އުމުރާނީ ތަރައްގީގެ އެކިއެކި މަޝްރުއުތަކަށް އަންނަ އަހަރުގެ ބަޖެޓުގައި 7.1 ބިލިއަން ރުފިޔާ ހިމަނައިފި އެވެ.

އެކަން ހާމަކޮށްފައި ވަނީ އަންނަ އަހަރަށް ލަފާކޮށް 27.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅަމުން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ދެއްކެވި ވާހަކަ ފުޅުގަ އެވެ.

މި ފަހަރުގެ ބަޖެޓްގައި އުމްރާނީ ތަރައްގީއަށް 7.1 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް ހިމަނާފައިވާއިރު މިނިސްޓަރު މުނައްވަރު ވިދާޅުވީ ރައްޔިތުންގެ އިޖުތިމާއީ ރައްކާތެރިކަމަކީ ސަރުކާރުން ނުހަނު އަހައްމިއްޔަތުކަން ދޭކަމެއްކަމަށާއި އެހެންކަމުން ރައްޔިތުންނަށް ދެވޭ ކަރަންޓާއި ކާޑުގެ ސަބްސިޑީއާއި އެހެނިހެން އެހީތަކަށް އަންނަ އަހަރު ހެޔޮ ބަދަލެއް ގެނައުމަށް ބަޖެޓުގައި 276 މިލިއަން ރުފިޔާ އިތުރަށް ހިމެނިފައިވާނެކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އުމްރާނީ ތަރައްގީގެ ތެރެއިން އަންނަ އަހަރު ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް ހުޅުވައި، ރާއްޖޭގައި އަޅާ އެންމެ ފުރަތަމަ ބްރިޖުގެ ފަސޭހަކަން ރައްޔިތުންނަށް ލިބިގެންދާނެކަމަށެވެ.

"ބްރިޖްގެ ސަބަބުން މާލެ އާއި ހުޅުމާލެ ގުޅާލެވި ގްރޭޓަރ މާލޭ ސަރަޙައްދުގައި ވިޔަފާރިއާއި އިޖުތިމާއީ އެތައް ފުރުސަތުތަކެއް ފަހިވެގެންދާނެ. މި ކަމަށްވެސް 2018 ވަނަ އަހަރުގެ ބަޖެޓުގައި ޖާގަ ކަނޑައެޅިފައިވާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

ބްރިޖްގެ މަސައްކަތައް ޖުމުލަ 246.6 މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ހިމަނާފައެވެ.

ބްރިޖުގެ އިތުރުން، މިހާރު ކުރިއަށްދާ އުމްރާނީ ތަރައްގީގެ ބިޔަ މަޝްރޫއުތަކުގެ ތެރެއިން ވެލާނާ އިންޓަނޭޝަލް އެއާޕޯޓް ތަރައްގީކޮށް އާ ރަންވޭގެ މަސައްކަތް ނިމި، ޓާރމިނަލްގެ މަސައްކަތްތައް ކުރެވެމުންދާނެ ކަމަށް މިނިސްޓަރު މުނައްވަރު ވިދާޅުވިއެވެ. އެ މަސައްކަތުގެ ތެރެއިން އާ ރަންވޭ ހެދުމަށް ޖުމުލަ 1.52 ބިލިއަން ރުފިޔާ ބަޖެޓްގައި ހިމަނާފައިވާއިރު ޓާރމިނަލްގެ މަސައްކަތްތައް ނިންމުމަށް ހިމަނާފައިވަނީ ފަސް މިލިއަން ރުފިޔާއެވެ.

ހުޅުމާލެ ޔޫތު ސިޓީ ތަރައްގީ ކުރުމުގެ މަޝްރޫއައަށްވެސް އަންނަ އަހަރުގެ ބަޖެޓްގައި ބޮޑު އަދަދެއް ކަނޑައަޅާފައިވެއެވެ. އެ ކަމަށް ހަރަދު ކުރަން ނިންމާފައިވަނީ 246 މިލިއަން ރުފިޔާއެވެ.

އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ބަލާއިރު، 2018 ވަނަ އަހަރުގެ ބަޖެޓުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވާނީ ހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ރައްޔިތުން ގެދޮރުވެރި ކުރުވުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ ގޮތުން ގެދޮރު އިމާރާތްކުރުމަށް 580 މިލިއަން ރުފިޔާ ވަނީ ބަޖެޓްގައި ހިމަނާފައެވެ.

މިނިސްޓަރު ވިދާޅުވީ ޑޮމެސްޓިކް އެއާޕޯޓްތައް ތަރައްގީކުރުމާއި، ފެނާއި ނަރުދަމާގެ ނިޒާމް ގާއިމުކުރުމާއި ބިން ހިއްކުމާއި މަގު ހެދުމަށްވެސް ބަޖެޓްގައި އިސްކަން ދެއްވާފައިވާނެ ކަމަށެވެ. އެގޮތުން ހދ.ކުޅުދުއްފުށި، ށ.ފުނަދޫ، ގދ.މާވަރުލު، އަދި ފ.ނިލަންދޫ ގައި އެއާޕޯޓް ހެދުމަށް ބިންހިއްކުމާއެކު އެއާޕޯޓްގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައިކުރާނެ ކަމަށް މުނައްވަރު ވިދާޅުވިއެވެ. އަދި މިހާރު ޑިޒައިން ނިންމާފައިވާ ފެނާއި ނަރުދަމާގެ 57 މަޝްރޫޢަކަށް 1.1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެގެ އިތުރުން މިހާރު ހިނގަމުންދާ ބިންހިއްކުމުގެ މަޝްރޫއުތައް ނިންމައި، ކޮމާޝަލް ބޭނުމަށް 20 ފަޅު ހިއްކުމަށް ބަޖެޓް ކުރެވިފައިވާނެކަމަށާއި 18 ރަށެއްގައި މިހާރު ހިނގަމުންދާ މަގު ހެދުމުގެ މަޝްރޫއުތައް ނިންމާލުމަށް 209 މިލިއަން ރުފިޔާ ހަރަދު ކުރަން ނިންމާފައިވާ ކަމަށް މުނައްވަރު ވިދާޅުވިއެވެ.

ބަނދަރު ހެދުމުގެ 63 މަޝްރޫއަށް 550 މިލިއަން ރުފިޔާ ބަޖެޓްގައި ކަނޑައަޅާފައިވެއެވެ. ކުނި ނައްތާލުމުގެ 27 މަޝްރޫއަކަށް 189 މިލިއަން ރުފިޔާ ހަމަޖެހިފައިވާނެކަމަށް ވެސް މިނިސްޓަރު މުނައްވަރު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ދެން އެންމެ އިސްކަމެއް ދީގެން އުމްރާނީ ތަރައްގީއަށް ހޭދަކުރަން ނިންމާފައިވާ ކަންކަމުގެ ތެރޭގައި ހިމެނެނީ ސިވިލް ސާވިސް މުވައްޒަފުންނަށް މުސާރަ ބޮޑުކުރުމަށް ބަޖެޓް ކުރެވިފައިވާ 234 މިލިއަން ރުފިޔާ ކަމަށް މިނިސްޓަރު މުނައްވަރު ވިދަޅުވިއެވެ.

މި އަހަރު މަޖިލީހަށް ހުށައަޅާފައިވަނީ 27.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.