15 Nov 2017, 10:59
މިވަގުތު ދައްކަންވީ ގައުމީ ޓީމަށް ކުޅުނު ހުއްޓާލާފައިވާ ޒްލަޓަން އިބްރަހިމޮޗްގެ ވާހަކަ ނޫން ކަމަށާއި މިވަގުތު އެންމެ ރަނގަޅުވާނީ ގައުމުގެ އާ ބަޠަލުންގެ ތެރޭގައި ހިމެނޭ ކުޅުންތެރިންގެ ވާހަކަ ދެއްކުން ކަމަށް ސްވިޑަން ގައުމީ ޓީމުގެ ކޯޗު ޔާން އެންޑަސަން ބުނެފި އެވެ.
ސްވިޑަން އިން ވަނީ ޕްލޭ އޯފްގައި 1-0 ލަނޑުގެ އެގްރިގޭޓަކުން އިޓަލީގެ މައްޗަށް ކުރި ހޯދައި، ވޯލްޑް ކަޕްގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ. ސްވިޑަން އަތުން ބަލިވި އިޓަލީއަށް ވަނީ ވޯލްޑް ކަޕުން ޖާގައެއް ގެއްލިފަ އެވެ. މިއީ 1958 ވަނަ އަހަރަށް ފަހު، ވޯލްޑް ކަޕްގެ ޖާގައެއް އިޓަލީއަށް ގެއްލުނު ފުރަތަމަ ފަހަރެވެ.
ސްވިޑަނުން ވޯލްޑް ކަޕްގެ ޖާގައެއް ކަށަވަރު ކުރުމާ އެކު، ސްވިޑަން ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ކާމިޔާބު ކޮށްދިން އިބްރަހިމޮވިޗް އެނބުރި ގައުމީ ޓީމަށް ކުޅެން ފަށާނެ ކަމަށް ބުނެ، ވާހަކަތައް ފެތުރެން ފެށި އެވެ. ސްވިޑަން ގައުމީ ޓީމަށް އިބްރަހިމޮވިޗް ކުޅުން ހުއްޓާލީ، ޔޫރޯ 2016 އަށް ފަހު އެވެ.
އުމުރުން 36 އަހަރުގެ މެންޗެސްޓާ ޔުނައިޓެޑްގެ ސްޓްރައިކަރު އިބްރަހިމޮވިޗްގެ ކަކުލުގެ ލިގަމެންޓަށް ލިބުނު އަނިޔާއަކާ ގުޅިގެން މިދިޔަ އޭޕްރީލް މަހުން ފެށިގެން އޭނާ ހުރީ ކުޅުމާ ދުރުގަ އެވެ. އިޓަލީއާ ދެކޮޅަށް ކުޅުނު ދެ ވަނަ ލެގު މެޗަށް ފަހު ވާހަކަ ދައްކަމުން ސްވިޑަންގެ ކޯޗު އެންޑަސަން ބުނީ، އަމާޒު ބަހައްޓަންވީ މިހާރު ޓީމުގައި ތިބި ކުޅުންތެރިންނަށް ކަމަށެވެ.
"އިބްރަހިމޮވިޗް ވަނީ މީގެ ދޮޅު އަހަރު ކުރިން ކުޅުން ހުއްޓާލާފައި. އަދިވެސް އަހަރެމެން މިދައްކަނީ އޭނާގެ ވާހަކަ. މިހާރު އަހަރެމެން ދައްކަންވީ ޓީމުގައި ތިބި މޮޅެތި ކުޅުންތެރިންގެ ވާހަކަ. މިއަދު އަހަރެމެންގެ ތެރޭގައި ގިނަ ބަޠަލުންތަކެއް ހިމެނޭ. އަހަރެމެންނަށް މި ހޯދުނު ނަތީޖާއާ މެދު ވަރަށް ހިތްހަމަޖެހޭ،" ސްވިޑަންގެ ކޯޗު ބުންޏެވެ.
އެންޑަސަން ބުނީ، ސްވިޑަން ގައުމީ ޓީމަށް އިބްރަހިމޮވިޗް ކުޅުނު ދުވަސްވަރު ޓީމުގެ ކުޅުން ބައްޓަން ކުރެވުނީ މުޅިން ތަފާތު ސިސްޓަމަކަށް ކަމަށާއި އިބްރަހިމޮވިޗް އަކީ ވަރުގަދަ ޗެމްޕިއަނެއް ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި މިހާރު ސްވިޑަން ޓީމުން ކުޅެނީ މުޅިން ތަފާތު ސިސްޓަމަކަށް ކަން ވެސް ސްވިޑަންގެ ކޯޗު ފާހަގަކުރި އެވެ.