05 Aug 2011, 19:30
ރާއްޖެއާއި ސީޝެލްސްއާ ދެމެދުގައި މަސްވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށާއި ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް އެއްބާރުލުން ދިނުމުގެ ދެ އެބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
މި ދެ އެއްބަސްވުމުގައި ދެ ސަރުކާރުގެ ފަރާތުން ސޮއި ކުރީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ސީޝެލްސްގެ ރައީސް މިސްޓަރ ޖޭމްސް މިޝޭލްއާ މިއަދު ބައްދަލުކުރެއްވުމަށް، ސީޝެލްސްގެ ރައީސްގެ ރަސްމީ ގެކޮޅު، ސްޓޭޓް ހައުސްގައި ބޭއްވެވި ރަސްމިއްޔާތަށް ފަހު އެވެ.
ރައީސް އޮފީހުން ބުނީ ދެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ، ރާއްޖޭގެ މިނިސްޓާ އޮފް ފޮރިން އެފެއާޒް އަޙްމަދު ނަސީމު ކަމަށާއި ސީޝެލްސްގެ ފަރާތުން ސޮއިކުރެއްވީ، ސީޝެލްގެ މިނިސްޓަ ފޯ ފޮރިން އެފެއާޒް ޖީން ޕޯލް އެޑަމް ކަމަށެވެ.
ރައީސް ނަޝީދާއި ސީޝެލްސްގެ ރައީސްގެ ބައްދަލު ކުރެއްވުމުގައި ރާއްޖެއާއި ސީޝެލްސްއާ ދެ ޤައުމުގެ ދެމެދުގައިވާ ގާތް ގުޅުން އެކި ދާއިރާތަކުގައި އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެ ބޭފުޅުން މިއަދު މަޝްވަރާ ކުރެއްވެވި އެވެ. ވަކިން ހާއްސަކޮށް ރާއްޖޭގެ އިޤްތިޞާދީ ޙާލަތު މިހާރު އޮތްގޮތާއި، ރާއްޖޭގެ އިޤްތިޞާދު އިތުރަށް ހަރުދަނާ ކުރަން ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ މަޢްލޫމާތު، މި ބައްދަލުކުރެއްވުމުގައި ސީޝެލްސްގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އަރުވާފަ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ އިޤްތިޞާދު އިޞްލާޙު ކުރެއްވުމުގެ ޕްރޮގްރާމްގެ ދަށުން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅުއްވާފައިވާ ޓެކްސްގެ ބިލްތަކާއި އަދި އެހެން ބިލްތަކުގެ މައުލޫމާތު ވެސް ދެއްވެވި އެވެ.
ރައީސް ނަޝީދު ސީޝެލްސްގެ ރައީސާ ބައްދަލު ކުރެއްވެވި އިރު ސީޝެލްސްގެ މިނިސްޓަ ފޯ ހޯމްއެފެއާޒް، އެންވަޔަރަންމަންޓް، ޓްރާންސްޕޯޓް އެންޑް އެނާޖީ މިސްޓާ ޖޯލް މޯގަން އާއި، މިނިސްޓާ ފޯ ފޮރިން އެފެއާޒް މިސްޓަ ޖީން ޕޯލް އެޑަމް އާއި، މިނިސްޓާ ފޯ އިންވެސްޓްމަންޓް، ނެޗުރަލް ރިސޯސަސް އެންޑް އިންޑަސްޓްރީ މިސްޓަ ޕީޓަ ސައިނަން މިއަދު ވަނީ އެމަނިކުފާނުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ރާއްޖޭގައި މެރިޓައިމް ކުންފުންޏެއް ހެދުމާއި އަދި އެކަމަށް މީހުން ތަމްރީނު ކުރެއްވުމާ ބެހޭގޮތުންނާއި، ރާއްޖެއާއި ސީޝެލްސްއާ ދެމެދު ސަރަޙައްދީ ފެންވަރުގައި އެއާލައިން ކޯޕަރޭޝަނެއް އުފެއްދުމާ ގުޅޭގޮތުންނާއި، މަސްވެރިކަމުގެ ދާއިރާއިން އެހީތެރިވެވިދާނެ ރޮނގުތަކާ ބެހޭގޮތުންނެވެ.
މިބޭފުޅުންގެ އިތުރުން، ސީޝެލްސްގެ ސެންޓްރަލް ބޭންކްގެ ގަވަނަރު ޕިއަރޭ ލަޕޯޓްވެސް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި، ސީޝެލްސްގެ އިޤްތިޞާދު ރަނގަޅު ކުރެއްވުމަށް ހިންގެވި ޕްރޮގްރާމާބެހޭ މަޢްލޫމާތު، ސެންޓްރަލް ބޭންކްގެ ގަވަނަރް ރައީސުލްޖުމްހޫރިއްޔާއަށް ދެއްވިއެވެ.
ސެންޓްރަލް ބޭންކްގެ ގަވަނަރް ރާއްޖެއަށް ދަތުރުފުޅެއް ކުރައްވައި، ސީޝެލްސްގައި ހިންގެވި އިޤްތިޞާދީ ޕްރޮގްރާމްގެ މަޢްލޫމާތު ދެއްވައި، އެޕްރޮގްރާމުން ލިބިވަޑައިގެންނެވި ތަޖްރިބާ، ރާއްޖޭގެ ކަމާބެހޭ ބޭފުޅުންނާ ޙިއްޞާކޮށްދެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.