ރިޔާދު (ނޮވެމްބަރު 15): ސައުދީ އަރަބިއާ އިސްވެ އޮންނަ ކޯލިޝަނުން ޔަމަނުގެ މައި ބައިނަލްއަގުވާމީ އެއާޕޯޓަށް ހަމަލާތަކެއްދީ ބޭނުން ނުކުރެވޭ ވަރު ކޮށްފި ކަމަށް އެގައުމުގައި ހަނގުރާމަ ކުރަމުންދާ ހޫތީ ޖަމާއަތުން ބުނެފި އެވެ.

ހޫތީންގެ ބާރުގެ ދަށުގައިވާ ޔަމަނުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނި ގޮތުގައި އިއްޔެ ދިން ހަމަލާތަކުގައި ވަނީ ސަންއާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރޭޑިއޯ ނެވިގޭޝަން ސިސްޓަމް ހަލާކުކޮށްލާފަ އެވެ. އޭގެ ސަބަބުން ސަންއާއަށްދާ އެހީ ފޯރުކޮށްދޭ ފްލައިޓުތައް ހުއްޓާލަން ޖެހިފައިވާ ކަމަށް ވެސް އެއޮތޯރިޓީން ފާހަގަ ކުރި އެވެ.

"އެހަމަލާއަކީ ވީހާވެސް ބޮޑު ގެއްލުމެއްދީ، ޔަމަނުގެ އެތައް މިލިއަން ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށް ބޭނުންވާ ކާނާ އާއި ބޭސް ހުއްޓުވުމަށް ދިން ހަމަލާއެއް،" ހޫތީ އޮފިޝަލަކު ވިދާޅުވި އެވެ.

އަދި އެހެމަލާއަކީ އާއްމުން ބޭނުން ކުރާ އެއާޕޯޓުތަކަށް ހަމަލާ ނުދެވޭނެ ކަމަށް ބުނާ ބައިނަލްއަގުވާމީ ގަރާރުތަކާ ހިލާފަށް ދިން ހަމަލާއެއް ކަމަށް ވެސް ޔަމަނުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުންޏެވެ.

އެހަމަލާ ދިނީ ސައުދީން ކަމަށް ހޫތީން ތުހުމަތުކޮށްފައި ވަނީ މިދިޔަ ހަފްތާ ތެރޭގައި ރިޔާދުގެ އެއާޕޯޓަކަށް ފޮނުވާލި މިސައިލަކީ ހޫތީން ދިން ހަމަލާއެއް ކަމަށް ސައުދީން ބުނި ފަހުންނެވެ. ސައުދީ ވައިގެ ސިފައިން އެހަމަލާ ނާކާމިޔާބު ކުރި ނަމަވެސް، އެމިސައިލް ފޮނުވާލިތާ މާގިނަ އިރުތަކެއް ނުވަނީސް އެގައުމުން ވަނީ ޔަމަނުގެ ހުރިހާ ބޯޑަރުތައް ބަންދުކޮށްފަ އެވެ. އަދި ބޯޑަރު ބަންދު ކުރި ނަމަވެސް އެހީދޭ ބޯޓުތަކަށް ގައުމަށް ވަދެވޭނެ ކަމަށް ބުނެފަ އެވެ.

ދެހާސްފަނަރަ ވަނަ އަހަރު ހޫތީން ސަންއާ ހިފައި، ޔަމަނުގައި އޮތް އަބޫ ރައްބު މަންސޫރު ހާދީގެ ވެރިކަން ވައްޓާލި ފަހުން އެގައުމުގައި ކުރިއަށްދާ ހަނގުރާމައިގައި މަރުވި މީހުންގެ އަދަދު ވަނީ 10،000އަށް ވުރެ އިތުރުވެފަ އެވެ. އަދި އެގައުމުގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮލެރާ ބަލި ޖެހިފައިވާ މީހުންގެ އަދަދު ވަނީ 900،000 އަށްވުރެ އިތުރުވެފައި ކަމަށް ރެޑް ކްރޮސްއިން ބުނެ އެވެ. (އަލްޖަޒީރާ)