05 Aug 2011, 11:20
މޯބައިލް ފޯނު އުފައްދާ އިންޑިޔާގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ މައިކްރޯ މެކްސްއިން އެ ކުންފުނީގެ އުފެއްދުންތައް އިއްޔެ ރާއްޖެއަށް ތައާރަފްކޮށްފި އެވެ.
މައިކްރޯ މެކްސްގެ އުފެއްދުންތައް ރާއްޖެއަށް ތައާރަފް ކުރުމުގެ ގޮތުން ރޭ ދަރުބާރުގޭގައި ބޭއްވި ހަފްލާގައި އެ ކުންފުނިން އުފައްދާފައިވާ ނުވަ ވައްތަރެއްގެ މޯބައިލް ފޯނު ދައްކާލި އެވެ. ރޭގެ ހަފުލާގައި މައިކްރޯމެކްސް ރާއްޖޭގެ ވިޔަފާރި ޕާޓްނަރެއްގެ ގޮތުގައި ސެންސް ވުޑް މޯލްޑިވްސް އަދި ނެޓްވޯކް ޕާޓްނަރެއްގެ ގޮތުގައި ރާއްޖޭގެ މުވާސަލާތީ ކުންފުނި ދިރާގު ވަނީ ތައާރަފު ކޮށްފަ އެވެ.
މައިކްރޯ މެކްސްގެ ސާކް ސަރަހައްދުގެ ޖެނެރަލް މެނޭޖަރް ވިކާޝް ޝަރުމާ ވިދާޅުވީ އެ ކުންފުންޏަކީ އިންޑިޔާގެ މޯބައިލް އުފައްދާ ކުންފުނިތަކުގެ ތެރެއިން މިހާރު ތިން ވަނައަށް އެންމެ ބޮޑު ކުންފުނި ކަމަށާއި އެ ކުންފުނީގެ އަމާޒަކީ އަބަދުވެސް އާ އުފެއްދުންތައް އަތްފޯރާ އަގުތަކެއްގައި މީހުންނަށް ފޯރުކޮށްދިނުން ކަމަށެވެ.
މައިކްރޯ މެކްސްއިން ތައާރަފްކުރި ނުވަ ފޯނަކީ މައިކްރޯ މެކްސް އެކްސް 100، އެކްސް 330، އެކްސް 505، އެކްސް 360، ކިއު 50 ، އެމް2 ، އެކްސް 550، އޭ 60، އަދި އޭ 55 އެވެ.
މައިކްރޯމެކްސްއިން ބުނީ އެ ކުންފުނިން 66 ވައްތަރެއްގެ ފޯނު އުފެއްދި ނަމަވެސް ރާއްޖެއަށް މިތައާރަފް ކުރި ނުވަ ވައްތަރަކީ ރާއްޖެއާ އެންމެ ގުޅޭ ކަމަށް އެކުންފުންޏަށް ގަބޫލުކުރެވޭ ފޯނުތައް ކަމަށެވެ. ރޭ ތައާރަފް ކުރި ގިނަ ފޯނު ތަކަކީ ދެ ސިމް ލެއްވޭ ފޯނުތަކެވެ.
މައިކްރޯ މެކްސްގެ ފޯނުތައް ރާއްޖޭގެ އަންހެން ކުދިންގެ މެދުގައި ވަރަށް މަގުބޫލެވެ.