ ގޮތަށް ކަނޑައަޅާފައިވާ ބަޖެޓެއް." މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ކުރީ އަހަރުތަކެކޭ އެއް ގޮތަށް އަންނަ އަހަރުގެ ބަޖެޓަކީ ވެސް ރައްޔިތުންނަށް އިގްތިސާދީ ފުރުސަތުތައް އިތުރުކޮށްދީ ހަލުވި ދުވެލީގައި ގައުމު ތަރައްގީ ކުރުމަށް މަގު ފަހިވެގެންދާނެ ބަޖެޓެއް ކަމަށެވެ. އަދި ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުކޮށްދީ ވިޔަފާރިވެރިންނަށް ރާއްޖޭގައި އިންވެސްޓް ކުރެވޭނެ މަގު ތަނަވަސް ވެގެންދާނެ ބަޖެޓެއް ކަމަށެވެ.
ރާއްޖޭގެ އިންފްލޭޝަނަށް ނުވަތަ ލާދައަށް އަލިއަޅުއްވާލައްމުން މިނިސްޓަރު މުނައްވަރު ވިދާޅުވީ ރާއްޖޭގެ އިންފްލޭޝަން ރޭޓް 2017 ވަނަ އަހަރު އެވްރެޖްކޮށް ހުރީ 3.4 ޕަސެންޓްގައި ކަމަށެވެ. އަދި 2018 ވަނަ އަހަރު އެވްރެޖް އިންފްލޭޝަން ރޭޓް ހުންނާނެ ކަމަށް ލަފާކުރެ ވެނީ 3.1 ޕަސެންޓްގައި ކަމަށް ވެސް ވިދާޅުވި އެވެ.
ދައުލަތުގެ ރަސްމީ ރިޒާވް އަންނަ އަހަރު ނިމޭއިރު އިތުރުވެގެންދާނެ ކަން ފާހަގަ ކުރައްވަމުން މިނިސްޓަރު މުނައްވަރު ވިދާޅުވީ 2017 ވަނަ އަހަރު ނިމޭއިރު ދައުލަތުގެ ރަސްމީ ރިޒާވްގައި ހުންނާނެ ކަމަށް ބެލެވެނީ 480 މިލިއަން އެމެރިކާ ޑޮލަރުގައި ނަމަވެސް އެ އަދަދު 2018 ވަނަ އަހަރު ގާތްގަނޑަކަށް 600 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މަޖިލީހަށް ބަޖެޓް ހުށައަޅުއްވަމުން މިނިސްޓަރު މުނައްވަރު ވަނީ 2018 ވަނަ އަހަރަށް ހުށަހެޅި ބަޖެޓަށް ގެނޭވޭ ބަދަލުތަކާއެކު، މާލީ ކަންކަމުގައި މިހާރަށްވުރެ ވެސް ބޮޑަށް ޒިންމާދާރުކަމާ އެކު ދައުލަތުގެ ހުރިހައި މުއައްސަސާ ތަކުންވެސް މަސައްކަތް ކޮށްދެއްވުމަށް އިލްތިމާސް ކުރައްވާފަ އެވެ.
މަޖިލީހުން ބަޖެޓް ފާސްކުރައްވާއިރު މަޖިލީހުގެ މެމްބަރުން ރިޔާތް ކުރެއްވުމަށް މުހިންމު ނުކުތާތައް ފަހަގަ ކުރައްވަމުން މިނިސްޓަރު މުނައްވަރު ވިދާޅުވީ 2018 ވަނަ އަހަރުގެ، ދައުލަތުގެ ބަޖެޓުން އާމްދަނީއާއި ޚަރަދުގެ ސިޔާސަތު ތަކަށް ގެނެވިފައިވާ އިސްލާޙީ ބަދަލުތަކަށް ބައްލަވައި، ރައްޔިތުންގެ މަންފާއަށްޓަކައި މިކުރެވޭ މަސައްކަތްތަކަށް ރުހުން ދެއްވުން އެދޭ ކަމަށެވެ.
އަންނަ އަހަރަށް ލަފާ ކުރާ ބަޖަޓެކަށް ހުށައަޅާފައިވަނީ 27.9 މިލިއަން ރުފިޔާއެވެ. އަންނަ އަހަރު ދައުލަތައް ހިލޭ އެހީގެ ގޮތުގައި 22.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފަ އެވެ. އެ އަދަދުގެ ތެރޭގައި ހިމެނެނީ ޓެކްސްގެ ގޮތުގައި ލިބޭ 16.3 ބިލިއަން ރުފިޔާ އާއި އެނޫން ގޮތްގޮތަށް ލިބޭނެ ކަމަށް ލަފާކޮށްފައިވާ 5.2 ބިލިއަން ރުފިޔާ އެވެ. އަދި އެހެނިހެން ގޮތްގޮތުން ހިލޭ އެހީގެ ގޮތުގަޔާއި ފަންޑުގެ ގޮތުގައި ލިބޭ 858 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.