05 Aug 2011, 14:46
ޣައިރު ހާޒިރުގައި ހުކުމްކޮށް، އެ ހުކުމްތައް ތަންފީޒު ކުރަންޖެހޭ 460 މީހުން ފިލައިގެން އުޅޭ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.
ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހިބިލިޓޭޝަން ސާވިސް )ޑީޕީއާރްއެސް( ގައި އިއްޔެ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓާ މުހައްމަދު ނައީމް )މޮނާޒާ ނައިމް( ވިދާޅުވީ ޣައިރު ހާޒިރުގައި ހުކުމްކޮށްފައިވާ 465 މީހުންގެ ތެރެއިން ފިލައިގެން އުޅޭ ގިނަ ބަޔަކު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރެއިން ބައެއް މީހުން މިހާރު ހައްޔަރު ކޮށްފައިވާ ކަމަށް ވެސް މޮނާޒާ ނައީމް ވިދާޅުވި އެވެ. ނަމަވެސް އެއީ ކިތައް މީހުން ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
"ދުވަހަކު ކޯޓް ރޫމެއް ނެދެކި، ހުކުމް ކުރެވިފަ އުޅޭ މީހުން އެބައުޅޭ 460 އެއްހާ މީހުން. އެހެންވީމާ ހުކުމް ކުރެވޭ މީހުން ޖަލަށް ނުގެނެވި އުޅޭނެނޫންތޯ؟" ނައީމް ސުވާލާ ކުރެއްވެވި އެވެ. "އެހެން ނަމަވެސް ޗިޓް އޮންނާނެ ޑީޕީއާރްއެސްގައި. އޭގެ ތެރެއިން ގިނަ ބަޔަކު ހޯދައިގެން ގެނެވިފައި ހުންނާނީ. ގާޒީ އަކަށް ވެސް ނޭނގޭ ކާކަށްކަން ހުކުމް ކުރެއްވުނީ. އެއީ ދިވެހި ރާއްޖޭގެ ގާނޫނުތައް ހުރިގޮތުން ދިމާވި ގޮތް،"
ކުށް ކުރާ މީހުންނަށް، ކުރީގެ ގާނޫނުތަކުން ދަށުން ހުކުމް ކަނޑައަޅައި، ކޯޓް ތަކުން ހުކުމް ކުރަމުންދަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް އިޝާރާތް ކުރައްވާ ނައީމް ވިދާޅުވީ ކުދި ކުދި މައްސަލަ ތަކުގައި ބެދޭ މީހާ ވެސް އުމުރު ދުވަހަށް )25 އަހަށް( ޖަލަށް ދިއުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި މިހާރު އަމަލު ކުރަމުންދާ ގާނުނުލް އުގޫބާތާއި މަސްތުވާތަކެއްޗާ ބެހޭ ގާނޫނަކީ އެތައް އަހަރުތަކެއް ކުރިން ވުޖޫދަށް އައިސްފައިވާ ގާނޫނުތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ގާނޫނުލް އުގޫބާތް ހަދާފައި ވަނީ އިބްރާހިމް ނާސިރުގެ ދައުރުގައި 1962 އަހަރު ހުވަދޫ ގަޑުބަޑުގައި މާލެ ގެނައި މީހުނަނަށް އަދަބު ކަނޑައެޅުމަށް ކަމަށެވެ. އޭގެ ދަށުން މިއަދުވެސް އަމަލު ކުރާތީ ރާއްޖޭގައި ޑިމޮކްޓަރެޓިކް ނިޒާމާ ހިލާފަށް ބައެއް މީހުންނަށް ހުކުމް ކުރެވޭ ކަމަށެވެ.
ކުށް ކުރާ މީހުންނަށް އަދަބު ކަނޑައެޅުމަށްޓަކާ 1967 އަހަރުން ފެށިގެން އަމަލް ކުރަމުންދާ ގާނޫނުލް އުގޫބާތުގެ ހަތަރު ޗެޕްޓާއެއްގެ މައްޗަށް އެކުލެވޭ 166 މާއްދާއަކަށް ފެހި ގާނޫނު އަސާސީގެ ދަށުން އަމަލް ކުރަމުންދެ އެވެ. ގާނޫނުލް އުގޫބާތުގެ ހަތަރު ޗެޕްޓާ އެކުލަވާލީ އެކި އަހަރުތަކުގަ އެވެ. އެ ގޮތުން 1967، 1968، 1974 އަދި 1975 ގައި ވަނީ ގާނޫނުލް އުގޫބާތު އެއްކޮށް އެކުލަވާލާފަ އެވެ.