15 Nov 2017, 11:45
ހަރާރޭ (ނޮވެމްބަރު 15): ޒިމްބާބުވޭގެ އަސްކަރިއްޔާއިން އެގައުމުގެ ދައުލަތުގެ މީޑިއާ ޒެޑްބީސީ ހިފައި، އެގައުމުގެ ސަރުކާރުގައި ތިބި "ކުށް ކުރާ ފަރާތްތަކާ" ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފި އެވެ.
ޒެޑްބީސީ މެދުވެރިކޮށް މޭޖާ ޖެނެރަލް ސިބުސިސޯ މޮޔޯ ދެއްވި ބަޔާނެއްގައި އޭނާ ވަނީ ގައުމުގެ ރައީސް ރޮބަޓް މުގާބޭ އާއި އޭނާގެ އާއިލާ ސަލާމަތުން ތިއްބެވި ކަމަށް ވިދާޅުވެފަ އެވެ. އަދި އަސްކަރިއްޔާ އިން އުޅެނީ ބަޣާވާތެއް ކުރަން ނޫން ކަމަށާއި، ސިފައިން ބޭނުން ވަނީ "ގައުމަށް އިޖުތިމާއީ ގޮތުންނާއި އިގުތިސާދީ ގޮތުން ގެއްލުންދިން ސަރުކާރުގެ މުޖުރިމުންނާ ދެކޮޅަށް ފިޔަވަޅު އަޅަން" ކަމަށް ވިދާޅުވެފަ އެވެ.
މީގެ އިތުރުން މޮޔޯ ވަނީ އަސްކަރިއްޔާގެ އެމަސައްކަތް ނިމުމާ އެކު ގައުމު އާއްމު ހާލަތަށް ރުޖޫއަ ވާނެ ކަމަށް ވިދާޅުވެފަ އެވެ. އެމަސައްކަތުގެ ތެރެއިން ފިޔަވަޅު އަޅާނީ ކޮން ބަޔަކާ ދެކޮޅަށް ކަން މޮޔޯ ފާހަގަ ނުކުރެއްވި ނަމަވެސް ބައެއް ރިޕޯޓުތަކުގައިވާ ގޮތުން ސިފައިން ވަނީ ފިނޭންސް މިނިސްޓަރު އިގްނޭޓިއަސް ޗޮމްބޯ ހައްޔަރުކޮށްފަ އެވެ.
ޒިމްބާބުވޭގެ އަސްކަރިއްޔާ އިން އެގައުމުގައި ބާރު ހިންގަން ފެށީ އެގައުމުގެ ސިފައިންގެ ވެރިޔާ ކޮންސްޓަންޓީނޯ ޗިވެންގާ ބަޣާވާތް ކުރަން އުޅޭ ކަމަށް ވެރިކަން ކުރާ ޒަނޫ-ޕީއެފް ޕާޓީން ތުހުމަތު ކުރި ފަހުންނެވެ. އެތުހުމަތުތައް ފެންމަތިވީ ގައުމުގެ ނައިބު ރައީސް ކަމުން މިދިޔަ ހަފްތާގައި ވަކިކުރީ އެ މާސަން މަންގާގުވާ އަށް ތާއިދު ކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅަން އަސްކަރިއްޔާ އިން ތައްޔާރަށް އޮތް ކަމަށް ޗިވެންގާ ވިދާޅުވުމުންނެވެ.
މަންގާގުވާ މަގާމުން ދުރުކުރީ އޭނާގެ ޒިންމާތައް ފުރިހަމައަށް އަދާ ނުކުރައްވާތީ އާއި އޭނާ "ތެދުވެރި ނޫން" ކަމަށް ފާހަގަ ކުރެވުމުން ކަމަށް އެގައުމުގެ އިންފޮމޭޝަން މިނިސްޓަރު ސިމޮން ޚާޔާ ވިދާޅުވި އެވެ. (ބީބީސީ)