ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މަޖިލިސް މެމްބަރު އަހްމަދު ފާރިސް މައުމޫންގެ މައްޗަށް އުފުލާފައިވާ ޝަޚްސު އޮޅުވާލުމުގެ ކުށުގެ ދައުވާގެ އަޑުއެހުން ކެންސަލް ކޮށްފި އެވެ.

މިއަދު ހެނދުނު 11:30 އަށް ކްރިމިނަލް ކޯޓުގައި ތާވަލު ކުރި އެ މައްސަލައިގެ އަޑުއެހުން ކެންސަލް ކޮށްފައި ވަނީ ހެކިން ހާޒިރު ނުކުރެވިގެންނެވެ.

އެ މައްސަލާގައި ދައުލަތުގެ ފަރާތުން ސިއްރު ހެކިންގެ ގޮތުގައި ދެ ހެކިން ހުށަހަޅާފައިވެ އެވެ.

އެ ދެ ހެކިންނަކީ، މާޗް މަހުގެ 22 ވަނަ ދުވަހު މޫކައި ސުއިޓްސްގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ތިބި ދެ މީހުން ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ. އަދި އެ ދެމީހުން ހެކީގެ ގޮތުގައި ހުށަހެޅީ، ފާރިސް ވާހަކަ ދައްކާފައިވަނީ ފާރިސް އަކީ ޕީޕީއެމްގެ މެމްބަރެއްކަމަށް ސިފަވާ ގޮތަށް ކަމަށް ސާބިތު ކުރުމަށެވެ.

ދައުލަތުން އެ ދެ ހެކިން ސިއްރު ކުރުމަށް އެދުނީ، ސިއްރުން ހެކިބަސް ނުނަގައިފި ނަމަ އެ ދެ މީހުންގެ ވަޒީފާ ގެއްލި އިގްތިޞާދީ ބޮޑު ގެއްލުމެއް އެ ދެމީހުންނަށް ލިބިދާނެތީ ކަމަށެވެ.

އެ މައްސަލާގައި ފާރިސްގެ ފަރާތުން ވަނީ ދިފާއީ ހެކިންގެ ގޮތުގައި 47 މީހުންގެ ނަން ހުށަހަޅާފަ އެވެ. އޭގެ އިތުރުން 27 ލިޔެކިޔުން ވެސް ދިފައީ ހެކީގެ ގޮތުގައި ހުށަހަޅާފައިވެ އެވެ.

ފާރިސްގެ މައްޗަށް ޝަޚުސު އޮޅުވާލުމުގެ ދައުވާ އުފުލާފައިވަނީ، ފާރިސް ޕީޕީއެމުން ވަކިކޮށްފައިވަނިކޮށް މިއަހަރުގެ މާޗް މަހުގެ 12 ވަނަ ދުވަހު މޫކައި ސުއިޓްސްގައި ބޭއްވި ޕްރެސް ކޮންފަރެންސްއެއްގައި ޕީޕީއެމްގެ ހުއްދަ ނެތި އެ ޕާޓީގެ ލޯގޯއާއި ދިދަ ބޭނުންކޮށްފައިވާ ކަމަށް ބުނެ އެވެ.