ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ބޯހިޔާވަކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ތެރެއިން 80،000 މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫއު މިރޭ އިފްތިތާހު ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

ހުޅުމާލޭގައި އަލަށް ހިއްކި ސަރަހައްދު (ހުޅުމާލޭ ޔޫތު ސިޓީ ފޭސް2)ގައި ކުރިއަށް ގެންދާ އެ މަޝްރޫއު އިފްތިތާހުކޮށް ބިންގާއަޅާ ޖަލްސާއަށް ދީފައިވާ ނަމަކީ "ހިޔާ"އެވެ.

އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ ރަސްމިއްޔާތާ ގުޅޭ ގޮތުން ހުޅުމާލެ ޑިވެލޮޕްމަންޓްގެ ކޯޕަރޭޝަނުން (އެޗްޑީސީ) ބުނީ މިރޭ އޮންނަ ރަސްމިއްޔާތުގައި ބިންގާއެޅުމަށް ހަމަޖެހިފައި ވަނީ ކިތައް ހައުސިން ޔުނިޓް ކަމެއް މިހާރު ބުނަން އުނދަގޫ ކަމަށާއި ނަމަވެސް އެ މަޝްރޫއުގެ ދަށުން 80000 މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެޗްޑީސީން ބުނީ މިރޭ އިފްތިތާހު ކުރާ ބިޔަ މަޝްރޫއުގައި ހައުސިން ޔުނިޓްތައް އަޅާނެ ޕްރައިވެޓް ސެކްޓަރުތަކާ އެކު ވެސް އެއްބަސްވުން އޮންނާނެ ކަމަށާއި މިއީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވެސް ކުރިއަށްދާނެ އެންމެ ބޮޑު މަޝްރޫއު ކަމަށެވެ.

ރައީސްގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ މިއަދު "ސަން" އަށް ވިދާޅުވީ މިރޭ ރައީސް ޔާމީން އިފްތިތާހުކޮށްދެއްވާ ހައުސިން މަޝްރުއުއަކީ މިހާތަނަށް މިގޮތަށް ކުރިއަށް ގެންދާ އެންމެ ބޮޑު މަޝްރޫއު ކަމަށެވެ. އަދި ވިދާޅުވީ އެ މަޝްރޫއުގެ ދަށުން މިވަގުތު ބޯހިޔާވަހިކަމަށް ދަތިވެފައިތިބި އެތައް ހާސް ރައްޔިތުންނަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަަމަށެވެ.

ސަރުކާރުން ބުނީ މިރޭ އިފްތިތާހު ކުރާ މަޝްރުއުއަކީ މުޅިން އައު މަޝްރުއުއެއް ކަމަށާއި އެ މަޝްރޫއުގެ އިތުރުން ސަރުކާރުން މިހާރު ފަށާފައިވާ 15000 ހައުސިންގް ޔުނިޓްގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށެވެ.