15 Nov 2017, 14:27
އަންނަ އަހަރު ރާއްޖޭގެ ޖީޑީޕީ ނުވަތަ ބޮލަކަށް ޖެހޭ އާމްދަނީ 10،300 ޑޮލަރަށް (158،826 ރުފިޔާ) އަރާނެ ކަމަށް ލަފާކޮށްފި އެވެ.
އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް މިއަދު ހުށަހެޅި 27.9 ބިލިއަން ރުފިޔާގެ ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވީ އަންނަ އަހަރު ރާއްޖޭގެ ޖީޑީޕީ ބޮލަކަށް ޖެހޭ މިންވަރު 10،300 އަށް އެރުވުމަކީ އަމާޒެއް ކަމަށާއި މިދިޔަ ހަތަރު އަހަރު ތެރޭ ރާއްޖޭގެ ޖީޑީޕީ ވަރަށް ބޮޑުތަން އިތުރުވެފައިވާ ކަމަށެވެ.
ޖީޑީޕީގެ ނިސްބަތުން ރާއްޖޭގެ އާމްދަނީ 2017 ވަނަ އަހަރު ހުންނާނެ ކަމަށް ލަފާކޮށްފައި ވަނީ 29 ޕަސެންޓްގަ އެވެ. ދެހާސް އަށާރަ ވަނަ އަހަރު އެ އަދަދު ހުންނާނެ ކަމަށް ލަފާކޮށްފައި ވަނީ 28.9 ޕަސެންޓްގަ އެވެ.
ދައުލަތުގެ އާމްދަނީ
ދެހާސް ސޯޅަ ވަނަ އަހަރާ އަޅާ ބަލާއިރު މި ހިނގާ 2017 ވަނަ އަހަރު ދައުލަތަށް ލިބޭ އާމްދަނީ 12.0 ޕަސެންޓް ކުރިއަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. ސަބަބެއް ކަމަށް ލަފާކޮށްފައި ވަނީ ރާއްޖޭގެ އިގްތިސާދީ ދުވެލި ހަލުވިވެ، އާމްދަނީ ހޯދާނެ މަގުތައް އިތުރުވެފައިވުމެވެ. މިގޮތުން އެއާޕޯޓް ޑިވެލޮޕްމެންޓް ފީ އާއި ސިނގިރޭޓާއި އެނާޖީ ޑްރިންކްސް އިން ނަގާ ޑިއުޓީ ބޮޑުކުރުމުގެ ސަބަބުން ފާއިތުވި އަހަރުތަކުގައި ނުލިބި ހުރި އާމްދަނީ ވެސް މި އަހަރު ލިބިފައިވާ ކަމަށް 2018 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ފޮތުގައި ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން ޓެކްސް ނޫން ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ މި އަހަރު އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
ރިސޯޓްތަކުގެ ކުލީގެ ގޮތުގައި ލިބޭ އާމްދަނީ މިއަހަރު 20 ޕަސެންޓް ވަނީ އިތުރު ވެފައި
- އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި މިއަހަރު 317.9 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެވޭ
މި ހިނގާ 2017 ވަނަ އަހަރު ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 21.9 ބިލިއަން ރުފިޔާ އެވެ. އެއީ ޓެކުހުގެ ގޮތުގައި 14.3 ބިލިއަން އަދި ޓެކްސް ނޫން ގޮތްގޮތުން 6.06 ބިލިއަން ރުފިޔާ އެވެ. އަދި ޓްރަސްޓް ފަންޑުތަކުން 130.9 މިލިއަން ރުފިޔާ މި އަހަރު ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. ދޭހާސް ސަތާރަ ވަނަ އަހަރު ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 875.6 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
މި އަހަރުގެ މިހާތަނަށް ލިބުނު އާމްދަނީ އަށް ބަލާއިރު ޖުމްލަ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް އންދާޒާ ކުރެވެނީ 20.8 ބިލިއަން ރުފިޔާ އެވެ. މިއީ ކުރިން ލަފާކޮށްފައިވާ އަދަދަށް ވުރެެ ފަސް ޕަސެންޓް މަދު އަދަދެކެވެ.
މިއަހަރު ނިމޭއިރުލިބޭނެ ކަމަށް މިހާރު ލަފާކުރާ އާމްދަނީ
ޓެކްސްގެ ގޮތުގައި 14.6 ބިލިއަން ރުފިޔާ
- ޓެކްސް ނޫން ގޮތްގޮތުން 5.5 ބިލިއަން ރުފިޔާ
- ޓްރަސްޓް ފަންޑުން 147.3 މިލިއަން ރުފިޔާ
- ހިލޭ އެހީގެ ގޮތުގައި 718.2 މިލިއަން ރުފިޔާ
މި އަހަރުގެ ބަޖެޓާ އެކު އާމްދަނީ އިތުރު ކުރުމަށް ހުށަހެޅި އާ ކަންތަކުން ދައުލަތަށް ދެ ބިލިއަން ރުފިޔާ ނުލިބިވާ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ. އޭގެ ތެރޭ އެސްއީޒެޑްގެ އިކުއިޝަން ފީ އާއި ބިންވެރިކޮށްދީގެން ލިބޭނެކަމަށް ލަފާކޮށްފައިވާ އާމްދަނީ ހިމެނެ އެވެ.
ދެހާސް ސަތާރަ ވަނަ އަހަރު ދައުލަތަށް މައިގަނޑު ގޮތެއްގައި އާމްދަނީ ލިބިފައި ވަނީ އިމްޕޯޓް ޑިއުޓީ، ބީޕީޓީ، ޖީއެސްޓީ، ޓީޖީއެސްޓީ، ރިސޯޓު ކުލި، ސަރުކާރު ވިޔަފާރިއާބެހޭ ތަންތަނުގެ ފައިދާ އާއި އިންޓަރެސްޓް އަދި ޓްރަސްޓް ފަންޑާ ހިލޭ އެހީގެ ޒަރިއްޔާއިންނެވެ.
2018 ވަނަ އަހަރަށް ލަފާކުރާ އާމްދަނީ
ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 2018 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި އަންނަ އަހަރު ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާމްދަނީ އަކީ 22.4 ބިލިއަން ރުފިޔާ އެވެ. މިއީ 2017
ވަނަ އަހަރު އާމްދަނީ އިތުރުކުރުމަށް ހުށަހެޅި ބައެއް އައު ކަންތަކުން ލިބޭނެ ކަމަށް ލަފާކުރެވޭ 850 މިލިއަން ރުފިޔާ ހިމަނައިގެން ލިބޭނެ ކަމަށް ލަފާކުރެވޭ އާމްދަނީއެއް ކަމަށް ބަޖެޓް ފޮތުގައި ބުނެފައިވެ އެވެ.
ދެހާސް އަށާރަ ވަނަ އަހަރު ޓެކުހުގެ ގޮތުގައި 16.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާ އިރު ޓެކްސް ނޫން ގޮތްގޮތުން ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 5.5 ބިލިއަން ރުފިޔާ އެވެ. ޓްރަސްޓް ފަންޑުތަކުން 124.7 މިލިއަން ރުފިޔާ އަންނަ އަހަރު ލިބޭނެ ކަމަށް ލަފާކޮށްފައިވާ އިރު ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 733.7 މިލިއަން ރުފިޔާ އެވެ. މިއީ 2017 ވަނަ އަހަރުގެ ނިޔަލަށް މިހާރު ލިބޭނެ ކަމަށް ލަފާކުރެވޭ
އާމްދަނީއަށް ވުރެ 6.7 ޕަސެންޓް އިތުރު އަދަދެކެވެ.
އެގޮތަށް ލަފާކޮށްފައި ވަނީ މި އަހަރު ތެރޭ ރާއްޖޭގެ އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާކުރެވޭތީ، ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީ އިތުރުވާނެ ކަމަށް ލަފާކުރެވޭތީ އެވެ.
2018 ވަނަ އަހަރު އާމްދަނީ ލިބޭނެ މައިގަނޑު ބައިތައް
އިމްޕޯޓު ޑިއުޓީގެ ގޮތުގައި 3029.6 މިލިއަން ރުފިޔާ މިއީ 2017 ވަނަ އަހަރާ އަޅާ ބަލާއިރު 10.5 ޕަސެންޓް އިތުރު އަދަދެއް
- ބީޕީޓީގެ ގޮތުގައި 2962.5 މިލިއަން ރުފިޔާ
- ޖީއެސްޓީގެ ގޮތުގައި 3148.0 މިލިއަން ރުފިޔާ. މިއީ 2017 ވަނަ އަހަރަށް ލަފާކުރި އަދަދަށް ވުރެ 19.7 ޕަސެންޓް އިތުރު އަދަދެއް
- ޓިޖީއެސްޓީގެ ގޮތުގައި 4311.3 މިލިއަން ރުފިޔާ. ރާއްޖެ ޒިޔާރަތް ކުރާ ފަތުރުވެރިންގެ ނިސްބަތް އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފައި
- ރިސޯޓުތަކުގެ ކުލީގެ ގޮތުގައި 1905.1 މިލިއަން ރުފިޔާ. އަންނަ އަހަރު ގިނަ ރިސޯޓްތަކެއް މާކެޓަށް ނިކުންނާނެ ކަމަށް ވަނީ ލަފާކޮށްފައި
- ސަރުކާރު ވިޔަފާރިއާ ބެހޭ ތަންތަނުގެ ފައިދާ އާއި އިންޓަރެސްޓްގެ ގޮތުގައި 1286.9 މިލިއަން ރުފިޔާ. ޑިވިޑެންޑް ޕޮލިސީ އަށް ގެނައި ބަދަލާ އެކު އާމްދަނީ އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފައި
- ޓްރަސްޓް ފަންޑުގެ ގޮތުގައި 124.7 މިލިއަން ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައި. މިއީ 2017 ވަނަ އަހަރު ލިބޭނެ ކަމަށް ލަފާކުރި އަދަދަށް ވުރެ 15.3 ޕަސެންޓް މަދު އަދަދެއް
- ހިލޭއެހީގެ ގޮތުގައި 733.7 މިލިއަން ރުފިޔާ. މަޝްރޫއުތައް ހިންގުމަށް 3.700 މިލިއަން ރުފިޔާ އަދި ފައިސާއިން 4.33 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައި
އަންނަ އަހަރު ރާއްޖޭގެ އިގްތިސާދީ ދުވެލި ހަ ޕަސެންޓް ރޭޓުގައި ކުރިއަރާނެ ކަމަށްް ވަނީ ލަފާކޮށްފަ އެވެ. އިންފްލޭޝަން ހުންނާނެ ކަމަށް ލަފާކޮށްފައި ވަނީ ތިން ޕަސެންޓްގަ އެވެ.