މިދިޔަ މަހު ރާއްޖެ އަށް އިމްޕޯޓް ކުރި މުދަލުގެ އަގު 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހާ އަޅާބަލާ އިރު 18 ޕަސެންޓް އިތުރުވެއްޖެ އެވެ.

ކަސްޓަމްސް އިން މިއަދު އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާ އިރު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ރާއްޖެ އަށް 2.7 ބިލިއަން ރުފިޔާގެ މުދާ ވަނީ އިމްޕޯޓްކޮށްފަ އެވެ. މި އަހަރުގެ އޮކްޓޯބަރު އެ ޢަދަދު 3.2 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާ ކަމަށް ވެސް ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކަ އެވެ.

އަގުގެ ގޮތުން ބަލާއިރު އެންމެ ގިނަ އަދަދެއްގެ މުދާ އެތެރެކޮށްފައި ވަނީ ޔޫއޭއީ އިންނެވެ. އެއީ މުދަލުގެ 17 ޕަސެންޓެވެ. މީގެ އިތުރުން ސިންގަޕޫރުން 17 ޕަސެންޓްގެ މުދާ، އިންޑިއާ އިން 13 ޕަސެންޓް އަދި ޗައިނާ އިން 11 ޕަސެންޓްގެ މުދާ އެތެރެކޮށްފައިވާ ކަމަށް ތަފާސްހިސާބުތައް ދައްކަ އެވެ.

ދެހާސް ސޯޅަ ވަނަ އަހަރު އިމްޕޯޓު ޑިއުޓީގެ ގޮތުގައި ލިބުނު އަމްދަނީއާ އަޅާ ބަލާއިރު މި އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީ 16 ޕަސެންޓް އިތުރު ކަމަށް ވެސް ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކަ އެވެ.

މި އަހަރު އޮކްޓޯބަރު މަހު އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދަޢުލަތަށް 248 މިލިއަން ރުފިޔާ ލިބިފައިވާ އިރު 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ލިބިފައި ވަނީ 214 މިލިއަން ރުފިޔާ އެވެ.

މީގެ އިތުރުން ފާއިތުވި އޮކްޓޯބަރު މަހު ރާއްޖެ އިން އެކްސްޕޯޓު ކުރި މިންވަރު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާ އަޅާބަލާ އިރު 22 ޕަސެންޓް އިތުރު ކަމަށް ވެސް ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކަ އެވެ. ދެހާސް ސޯޅަ ވަނަ އަހަރުގެ އޮކްޓޯބަރު މަހު 344 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކޮށްފައިވާ އިރު 2017 ވަނައަހަރުގެ މިމުއްދަތުގައި މިޢަދަދު ވަނީ 421 މިލިއަން ރުފިޔާއަށްއިތުރު ވެފަ އެވެ.

ރާއްޖެ އިން މައިގަނޑުގޮތެއްގައި އެކްސްޕޯޓްކުރަނީ މަހުގެ ބާވަތްތައްކަމަށްވާއިރު މިދިޔަ ޖުލައިމަހު އެކްސްޕޯޓްކުރި މުދަލުގެ 31 ޕަސެންޓް ތައިލެންޑަށް އެކްސްޕޯޓްކޮށްފައިވާއިރު، 11 ޕަސެންޓް އެކްސްޕޯޓްކޮށްފައިވާ އިނގިރޭސިވިލާތަށެވެ.