16 Nov 2017, 08:57
ސަންޖޭ ލީލާ ބާންސާލީ ޑައިރެކްޓްކޮށް އުފައްދާ ފިލްމް 'ޕަދްމާވަތީ' ކުޅެން އެންމެ އުނދަގޫވި ތަރިއަކީ ޝާހިދު ކަޕޫރުކަމަށް ފިލްމުގެ އަންހެން ލީޑު ކުޅޭ ބަތަލާ ދީޕިކާ ޕަދުކޯން ބުނެފި އެވެ.
ދީޕިކާ ބުނީ ބާންސާލީއާ އެކީ މަސައްކަތް ކުރުމަކީ އެހާ ފަސޭހަ ކަމެއް ނޫން ކަމަށާއި އަނެއް ކޮޅުން އޭނާގެ ފިލްމެއްގައި ޝާހިދު އެ މަސައްކަތް ކުރީ ފުރަތަމަ ފަހަރު ކަމަށެވެ. އެހެންވެ އޭނާ އަށް ޝޫޓިންގް ތެރޭގައި ކޮންމެ ވެސް ވަރެއްގެ އުނދަގޫތަކެއް ކުރިމަތިވި ކަމަށެވެ.
"އަހަރެންނާއި ރަންވީރަށް އެހާ އުނދަގުލެއް ނުވި އޭނާ އަކީ މަސައްކަތަކުރާކަށް. އެއީ ކުރިން ވެސް ބަންސާލީއާ އެކީ މަސައްކަތް ކުރެވިފައި ހުންނާތީ. ފިލްމުގެ ކެރެކްޓާއަށް ވަދެވޭލެއް ބޮޑު ކަމުން ގޮސް ޝޫޓިން ނިމުމަށް ފަހު ވެސް އެ ކެރެކްޓާގެ ޒޯނުން ބޭރުވާން ވަރަށް އުނދަގޫ. އެހާވެސް ބޮޑަށް ބަންސާލީ އަހަރެމެން އޭގެ ތެރެއަށް ވައްދާ،" އޭނާ ބުންޏެވެ.
ޕަދްމާވަތީއަކީ ތާރީޚީ ލޯބީގެ ފިލްމެކެވެ. އެ ފިލްމުގައި ދީޕިކާ ޕަދްކޯން، ރަންވީރް ސިންހް އަދި ޝާހިދު ކަޕޫރު ފެނިގެންދާނެ އެވެ.
އަންނަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ އެ ފިލްމާ މެދު މުޅި އިންޑިއާ ފަހުރުވެރިވާނެ ކަމަށް މީގެ ކުރިން ޝާހިދު ވަނީ ބުނެފަ އެވެ.