ސިވިލް ސާވެންޓުންގެ މުސާރަ ބޮޑުކުރުމަށް 234 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބެޖެޓުގައި ހިމަނައިފި އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު މިއަދު ވިދާޅުވީ ދައުލަތް ހަލުވިކަމާ އެކު ހިންގުމަށް އިހްލާސްތެރިކަމާ އެކު މަސަތްކަތް ކުރާނެ ސިވިލް ސާވެންޓުން ބޭނުންވާނެ ކަމަށާއި އެހެން ކަމުން ސިވިލް ސާވެންޓުންގެ މުސާރައަށް އެދެވޭ ބަދަލެއް ގެނައުމަކީ މުހިންމު ކަމެއް ކަމަށެވެ.

"އެހެން ކަމުން 2018 ވަނަ އަހަރުގެ ބަޖެޓުގައި ސިވިލް ސާވެންޓުންގެ މުސާރަ ބޮޑު ކުރުމަށް 234 މިލިއަން ރުފިޔާ ހިމަނާފައި ވާނެ،" މުނުއްވަރު ވިދާޅުވި އެވެ.

މުސާރަ ބޮޑު ކުރުމުގެ އިތުރުން ސަރުކާރުގެ ގެދޮރިވެރިކުރުވުމުގެ ސިޔާސަތުގެ ތެރެއިން ސިވިލް ސާވެންޓުންނަށް 1000 ފްލެޓް ހާއްސަކޮށްފައިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ސިވިލް ސާވެންޓުންގެ މުސާރަ ބޮޑުކުރުމަށް ބަޖެޓުގައި ހިމަނާފައިވާ އިރު މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަދާޅުވެފައި ވަނީ އަންނަ އަހަރުގެ ބަޖެޓު ވެގެންދާނީ "ސިވިލްސާވިސްގައި އުޅޭ އެތައް ހާސް މުވައްޒަފުންނަށް ކޮންމެ ވެސް ކަހަލަ ރަނގަޅު އުއްމީދުތަކެއް ގެނެސްދޭނެ ބަޖެޓަކަށް" ކަމަށެވެ.