އަންނަ އަހަރަށް ލަފާކޮށް 27.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

މިނިސްޓަރު ވިދާޅުވީ އަންނަ އަހަރު ދައުލަތަށް އާމްދަނީގެ ގޮތުގައި އަދި އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވެނީ 22.4 ބިލިއަން ރުފިޔާ ކަމަށެވެ. އަދި ހަރަދަކީ 24.9 ބިލިއަން ރުފިޔާ ކަމަށެވެ.

ބަޖެޓް ޑެފިސިޓްވާނީ 2.5 ބިލިއަން ރުފިޔާ އިން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަންނަ އަހަރުގެ ބަޖެޓުގައި އުމްރާނީ ތަރައްގީއަށް 7.1 ބިލިއަން ރުފިޔާ ހަރަދު ކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މުނައްވަރު ވިދާޅުވީ 2018 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދީ ދުވެލި ހަ ޕަސެންޓް ރޭޓުގައި ކުރިއަރާނެ ކަމަށެވެ. އިންފްލޭޝަން ހުންނާނެ ކަމަށް ލަފާކޮށްފައި ވަނީ ތިން ޕަސެންޓްގަ އެވެ.

ދައުލަތުގެ ބަޖެޓްގެ 43 ޕަސެންޓް ހަރަދު ކުރުމަށް ނިންމާފައި ވަނީ ކެޕިޓަލް ހަރަދުތަކަށެވެ. ރިކަރަންޓް ހަރަދުތަކަށް ބަޖެޓްގެ 57 ޕަސެންޓް ކަނޑައަޅާފައިވާ އިރު އެންމެ ބޮޑު ހަރަދެއް ކުރަން ނިންމާފައި ވަނީ ޕެންޝަނަށާއި މުސާރަ އަށެވެ. ރިކަރެންޓް ހަރަދަކީ ޖުމްލަ 16.1 ބިލިއަން ރުފިޔާ އެވެ.

އަންނަ އަހަރުގެ ބަޖެޓުން ހަރަދު ކޮށްގެން ދަރުމަވަންތަ ހޮސްޕިޓަލް ނިންމުމަށް ކަނޑައަޅާފައިވާ އިރު ހަރަތު އެއާޕޯޓެއްގެ މަސައްކަތް ކުރުމަށް ވެސް އަންނަ އަހަރަށް ވަނީ ބަޖެޓްކޮށްފަ އެވެ.

މީގެ އިތުރުން ތައުލީމީ ދާއިރާއަށް 154 މިލިއަން، މަތީ ތައުލީމަށް 210 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ހުށަހެޅުމަށް މިއަދު ބޭއްވި ޖަލްސާގައި ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު މުނައްވަރު ވިދާޅުވީ މި އަހަރު ނިމޭ އިރު ދިވެހި ދައުލަތުގެ ރަސްމީ ރިޒާވް 500 މިލިއަން ޑޮލަރަށް އަރާނެ ކަމަށެވެ. އަދި މި އަހަރު ނިމޭ އިރު ދައުލަތުގެ ދަރަނި 43 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އަންނަ އަހަރަށް 27.9 ބިލިއަން ރުފިޔަގެ ބަޖެޓެއް މަޖިލީހަށް ހުށަހަޅާފައިވާ އިރު ސަޕްލިމެންޓްރީ ބަޖެޓާ އެކު މިހިނގާ 2017 ވަނަ އަހަރުގެ ބަޖެޓުގެ ގޮތުގައި 27.1 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.